ރިޕޯޓް

މޫސާ އަންވަރު ރޮއިރޮއި "ބެންޑް" ވެފައި

Feb 14, 2015
5

ސ. ހިތަދޫ، ލާމިގޭ، މޫސާ އަންވަރު ދަންނަނީ ކިހިނެތްހެއްޔެވެ؟ އިޚުތިޔާރީ ފަސް ޖަވާބެއް އެބައޮތެެ. އެކެއް، އެމްއީއެސްގެ މަޝްހޫރު އަދަބީ ބުސްތާނުގެ ތެރެއިންނެވެ. ދޭއް، ތިމަންނާގެ މައްޗަށް ތިއްބެވި ވެރިން މަގާމުން ވަކިކުރަން، ދެން ތިއްބެވި ވެރިންނަށް ސިޓީ ފޮނުވާ ޒުވާން ގޮފީގެ ރައީސުގެ ގޮތު އެވެ. ތިނެއް، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅު މައްސަލަތައް ސުޕްރީމް ކޯޓަށް ހުށަހެޅި ޒުވާންކުއްޖެގެ ގޮތުއެވެ. ހަތަރެއް، ގާނޫނުން ދެމިގަނެވެން ހުންނަ ލޯވަޅުތައް ހޯދައި ކޯޓަށް ގެންގޮސް ލޯވަޅުތަކުގައި ޕެޗް އަޅާ ގާނޫނީ ތަޖުރިބާކާރެއްގެ ގޮތު އެވެ. ފަހެއް، ދިރިއުޅުން "ބެންޑްކުރައްވަމުން" ގެންދާ "ގިސްލާ ރޮވޭ ޒުވާނާގެ" ގެ ގޮތުގަ އެވެ.

މޫސަގެ އެންމެ ފަހުގެ އަޕްޑޭޓްތަކުން ފަށާއިރު މޫސަ އަކީ އަބަދުވެސް ދޭތެރެ ދޭތެރެއިން ސުރުހީ އަތުލާ ޒުވާނެވެ. އެންމެފަހުން އޭނާގެ ވާހަކަ ސުރުހީ އަށް އެރީ މިދިޔަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސުކަމުން އޭނާ ވަކި ކުރުމާއި "ބެންޑް" ކޮށްލާފައި ގޮސް ޕީޕީއެމާ ގުޅުމުނެވެ. ދެން ސޯޝަލް މީޑިއާގައި އާންމުވީ "ކްލެސިކް މޫސާ އަންވަރު" ގެ ވީޑިއޯ އެކެވެ. ޖުމްހޫރީ ޕާޓީގެ އޮޑިއަށް ހިތް ބަންޑުންކޮށްލައިގެން އިނދެ ރޮއި ތުރުތުރު އަޅަމުން ގެންދިޔަ މޫސާ އަންވަރެއްގެ ވީޑިއޯއެއް ބަޔަކު މީހުން ލީކުކޮށްލީ އެވެ.

މޫސަގެ އިތުރު ވާހަކައެއް ދެއްކުމުގެ ކުރިން ފާހަގަކޮށްލަން ޖެހެނީ، އޭނަގެ "ސައިކަލް" ވަރަށް ވެސް ކުރުވެފައި ވަރަށް ވެސް އެއްގޮތް ކަމެވެ. ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސުކަމުން އޭނާ ވަކިކުރީ އެވެ. ދެން އެ ވަޑައިގަންނަވަނީ އެ މައްސަލަ ހިފައިގެން ކޯޓަށެވެ. އާދައިގެ ކުދި މައްސަލަތަކުގައި މޫސަ ކުރި ހޯދަ އެވެ. ނަމަވެސް އާންމުކޮށް އެނބުރި އަންނަނީ ހުސްއަތާ އެވެ. 

މިގޮތަށް އެނބުރި އައިސް އަނެއްކާވެސް، ވެރިޔަކާ ދެކޮޅަށް ސިޓީއެއް ލިޔާނެ އެވެ. އެ ބޭފުޅަކު މަގާމުން ވަކިކޮށް ދެއްވުމަށް އެދި އެވެ. ނުވަތަ އެ ބޭފުޅަކަށް އިންތިޚާބުގައި ވާދަނުކުރެއްވޭނެ ގޮތް ހެއްދެވުމަށް އެދި ކޯޓަށް މައްސަލައެއް ވައްދަވާފާނެ އެވެ. އިންތިޚާބެއް ފަސްކުރަން  ނޫނީ ގާނޫނަކުން ތަންކޮޅެއް ބާތިލު ކުރަން ހިނގައިދާނެ އެވެ. އަނެއްކާވެސް ހުސްއަތާ ނޫނީ މިންވަރެއް ހާސިލުކޮށްގެން އަންނާނީ އެވެ.

މި ސިލްސިލާ މިގޮތަށް އެނބުރެމުން ދަނިކޮށް ޖުމްހޫރީ އޮޑިން އެންމެފަހުން މޫސަ ނަގައި އެއްލައިލީ އެވެ. ބައެއް މީހުން މި ވާހަކަ ކިޔައިދޭ ގޮތުން މި ހުރިހާ ކަމެއް ހިނގީ، ހަމަ ކުރީގެ ރައީސް އަދި މޫސަ އަށް ވެސް އެންމެ ކަމުނުދާ ރައީސް ނަޝީދު ވެސް ވިދާޅުވި ގޮތަށެވެ. އެއީ "އެޓް ގަން ޕޮއިންޓް" ގަ އެވެ.

އަޑު އަރާފައިވާ ގޮތުން ޖުމްހޫރީ ޕާޓީގެ ވެރިން އެންމެ ފުރަތަމަ މަސައްކަތްކޮށްފައި ވަނީ "މޫސަ އަށް ބިރު ދައްކައިގެން، އޭނާ ލައްވައި އިސްތިއުފާގެ ސިޓީއެއްގައި ސޮއި ކުރުވުމަށެވެ." ލީކުކޮށްލާފައިވާ ވީޑިއޯގައި މޫސާ އަންވަރު، ރޯ މަހެއް ތެޅޭހެން ތެޅިލަތެޅިލަ އިނީ މި ސަބަބާ ހެދި ކަމަށް ބުނެވެ އެވެ.

ކޮންމެއަކަސް "ބެންޑިން" ވީޑިއޯ އާންމުވުމުން މޫސަ އަށް ލިބުނީ ލިބެން ނުޖެހޭ ސަމާލުކަމެކެވެ.

އެންމެން ވެސް ބުނީ މިހެންނެވެ؛ "އެއްކަލަ މޫސާ އަންވަރު އަނެއްކާވެސް ރޮއެ ހޭރުނީ ދޯ އެވެ." އެންމެން މިހެން ބުނި ސަބަބު އެންމެނަށް އެނގޭނެ ވެސްމެ އެވެ. ސަބަބަކީ މޫސަގެ "ހިތާއި ހިތުގެ ގުޅުމުގެ" ކަރުނަ މީގެ ކުރިން ވެސް ސޯޝަލް މީޑިއާގައި ކޯރު ހަދާފައިވާތީ އެވެ.

ނަމަވެސް އެފަހަރު ކަރުނަ އެޅީ ސިޔާސީ ބައިވެރިޔާ ގެއްލިގެންނެއް ނޫނެވެ. އެކުގައި އުޅުއްވި "ލަވްބާޑް" އުދުހި ދިޔުމުން ކަމަށް ބުނެވެ އެވެ. އެފަހަރު ލޯބިވާވަރު ދެއްކުމަށް ފޭސްބުކްގައި ޕޯސްޓްކުރި އެވެ. "ކަރުނައިން ބަންޑުންވި ދެ ލޮލާ" އެކު މޫސާ އަންވަރު، ފާތިމަތު ނަހުލާގެ ފިލްމަކަށް ވުރެ ވެސް ބޮޑު ހިޓަކަށް ބަދަލުވީ އެވެ.

"ސިޔާސީ ޖޯކަކަށް" މޫސަ ހަދައިގެން އުޅޭ މީހުން ބުނަނީ އިހަކަށް ދުވަހު ނެރުނީ ނަހޫ-ސްޓައިލްގެ މޫސަގެ ދެ ވަނަ ހިޓް ކަމަށެވެ. އެކަމަކު އެންމެ ހިޓީ މި ފުރައްސާރަ އަށް މޫސަ ދިން ޖަވާބެވެ.

"އަޅުގަނޑުގެ ކަރުނަ ނުފެންނަ މީހަކު ސޯޝަލް މީޑިއާގައި މަދުވާނެ،" މޫސަގެ ކަސޯޓީގެ ނަމުގައި އާންމުކޮށްފައިވާ ވީޑިއޯ އަށް ރައްދު ދެމުން އޭނާ ވިދާޅުވެފައި ވަނީ މިހެންނެވެ.

އަނެއްކާވެސް މޫސަގެ ސިލްސިލާ އަށް ހިނގާށެވެ. މޫސަގެ ވާހަކަ އަބަދުވެސް ފެށިގެންދާނީ ކޮންމެވެސް ބޭފުޅަކާ ދެކޮޅަށް ސިޓީއެއް ލިޔުނު ވާހަކައިންނާއި ކޯޓަށްދިޔަ ވާހަކައިންނާއި އޭނާގެ މައްސަލައެއް ކޯޓުން ބޭރުކޮށްލި ވާހަކައަކުންނާއި ކާމިޔާބުކުރި ވާހަކައަކުންނެވެ.

މިސާލަކަށް މިފަހުން އޭނާ އާއި ޖޭޕީގެ ވެރިންގެ މެދުގައި ޖެހުނު މައްސަލަ އެވެ. އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރުގެ ބޮލުގައި އެޅުވެން ހުރި ހުރިހާ ތުހުމަތުތަކެއް އެޅުއްވުމަށް ފަހު އެ ބޭފުޅާ ޕާޓީ އިން ވަކިކޮށް ދެއްވުމަށް އެދި ސިޓީއެއް ލިޔުއްވީ އެވެ. މީގެ ސަމާސާ އަކީ މިއީ މޫސަ މިފަދަ ގޮތަކަށް އަމަލުކުރެއްވި ފުރަތަމަ ފަހަރަށް ނުވުމެވެ.

ޖޭޕީގެ ނައިބު ލީޑަރު ކަމުގައި އަބްދުﷲ ޖާބިރު ހުންނަވަނިކޮށް، އެ ބޭފުޅާ ވެސް މަގާމުން ވަކިކޮށް ދެއްވުމަށް އެދި މޫސަ ހަމަ މިފަދަ ސިޓީއެއް ހުށަހެޅުއްވި އެވެ. އަދި އެ ޕާޓީގެ މިހާރުގެ ނާއިބު ލީޑަރު އަމީން އިބްރާހިމް ޕީޕީއެމްގެ ސަރުކާރުގެ ވަޒީރުކަމުގެ މަގާމުން ވަކިކޮށް ދެއްވުމަށް އެދިވަޑައިގެން ވެސް މައްސަލަ "ހާޑްކޮށްލައިގެން" އުޅުއްވި އެވެ.

ކުރީގެ ރައީސް ނަޝީދު އާއި މޫސާ އަންވަރާ ދެމެދު އޮތް "ކޯޅުމުގެ ވާހަކަ" ނުވަތަ މޫސަ އަމިއްލަ އަށް ކައްކާލައްވައިގެން އުޅުއްވާ ކޯޅުމުގެ ވާހަކަ ނުދެއްކިޔަސް، އެންމެނަށް ވެސް އެ ވާހަކަ އެނގޭނެ އެވެ. ނަޝީދު އާއި މޫސާ އަންވަރުގެ ވާހަކަ ފެށޭނީ ވެސް އަދި ނިމޭނީ ވެސް ކޯޓުންނެވެ.

އެހެންވީމަ، ސ. ހިތަދޫ ލާމިގޭ، މޫސާ އަންވަރު ދަންނަނީ ކިހިނެތް ތޯ އެވެ؟ ޖަވާބު ދޭއިރު އޭނާ ހާސިލުކޮށްފައިވާ ކާމިޔާބީތަކުގެ ވާހަކަ ދޫކޮށްނުލައްޗެވެ. ކޯޓަށް ވެސް ހިނގައިދާނެ އެވެ.

އެހެންވީމަ ކާމިޔާބީގެ ލިސްޓެއް ވެސް އަންނަން ޖެހޭނެ ނޫން ހެއްޔެވެ؟ މޫސަ އަކީ އދ. ގެ އިކޮނޮމިކް ކައުންސިލާއި ސޯޝަލް ކައުންސިލާއި ގުޅިފައިވާ ޔުނިވާސަލް ޕީސް ފެޑެރޭޝަން އާއި ޔޫތް ފެޑެރޭޝަން ފޯ ޕީސްގެ ފަރާތުން ދޭ ޔޫތު އެމްބެސެޑަ ފޯ ޕީސްގެ އެވޯޑް ހާސިލުކޮށްފައިވާ ޒުވާނެކެވެ. މީގެ އިތުރުން ގައުމީ ޔުނިވާސިޓީއާ ދެކޮޅު މައްސަލައެއް 2011 ވަނަ އަހަރު ކޯޓުގައި ކާމިޔާބުކުރި އެވެ. އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 18 ވަނަ މާއްދާގައި ކަނޑައަޅާފައި އޮތް އުސޫލު އުވާލީ ވެސް މޫސަ ކޯޓަށް ގޮސްގެނެވެ. އެހެންވީމާ މޫސާ އަންވަރަކީ ހަމައެކަނި "ރޮމުން ރޮމުން ކޯޓަށް ދުވާ މީހެއް" ނޫނެވެ.