ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ނާޒިމްގެ ގެއިން އަދީބުގެ ޑީއެންއޭ ފެނިފައިވޭ: ފުލުހުން

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ގެއިން ނެގި ސާންޕަލްތަކުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވެއްޖެ އެވެ.

މިރޭ އިސްކަންދަރު ކޮށީގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަވާޒު ވިދާޅުވީ، ނާޒިމް ގެއިން ފެނުނު ހަތިޔާރުން ނެގި ޑީއެންއޭ ޕްރޮފައިލްތަކުގެ ތެރެއިން އެއް ޑީއެންއޭ އަދީބާ ގުޅޭ ކަމަށެވެ. ނަމަވެސް ތަހުލީލުތައް ކުރަން ޖެހޭ ބައެއް ޕްރޮފައިލްތައް އެބަހުރި ކަމަށާއި ޕިސްތޯލުގައި ދެ މީހަކު އަތްލާފައި ހުރިކަން އެނގޭ ކަމަށް ނަވާޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މައްސަލަގައި މިހާރު ހޯދިފައިވާ ކަންކަމަށް އަދީބަށް ދައުވާކޮށްދިނުމަށް މާދަމާ ހެނދުނު ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށެވެ.

"ފުލުހުންގެ ފޮރެންސިކް އިން ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުގައި ފެނިފައިވާ އަންނައުން ޑީއެންއޭ ޕްރޮފައިލްތަކެއް ޓެސްޓު ކުރެވުނު. އޭގެން އެއް ޕްރޮފައިލް މިހާރު މިވަނީ ކުރީގެ ނައިބު ރައީށް އަހުމަދު އަދީބްގެ ޑީއެންއޭ ޕްރޮފައިލްއާ ދިމާވެފައި. މީގެ އިތުރުން ވެސް ތަހުގީގު ކުރަން ޖެހޭ ޕްރޮފައިލް އެ ހަތިޔާރުން ވަނީ ފެނިފައި އެ މަސައްކަތް މިހާރު ކުރަމުން އަންނަނީ ކުރަމުން،" ނަވާޒް ވިދާޅުވި އެވެ.

ނަވާޒް ވިދާޅުވީ ނާޒިމް ގެއިން ނެރުން ފިސްތޯލުން އަދީބުގެ ޑީއެންއޭ ފެނިފައިވީ ނަމަވެސް އެއީ ސީދާ އަދީބުގެ ހަތިޔާރެއް ކަމަށް ނުނިންމޭނެ ކަމަށެވެ. އަދި އަދީބާއި އެހެން ބަޔަކު ގުޅިގެން ނާޒިމް ފްރޭމް ކުރެވިފައިވޭތޯ ނިންމާނީ ޝަރީއަތުން ކަމަށް ނަވާޒު ވިދާޅުވި އެވެ. މި މައްސަލާގައި ކުރީގެ ސީޕީ ހުސެއިން ވަހީދު ކިހާވަރެއްގެ ދައުރެއް އަދާކޮށްފައިވޭތޯ އަދި މިކަމުގައި އޭނާއާ ސުވާލުކޮށްފައިވޭތޯ ނޫސްވެރިޔަކުން ސުވާލުކުރުމުން އެ ސުވާލަށް ނަވާޒު ޖަވާބު ދެއްވާފައެއް ނުވެ އެވެ.

މިރޭ ފުލުހުން މިހެން ބުނެފައިވާއިރު، މިރޭ އިރާކޮޅު ނާޒިމްގެ ވަކީލް ހުސްނުއް ސުއޫދު ވެސް ވަނީ މި މައުލޫމާތު ހިއްސާކޮށް ނޫސްވެރިންނަށް މައުލޫމާތު ދެއްވާފަ އެވެ. ސުއޫދު ވިދާޅުވީ، ނާޒިމް ފްރޭމްކުރިކަން ފުލުހުންނަށް ސާބިތުވެފައިވާ ކަމަށެވެ.

ނާޒިމްގެ އެޕާޓްމެންޓުން ހަތިޔާރު ފެނުމާ ގުޅިގެން ބަޑި ގުދަނުގެ ހާއްސަ އޮޑިޓެއް ވަނީ ކޮށްފައިވެ އެވެ. އެ އޮޑިޓާ ގުޅޭ ގޮތުން އަދީބު ފިސްތޯލަ ގެންގުޅުނު މައްސަލާގައި ސިއްރު ހެކިވެރިޔަކު މައުލޫމާތު ދީފައިވެ އެވެ. އެ ހެކިވެރިޔާ ބުނެފައިވާ ގޮތުގައި އެ އޮޑިޓުން ބަޑި ގުދަނުން ހަތިޔާރު މަދުވިކަމުގެ މައުލޫމާތު ހެކިވެރިޔާއަށް ލިބުނެވެ. ހަތިޔާރު މަދުވި މައްސަލަ ތަހުގީގު ކުރުމަށް ހެކިވެރިޔާ މަސައްކަތްކުރުމުން އަދީބުގެ ފަރާތުން އޭނާއަށް ދެފަހަރެއްގެ މަތިން އިންޒާރު ލިބުނު ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ފަހުން ހިނގާދިޔަ ކަންތައްތަކުގެ ތެރޭގައި ސިފައިންގެ ބަޑި ގުދަނުން ގިނަ އަދަދެއްގެ ހަތިޔާރު މަދުވެފައިވާ ކަމާއި ހިބަޅިދޫއިން ގިނަ އަދަދެއްގެ ހަތިޔާރު ފެނިފައިވެ އެވެ. ހިބަޅިދޫއިން ފެނުނު ހަތިޔާރުތަކާ އަދީބާ ގުޅުމެއްވާ ކަމަށް ތުހުމުތަކުރެވެ އެވެ.

ޒިމް ފްރޭމްކޮށްފައިވަނީ އަދީބު ކަމަށް މީގެކުރިން ވެސް ޝަރީއަތުގެ މަޖިލީހުގައި އެތައް ފަހަރަކު ވަނީ ތުހުމަތުކޮށްފަ އެވެ. ނަމަވެސް އޭރު އެކަމަށް ހެއްކެއް ދެއްކިފައެއް ނުވެ އެވެ. ބ. ހިބަޅިދޫއިން ފެނުނު ހަތިޔާރުގެ ސީރިއަލް ނަންބަރުތައް ފުހެލުމަށް ގެންގުޅެފައިވާ މެތަޑާއި އެ ދަވާދު ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައިގެ ސީރިއަލް ނަންބަރު ފުހެލުމަށް ބޭނުންކޮށްފައިވާ ކަމަށް ވެސް ނާޒިމް ވަނީ ކޯޓުގައި ފާހަގަކޮށްފަ އެވެ.