މީހުން

ހަގީގީ މިސްޓަ މޯލްޑިވްސްއަކީ މިއީ!

"ސިފައިންގެ ފަޔާގައި މަސައްކަތްކުރަން ފެށީމަ މަޖުބޫރުވީ ވަރުގަދަ މީހަކަށް ބަދަލުވާން. އެއީ އަލިފާން ނިއްވަން ބޭނުންކުރާ ހޮޅިއާއި އެ ހުރިހާ އާލާތްތަކެއް ވެސް އުފުލަން ޖެހުނީމަ އާދައިގެ މީހަކަށް އެކަން ނުވާނެތީ. މީހުން ސަލާމަތްކުރަން އަލިފާނުގެ ތެރެއަށް ވަދެގަންނަން ބޭނުންކުރާ ހާއްސަ ކިޓަކީ ވެސް ގާތްގަނޑަކަށް 25 ކިލޯގެ ޕެކޭޖެއް،" އޭނާގެ ވާހަކަ ފެށީ މިހެންނެވެ.

"އެހެންވީމަ އޭރު އަޅުގަނޑު ހުރި ގޮތަށް ބަހައްޓާފައި އެ ހުރިހާ އާލާތްތަކެއް އަޅުގަނޑުގެ ގައިގައި އަޅުވާލީމަ އަޅުގަނޑުގެ ގައިގެ ހުރިހާ ކަށިތަކެއް ބޭރަށް ނުކުންނަހެން ހީވަނީ."

އޭރު އޭނާގެ ބަރުދަނުގައި ހުންނަނީ ގާތްގަނޑަކަށް 45 ކިލޯ އެވެ. ދެރަވަރުކޮށް ހެދިފައިހުރި، މާ ބޮޑު އިސްކޮޅެއް ވެސް ނެތް ޒުވާނެކެވެ.

މިއީ ނިހާދު ރަޝީދުގެ ވާހަކަ އެވެ. ނުވަތަ ގިނަ މީހުންނަށް އެނގޭނީ، ބޮޑީބިލްޑްކުރާ ބެއްޔާއޭ ބުނިއްޔާ އެވެ. އެހެންވީމަ، ބެއްޔާ، ބެއްޔާ އަށް ވީ ހިސާބުން އޭނާގެ މި އާދަޔާހިލާފު ވާހަކަ ފަށައިގަންނަމާ ހިނގާށެވެ.

"އަޅުގަނޑު ސިފައިންގެ ފަޔާއާ ގުޅުނީ 92ގައި. އޭރު އަޅުގަނޑަކީ ސިފައިންގެ ފަޔަރުގައި ހުރި ހަމައެކަނި އައްޑޫ މީހާ. ދެން އެއާޕޯޓްގައި ތިބޭ އަލިފާން ނިއްވާ މީހުންގެ ތެރޭގައި އޭރު އުޅޭނެ ބެއްޔާގެ ނަމުން މަޝްހޫރު އައްޑޫ މީހެއް. އެންމެފަހުން އޭނާ އާއި އެ ނަމާ ގުޅުވައިގެން އަޅުގަނޑަށް ވެސް ބެއްޔާގެ ނަން ހަރުކޮށްފި،" ސ. ހިތަދު އަށް އުފަން ބޮޑީބިލްޑަރު ބެއްޔާއަށްވި ގޮތް އޭނާ ކިޔައިދިނީ މިހެންނެވެ.

ދެން މި އޮތީ އެއަށް ވުރެ ވެސް ކުރީގެ ވާހަކަ އެކެވެ. މަޝްހޫރު ބޮޑީބިލްޑަރެއްގެ ގޮތުގައި ހޮލީވުޑަށް ނުކުމެ ބޮޑު ސްކްރީން ފަތަހަކުރި އާނޯލްޑް ޝްވަޒްނެގާގެ ފޭނެއްގެ ގޮތުގައި، އާނޯލްޑް ފިލްމުތަކުގައި ދެއްކި ޗަރުކޭސް ޖައްސަން "ކުޑަ ކުޑަ ބެއްޔާ" އުޅުނު ދުވަސްތަކުގެ ވާހަކަ އެވެ.

އޭނާ އަކީ އާނޯލްޑްގެ ނިކަން ބޮޑު ފޭނެކެވެ. ބޮޑީ ބިލްޑިންގެ އޭބީސީ އޭނާ ދަސްކުރީ ވެސް އާނޯލްޑްގެ ކެރިއަރުގެ ވާހަކަ ފޮތުންނެވެ.

"އެ ފެންވަރުގެ ބޮޑީއެއް ލިބިދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ އޭރަކު. އޭރު އާނޯލްޑްމެން ފެނުނީމަ ވެސް ހީކުރަނީ އެއީ އެމީހުން އުފެދުމުގައި ވެސް ތިބި ނުވަތަ ތިބޭ ގޮތް ކަމަށް. އެމީހުންނަކީ އާދަޔާހިލާފު ރޮބަޓުތަކެއް ފަދަ ބައެއް ކަމަށް ވިސްނިފައި އޮތީ އޭރު،" ސަމާސާ ރާގެއްގައި ބެއްޔާ ބުނީ މިހެންނެވެ.

ކޮންމެއަކަސް އާނޯލްޑް އާއި އޭނާގެ ފިލްމާއި ކެރިއަރުގެ ވާހަކަ އަށް އޭރު މިވަރުގެ ސަމާލުކަމެއް ދިނަސް އޭނާ ފަދަ ބޮޑީބިލްޑަރަކަށް ވުމުގެ އެއްވެސް ވިސްނުމެއް މި ބެއްޔާގެ ބޮލަކު ނެތެވެ. އެވިސްނުން ބޮލަށް ވަނީ މާ ފަހުންނެވެ.

އެ ވާހަކަ ކިޔައިދޭން އަނެއްކާވެސް މި ވަންނަން ޖެހެނީ ސިފައިންގޭގެ ފުރާޅުގެ ދަށަށެވެ.

ކުޑައިރު، ބެއްޔާގެ އަމާ އާއި ބައްޕަގެ ކައިވެނި ރޫޅި އޭނާގެ ކިޔެވުން ހުއްޓި މީހާ ހާލުގައި ޖެހުނީ އެވެ. ދާނެ ދިމާލެއް، ކުރާނެ މަސައްކަތެއް ނޭނގިފައި އެހެން ހުއްޓައި އޭނާ ސިފައިންގެ އަށް ވެއްދީ އޭނާގެ ޅިޔަނެކެވެ.

ސިފައިންގެއިން ވަޒީފާ ލިބުނުއިރު ބެއްޔާ އަކީ "ފިޓްނެސް"ގެ ގޮތުން ވެސް އެންމެ ނިކަމެތި މީހާ އެވެ. ނަމަވެސް ކުރިން ވެސް ކިޔައިދިން ފަދައިން، އަލިފާން ނިއްވާ މީހެއްގެ ވަޒީފާއާ އެކު އޭނާގެ ދިރިއުޅުން ބަދަލުކޮށްލީ އެވެ.

ދެން މި އޮތީ ސިފައިންގެ ތެރެއަށް އޭނާ ގެނައި "ފިޓްނަސް އިންގިލާބެވެ".

އަލިފާން ނިއްވާ އާލާތްތައް ކޮނޑުގައި އަޅައިގެން ދުވެވޭ ފެންވަރުގެ މީހަކަށް ބަދަލުވުމަށް ޖިމެއް ކަހަލަތަނަށް ގޮސް ކަސްރަތުކޮށްލަން ބެލިއިރު ސިފައިންގެ ތެރޭގައި އޭރު އޮތް ގަވާއިދަކާ ހެދި އެ ފުރުސަތެއް ބެއްޔާއަކަށް ނުލިބުނެވެ. ސިފައިންގެ ޖިމަށް އޭރު ވަދެވެނީ އޮފިސަރުންނަށް އެކަންޏެވެ.

ނަމަވެސް މިކަންވީ، ބެއްޔާގެ ހިތުގައި އަޅައިގެން އުޅުނު ކަންތަކަށް އެޅުނު ހުރަހަކަށް ނޫނެވެ. ލިބުނު ހިތްވަރަކަށެވެ.

"އަޅުގަނޑަކީ ސިފައިންގެ ތެރޭގައި އޮތް އެ ތަފާތުކުރުން ނައްތާލި މީހާ،" ބެއްޔާ ބުނެލި އެވެ.

"ޖިމުން ފުރުސަތު ނުލިބުނީމަ އަޅުގަނޑު ޖިމަށް ދާން ފެށީ އެތަނުގެ ސާމާނާއި އާލާތްތަކަށް ތެޔޮ ޖަހައި ސާފުކޮށްދޭ މީހެއްގެ ގޮތުގައި. އެ މަސައްކަތަށް އަމިއްލަ އަށް އިސް ނެގީ ޖިމް ޖައްސަންވެގެން،" މިއީ ބެއްޔާ ދެން ހެދިގޮތެވެ.

"އެހެންވީމަ މި އެއްޗެހީގައި ތެޔޮލައި ސާފުކުރާ މީހަކަށް ވެގެން ގޮސް އަޅުގަނޑު މިކުރާ ކަމަކީ ކޮންމެ ދުވަހަކު ވެސް މި އެއްޗެހިތައް ބޭނުންކޮށްގެން ކަސްރަތުކުރަނީ. އެގޮތަށް ކޮންމެ ދުވަހަކު ވެސް 45 މިނެޓް ނުވަތަ އެއްގަޑިއިރު ސިއްރުގައި ޖިމް ޖައްސަމުން ދަނިކޮށް ހަށިގަނޑަށް ބަދަލުތަކެއް އަންނަ ކަމުގެ އިހްސާސްކުރެވިއްޖެ."

އޭރު އޭނާ އަކީ އޮފެއް، ޗުއްޓީއެއް އަދި ބަލިވެގެން ސަލާމެއް ވެސް ބުނާ މީހެއް ނޫނެވެ. އެއްކޮޅުގައި ކަސްރަތުކުރީ ޖިމުގަ އެވެ. އަނެއްކޮޅުން ލިބުނު ހުސް ވަގުތުތަކުގައި ހިތު ދަސްކުރީ ސިފައިންގޭގެ ލައިބްރަރީގައި އޮތް ބޮޑީ ބިލްޑިންއާ ބެހޭ ބޮޑު އެންސައިކްލޮޕީޑިއާ އެކެވެ. 

"އޭގައި އޮންނާނެ އާނޯލްޑްގެ ބޮޑީ ބިލްޑިން ހިސްޓްރީ އޭ ޓް ޒެޑަށް. އެއީ ބޭރަށް ގެންދެވޭ ފޮތެއް ނޫން. ދެން މި ފޮތުން އަޅުގަނޑު ދަސްކުރަން ފެށީ. ހުސް ވަގުތުތަކުގައި ކިޔާ ފޮތަކީ މިއީ،" ބެއްޔާ ކިޔައިދިނެވެ.

"ދެން އޭގައި ހުރި ބޭސިކުން ފެށީ ބޮޑީ ބިލްޑިން. އެހިސާބުން އާނޯލްޑްގެ ސިފަ މަޑުމަޑުން ލިބެން ފަށައިފި."

އެންމެފަހުން އޭނާ ފަހަތުން ސިފައިންގެ އާދައިގެ އެހެން މީހުން ވެސް ޖިމަށް ދާން ފެށީ އެވެ. އެގޮތަށް އޭނާއާ އެކު އާދައިގެ ސިފައިންގެ މީހުން ޖިމަށް ދާން ފެށުމުން ބައެއް އިސް އޮފިސަރުން އެމީހުންނަށް ހުރަސް އަޅައި ޖިމުން ބޭރުކޮށްލި ކަމަށް ވެސް ބެއްޔާ ބުންޏެވެ. 

"ނަމަވެސް އެމީހުންނަކަށް ވެސް އަބަދަކު ނުތިބެވޭނެތާ އަޅުގަނޑުމެންނަށް ފާރަލައިގެންނެއް ވެސް. ދެން އެންމެފަހުން އަޅުގަނޑުމެން ޖިމަށް ގޮސް ގޮސް އަޅުގަނޑުމެންގެ ކްރައުޑް ވަރަށް ބޮޑުވެއްޖެ،" ދެން އޭނާ ބުނީ މިހެންނެވެ.

އެހިސާބުން ސިފައިންގެ ޖިމުގެ ދޮރު އެތަނުގެ އެންމެނަށް ހުޅުވުނީ އެވެ. އަދި ޖިމް ޖައްސައިގެން ބެއްޔާ އާއި އޭނާގެ އާދައިގެ އެކުވެރިން ދައްކަމުން ދިޔަ ޗަރުކޭސްތަކާ ގުޅިގެން އޮފިސަރުން ފެންވަރުގެ މީހުން ވެސް ޖިމަށް ދާން ނުކުތީ އެވެ. އޭގެ ކުރިން، ބެއްޔާ ބުނަނީ ސިފައިންގެ އަކީ ކަސްރަތަށް މާ ބޮޑު ފޯރިއެއް އޮތް ތަނެއް ނޫން ކަމަށެވެ.

"އެކަމަކު ޖިމް ޖައްސައިގެން އަޅުގަނޑުމެންނަށް އަންނަން ފެށި ބަދަލުތައް އެހެން މީހުންނަށް ފެންނަން ފެށީމަ މިކަމުގެ ފޯރި ނިކަން ގަދަވެއްޖެ ސިފައިންގެ ތެރޭގައި. އެއީ މިސާލަކަށް ފިޒިކަލް ޓެސްޓްތަކުގައި ވެސް 40 ޕުޝްއަޕްސް ހަދަން އޮންނައިރު ވެސް ނިކަން ފަސޭހައިން އަޅުގަނޑުމެން 80 ވެސް ހަމަކޮށްލަނީ ވަގުތު ވެސް ހަމަ ނުވަނީސް،" ބެއްޔާ ބުންޏެވެ.

މި އިންގިލާބަށް ފަހު ދެން އޭނާ ކުރިމަތިލީ ބޮޑީ ބިލްޑިންގެ ފުރަތަމަ ގައުމީ މުބާރާތާ އެވެ. އެއީ 1999 ވަނަ އަހަރެވެ. އާނޯލްޑްގެ ޑައެޓް ހިތު ދަސްކޮށްގެން އޭނާ ކަސްރަތުކުރާތާ އޭރު ދެ ތިން އަހަރުވެއްޖެ އެވެ.

އެންމެފަހުން މުބާރާތުގައި ވާދަކުރަންވެގެން ހާއްސަ ޑައެޓްތަކެއް ލިޔެގެން އޮފިސަރުންގެ ބަޔަކާ ވެސް ބައްދަލުކޮށްފި އެވެ.

"ދެން އޮފިސަރުން ވިދާޅުވެއްޖެ އެންމެ މީހަކު 10 ބިސްހޭ ކާންވީ. އެންމެ މީހަކު އެހާ ގިނައިން އެއްފަހަރާ ބިސް ކާކަށް ވެސް ނުވާނެޔޭ ވިދާޅުވެއްޖެ. މިހެން ވިދާޅުވެފައި އަޅުގަނޑުމެންނަށް މެނޫއެއް ވެސް ދެއްވައިފި. ލިބުނީ ހެނދުނުގެ ސަޔަށް ކޮންމެ މީހަކަށް އެއް ބިހާއި ދޮންކެޔޮ ވަކަކާއި ކިރު ތަށްޓެއް."

މި ޑައެޓް ނަގައިގެން މުބާރާތުގައި ވާދަކުރި ސިފައިންގެ ޓީމު ލަދު ގަންނުވާލީ މަގުމަތިން ގޮސް މުބާރާތުގައި ވާދަކުރި އާންމު ޒުވާނުންނެވެ. މެޑައްޔެއް ނުލިބި އެންމެން ފުލަށް ދިޔައިރު ކިރިޔާވެސް ވަނައެއްގައި ލައްވާލީ ބެއްޔާ އެވެ. އޭނާ އަކީ ވާދަކުރި ކެޓަގަރީގެ ތިން ވަނަ އެވެ.

މިހާ ހިސާބުން ސިފައިންގެ އޮފިސަރުންތައް ހޭއަރައި، ބެއްޔާ އެދުނު ޑައެޓް ހޯދައިގެން ގެނެސް ދެއްވައިފި އެވެ. ޖެހިގެން އައި އަހަރު މޭ ފުއްޕާލާފައި ގޮސް ބެއްޔާ އާއި އޭނާގެ އެކުވެރި ސިފައިންގެ ޓީމު ގާތްގަނޑަކަށް އެ މުބާރާތުގެ ހުރިހާ ވަނައެއް ގެންދިޔައީ އެވެ.

ބެއްޔާ އަކީ ވާދަކުރި ކެޓަގަރީގެ އެއް ވަނަ އެވެ. ޖުމްލަ ތިން ރަން މެޑަލާއި ދެ ރިހި މެޑަލް އަދި ލޯ އެއް މެޑަލް އެފަހަރު އެމީހުން ހޯދި އެވެ. އަދި އެންމެފަހުން ކުރިން ނުވަދެވުނު ޖިމުގެ "ވެރިޔަކަށް" ވެސް ބެއްޔާ ވެއްޖެ އެވެ.

ހުރިހާ ވެސް ޝުކުރެއް އާނޯލްޑްގެ ވާހަކަ ކިޔައިދިން ފޮތަށެވެ. 

މިއީ ބެއްޔާގެ އާދަޔާހިލާފު ކެރިއަރުގެ ފެށުމެވެ. އިހަކަށް ދުވަހު ބޭއްވި "މިސްޓަ މޯލްޑިވްސް" މުބާރާތާ އެކު އޭނާގެ މި ކެރިއަރު ވަނީ މިހާރު ނިމުމަކަށް އައިސްފަ އެވެ. އުމުރުން 42 އަހަރުގެ ބެއްޔާ ބުނަނީ ކުރިއަށް އޮތް އަހަރު ސްޓޭޖުން ނުފެންނާނެ ކަމަށެވެ.

އޭނާގެ ހިތާމަ ވަރަށް ވެސް ބޮޑެވެ. ޝަކުވާތައް ގިނަ އެވެ. އަދި ބެއްޔާ ދައްކާ މި ވާހަކައިގައި ފުދޭވަރެއްގެ ބަރުދަނެއް ވެސް އެބަހުއްޓެވެ.

ރާއްޖޭގެ ބޮޑީބިލްޑިން ކުޅިވަރުގެ މަންޒަރުކުރަހާއިރު އަބަދުވެސް އެންމެ މަޝްހޫރު މޫނަކީ އަފްރާ އެވެ. ނުވަތަ ބޮޑީ އައްލާއޭ ކިޔުނު ލެޖެންޑެކެވެ. މިއީ ހަގީގަތުގައި ވެސް ދިވެހި ބޮޑީބިލްޑަރުންގެ ތެރެއިން ފާހަގަކޮށްލެވޭ ދެ ފަހުލަވާނުންނެވެ.

ނަމަވެސް ހަގީގަތަކީ އެމީހުން ބޮޑީބިލްޑަރުންގެ ގޮތުގައި ހޯދާފައިވާ ކާމިޔާބީއަށް ވުރެ ބެއްޔާ ހޯދާފައިވާ ކާމިޔާބީ ބޮޑު ކަމެވެ. އަދި ރާއްޖޭގެ ބޮޑީ ބިލްޑިން ސްޓޭޖުގައި ބެއްޔާ އަށް، ބަދުނަސީބު ނޫން އެއްޗެއް ލިބިފައި ނެތް ކަމެވެ.

އޭނާ އަކީ ރާއްޖޭގައި މިހާތަނަށް ބޭއްވި ބޮޑީބިލްޑިންގެ ކޮންމެ މުބާރާތެއް ވާދަކޮށްފައިވާ ފަރާތެކެވެ. ރާއްޖެ އިން ބޭރުގައި ވެސް 10 ފަހަރެއްގެ މަތިން ދިވެހިން ތަމްސީލުކޮށްދީފައިވެ އެވެ. 

މިފަދަ މުބާރާތްތަކުގައި އޭނާ ހޯދާފައިވާ ކާމިޔާބީ މަޝްހޫރު އެހެން ބޮޑީބިލްޑަރުންނަށް ވުރެ ގިނަކަން ވެސް ފާހަގަކޮށްލެވެ އެވެ. އެގޮތުން ސައުތު އޭޝިއާގެ މުބާރާތުން ރަނާއި ރިހި އަދި ލޯ މެޑަލް ހާސިލުކޮށްފައިވާއިރު ކޮމަންވެލްތު މުބާރާތެއްގައި ވާދަކޮށް މެޑައްޔެއް ލިބިފައިވާ ހަމައެކަނި ދިވެހި ބޮޑީބިލްޑަރަކީ ވެސް މިއީ އެވެ.

ނަމަވެސް ބެއްޔާގެ މި އާދަޔާހިލާފު ކެރިއަރު އޭނާ މި ނިންމާލަނީ، ރާއްޖޭގެ ބޮޑީބިލްޑިންގެ އެންމެ ޝަރަފްވެރި އެވޯޑް ނުލިބި އެވެ. އެއީ މިސްޓަ މޯލްޑިވްސްގެ މަގާމެވެ.

ދެން މި އޮތީ ބެއްޔާ ބުނާ ވާހަކަ އެވެ.

"އަޅުގަނޑަށް މިސްޓަ މޯލްޑިވްސް ނުލިބުމުގައި އެބައުޅޭ ވަރަށް ބައިވަރު މައްސަލަތަކެއް. އަޅުގަނޑަށް ގަބޫލުކުރެވެނީ މިކަން ކުރާ މީހުންނާ އަޅުގަނޑާ މައްސަލަ ޖެހިފައި އޮތް ކަމަށް"

"ސަބަބަކީ ރާއްޖެއިން ބޭރުގައި ސްޓޭޖަށް އެރީމަ އަޅުގަނޑަށް އެބަލިބޭ މެޑަލް. އެކަމަކު ރާއްޖޭގައި އެ މެޑަލް ނުލިބޭ ސަބަބަކީ ކޮބައިތޯ؟"

"އޭގެ އެއް މިސާލަކީ 2006ގެ މިސްޓަ މޯލްޑިވްސް މުބާރާތް. ނިކަން ވަރުގަދަކޮށް ނުކުތްއިރު އަޅުގަނޑާ ވާދަކުރީ ޖަޖަކަށް އިން ބޭފުޅަކު ޓްރެއިންކުރި އެކަކު. ދެން އޭނާ އަށް ލިބުނީ އެއް ވަނަ އެ ކެޓަގަރީން. އަޅުގަނޑަށް ދެ ވަނަ"

"އެކަމަކު އޭގެ އެއް މަސް ފަހުން، އަޅުގަނޑުގެ ކެޓަގަރީގެ އެއް ވަނަ އާއި އަޅުގަނޑު މި ދިޔައީ ދޯހާގައި އޮތް ބޮޑު މުބާރާތަކަށް. އެ މުބާރާތުގެ ފައިނަލްގައި އަޅުގަނޑު ވާދަކުރިއިރު މާލޭގައި އަޅުގަނޑު ބަލިކުރި މީހާ އަށް އެ ހިސާބަކަށް ނާދެވުނު."