ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ނާޒިމްގެ މައްސަލާގައި އަދީބާ ސުވާލެއް ނުކުރޭ: ވަކީލް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގެއަށް ފިސްތޯލަ ވެއްދީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުކަން ފުލުހުންނަށް ސާބިތުކުރެވިފައިވާ ކަމަށް ނާޒިމްގެ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވެފައިވަނިކޮށް އަދީބުގެ ވަކީލް މޫސާ ސިރާޖު އެ ވާހަކަތައް ދޮގު ކުރައްވައިފި އެވެ.

އަދީބުގެ ވަކީލް މޫސާ ސިރާޖު ވިދާޅުވީ، ނާޒިމް ފްރޭމްކުރި ކަމަށް އަދީބަށް ތުހުމަތުކޮށް މިހާތަނަށް އެކަމުގެ ތަހުގީގު ހިންގާ އަދީބާ ސުވާލުކޮށްފައިނުވާ ކަމަށެވެ.

ސިރާޖު މިހެން ވިދާޅުވިއިރު މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުއޫދު ވިދާޅުވެފައިވަނީ، ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށާއި އެކަން ފުލުހުންނަށް ވެސް މިހާރު ސާބިތުކުރެވިފައިވާ ކަމަށެވެ. އަދި އެކަމުގައި އަދީބަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕީޖީއަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

"ހަތިޔާރުން ނެގި ޑީއެންއޭ ދިމާވާ ބޭފުޅަކީ އޭރުގެ މިނިސްޓާ އޮފް ޓޫރިޒަމް އަހުމަދު އަދީބު، ނާޒިމްގެ ގެއަށް ހަތިޔާރު ވެއްދި މީހަކީ އަދީބުކަން ފުލުހުންނަށް ސާބިތުވާތީ މާދަމާ ފުލުހުން ފޮނުވާނެ އަދީބަށް ދައުވާކޮށްދިނުމަށް އެދި،" ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ، ނާޒިމް ފްރޭމްކޮށްފައިވާކަން ފުލުހުންނަށް ވެސް ސާބިތުވެފައިވާ ކަމަށާއި އެހެންކަމުން ނާޒިމް މިހާރުން މިހާރަށް ދޫކޮށްލަން ޖެހޭ ކަމަށެވެ. ނާޒިމަކީ އެއްވެސް ކުށެއް ނެތް މީހެއް ކަމަށެވެ.