ރިޕޯޓް

ނާޒިމް ސަލާމަތްވަނީ! އަދީބު އިތުރަށް ބެދެނީ!

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވި އެޕާޓްމެންޓުން ފިސްތޯލައެއް ފެނި އެމަނިކުފާނު ޖަލަށް ވަޑައިގަންނަވަން ޖެހުންވެގެން ދިޔައީ ގިނަ ބަޔަކަށް ގަބޫލުނުކުރެވޭ ކަމަށެވެ. ނާޒިމްގެ މައްޗަށް ކުރި ދައުވާ އާއި ކުރެވުނު ތަހުގީގާއި ކުރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތަށް ބޮޑު ފާޑުކިޔުންތަކެއް އަމާޒުކުރި އެވެ. ސުވާލުތައް އުފެއްދި އެވެ.

ކޮންމެ މީހެއްގެ ހިތުގައި ވެސް އޭރު އޮތީ އެންމެ ސުވާލެކެވެ. ނާޒިމް ހަމަ އެފަދަ ކުށެއް ކޮށްފާނެބާވަ އެވެ؟

ޝައްްކެއް ނެތެވެ. ފިސްތޯލައެއް ފެނި ނާޒިމް ޖަލަށް ވަޑައިގަންނަވަން ޖެހުނީ އެމަނިކުފާނު މިނިސްޓަރެއްގެ ގޮތުގައި ހުންނަވާ ގައުމަށް ކުރައްވަމުން ގެންދެވި ހިދުމަތްތަކުގެ ސަބަބުން ގިނަ ބަޔެއްގެ ލޯބި ލިބިމުންދިޔަ ދަނޑިވަޅެއްގަ އެވެ. މީހެއްގެ މަގުބޫލުކަން އިތުރުވާނަމަ އެމީހެއްގެ ދުޝްމަނުން ވެސް އިތުރުވާނެ އެވެ. އެގޮތުން ސިޔާސީ މައިދާނުގައި އޭރު ނާޒިމާ އެންމެ ވާދަވެރި ބޭފުޅުންނަށް ތިއްބެވީ އޭރު ކެބިނެޓްގައި ތިއްބެވި އެންމެ ނުފޫޒުގަދަ ދެ މިނިސްޓަރުން ކަމަށްވާ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. ތިން ބޭފުޅުން ވެސް ރައީސް ކަމަށް ޝައުގުވެރިވެ އެވެ. ތިން ބޭފުޅުންގެ ޕާޓީއަކީ އެއް ޕާޓީއެކެވެ.

ދަށު ކޯޓުގައި ނާޒިމްގެ ޝަރީއަތް ކުރިއަށް ދިޔައިރު ވެސް ނާޒިމްގެ ފަރާތުން ނެގި އެންމެ ވަރުގަދަ ދިފާއުއަކީ ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ބުނުމެވެ. އޭރު އެއީ ބުނުމެކެވެ. ހެއްކެއް ދެއްކާ ގޮތެއް ނުވި އެވެ. ފްރޭމްކުރި ކަމަށް ނާޒިމް ވިދާޅުވަނީ އަދީބާއި އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދެވެ. މަގުސަދަކީ ނާޒިމްގެ ސިޔާސީ ހަޔާތް ފުނޑާލުމެވެ. އެ ކޯޓުގައި ޝަރީއަތް ކުރިއަށްދިޔައިރު އަދީބާއި ވަހީދުއާ ހަމައަށް އިންސާފުގެ އަތް ފޯރާ ވަރަށްވުރެ އެ ދެ ބޭފުޅުންގެ ބާރާއި ނުފޫޒު ގަދަ އެވެ. މިކަމަށް ފަހުން ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ހެކިވެފަ އެވެ. އެމަނިކުފާނު ވެސް ހުންނެވީ އަދީބުގެ ނުފޫޒު އެނގިވަޑައިގަތުމުން ހައިރާންފުޅުވެފަ އެވެ.

ހައިކޯޓުގައި ނާޒިމްގެ މައްސަލަ ކުރިއަށްދިޔައިރު އަދީބުގެ ބާރު ކެނޑިއްޖެ އެވެ. އަދީބު ގޮޅިއަށް ވެސް ލައިފި އެވެ. ރައީސް އަވަހަރާކޮށްލައްވަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އެ ފިނިފެންމާ ލޯންޗުކޮޅުގެ ހާދިސާއަށްފަހު އަދީބުގެ ފަތިފުށް ހާމަވެގެންދިޔަ އެވެ. ހިންގަވާފައިވާ ބޮޑެތި ޖަރީމާތަކުން ސިއްސުވާލި އެވެ. އެތައް އެތައް ކަމެއް ލޯ މައްޗަށް ތިލަވެގެން ދިޔަ އެވެ.

އަދީބާއި އަދީބާ ގުޅުންހުރި މީހުންގެ އޮފީސްތަކާއި ގެތަކާއި ހިއްސާ އޮންނަ ރަށްތައް ބަލައި ފާސްކުރުމުގެ ތެރޭގައި ބ. ހިބަޅިނދޫއިން ހަތިޔާރުތަކެއް ފެނުނެވެ. ނާޒިމްގެ ގެއިން ފެނުނު ކަހަލަ ފިސްތޯލަ ވެސް ފެނުނެވެ. ދިފާއުއެއްގެ ގޮތުގައި މި ވާހަކަ ހައިކޯޓުގައި ނާޒިމް ވިދާޅުވި އެވެ. ނަމަވެސް އެ ކޯޓުގައި ނާޒިމަށް އަދީބު އެމަނިކުފާނު ފްރޭމްކުރިކަން ސާބިތެއްކޮށެއް ނުދެވުނެވެ.

ހައިކޯޓުން މާޔޫސްވެގެން ނިކުމެވަޑައިގަތުމަށްފަހު ސުޕްރީމް ކޯޓަށް ނާޒިމް ވަޑައިގަތީ އާ އުއްމީދަކާއެކު އެވެ. އާ ހެއްކަކާއެކު އެވެ. އާ ވާހަކަތަކަކާ އެވެ. ނާޒިމްގެ އެޕާޓްމެނެްޓަށް ފިސްތޯލަ ވެއްދި މީހާގެ މައުލޫމާތު މިހާރު މިވަނީ ލިބިފަ އެވެ. އެއީ، އާސިފު ކިޔާ ފުލުހެކެވެ. ނާޒިމްގެ ވަކީލް ވިދާޅުވާ ގޮތުގައި އާސިފް އެ ފިސްތޯލަ އެޕާޓްމެންޓަށް ވައްދާފައިވަނީ ނާޒިމްގެ އެޕާޓްމެންޓް ބަލާ ފާސްކުރި ރޭ އަންބޮނޑިއަށްޖަހައިގެން ކަމަށެވެ.

އިތުރު އާ ވާހަކައެއް ވެސް ސުޕްރީމް ކޯޓު ތެރެއިން ވަނީ އަޑުއިވިފަ އެވެ. ހިބަޅިދޫއިން ފެނުނު ހަތިޔާރުގެ ސީރިއަލް ނަންބަރުތައް ފުހެލުމަށް ގެންގުޅެފައިވާ މެތަޑާއި އެ ދަވާދު ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައިގެ ސީރިއަލް ނަންބަރު ފުހެލުމަށް ބޭނުންކޮށްފައިވާ ކަމަށް ވެސް ނާޒިމް ވަނީ ކޯޓުގައި ފާހަގަކުރައްވާފަ އެވެ.

ރޭ އަނެއްކާ ވެސް ނާޒިމްގެ ވަކީލް ހުސްނުއް ސުއޫދު ވަނީ އާ މައުލޫމާތުތަކެއް ލިބިއްޖެ ކަމަށް ވިދާޅުވެ، މީޑިއާއަށް ދައުވަތު ދީފަ އެވެ. މިފަހަރު ސުއޫދު ވިދާޅުވީ، ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ފިސްތޯލައިން ނެގި ޑީއެންއޭ އަދީބާ ގުޅޭ ކަމަށެވެ. ދަށު ކޯޓުގައި ވެސް އެ ފިސްތޯލައިން ނާޒިމާއި އަނބިކަނބަލުން އަފާފުގެ ޑީއެންއޭ ފެނިފައިނުވާކަން ވަނީ ސާބިތުވެފަ އެވެ.

ސުއޫދު މިހެން ވިދާޅުވިތާ މާގިނަ އިރުތަކެއް ނުވެ، ފުލުހުން ވަނީ މިކަމަށް މޮހަރު ޖަހާފަ އެވެ. މިކަން ކަށަވަރުކޮށްދީފަ އެވެ. ފުލުހުން ވެސް ބުނީ، ފިސްތޯލައިން ނެގި ޑީއެންއޭ އަދީބާ ގުޅޭ ކަމަށެވެ. މި ޑީއެންއޭ އަދީބާ ގުޅުމުން އެނގޭ ކަމަކީ އެ ފިސްތޯލަ އަދީބު ގެންގުޅިފައިވާ ކަމެވެ. ނާޒިމްގެ ފިސްތޯލައެއްގައި އެމަނިކުފާނުގެ ފިންގަޕްރިންޓެއް ނެތި، އަދީބުގެ ޑީއެންއޭ ހުންނަންވީ ސަބަބެއް އޮވެގެން ނުވާނެ އެވެ. ނާޒިމް ފްރޭމްކުރީ ކަމަށް ބުނާ ބުނުން މިކަމުން ޔަގީނާ ގާތްވެ އެވެ.

މިކަން ކުރީ އަދީބު ކަމަށް ޔަގީނާ ގާތްކުރެވޭ އިތުރު ސަބަބުތައްވެސް އެބަހުއްޓެވެ. އެއްކަމަކީ، ނާޒިމްގެ ގެއިން ހަތިޔާރު ފެނުނު ރޭ، ދާހިތްލާ ފޯވެފައި ހުންނަވައިގެން ކުރީގެ ސީޕީ ހުސެއިން ވަހީދު، އޭރުގެ ޕީޖީ މުހުތާޒު މުހުސިންގެ އަރިހަށް ވަޑައިގެން ނާޒިމް އޭނާ މަރާލަން މަސައްކަތްކުރާ ކަމަށް ވިދާޅުވެފައިވާ ކަމަށް ސުއޫދު ވިދާޅުވެފައިވުމެވެ. އަދި އެ މައުލޫމާތު ހުސެއިން ވަހީދަށް ދީފައިވަނީ އަދީބު ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ. ސުއޫދު ވިދާޅުވީ، މުހުތާޒާއި ހުސައިން ވަހީދު އެރޭ ކާރަކަށް އަރައިގެން އަދީބު ކައިރިއަށް ވަޑައިގެން އެ ތިން ބޭފުޅުން ނާޒިމް ހައްޔަރުކުރި ވަގުތު އެ ގޭ މަގުގައި ކާރުގައި މަޑުކޮށްގެން ތިއްބެވި ކަމަށެވެ. އަދި ނާޒިމްގެ ގެއިން ހަތިޔާރު ފެނިގެން ނާޒިމް ހައްޔަރުކުރާނެކަން އަދީބު ނޫސްވެރިންނަށް އަންގައި، އެ ގޭ ދޮށަށް ނޫސްވެރިން ފޮނުވިކަމުގެ ހެކި ލިބިފައިވާ ކަމަށް ވެސް ސުއޫދު ވިދާޅުވެފައިވެ އެވެ. މިކަން އަދީބަށް މާ ކުރިން އެނގުނު ގޮތެއް ވެސް އޮންނާނެތާ އެވެ.

އެޕާޓްމެންޓުން ހަތިޔާރު ފެނުމާ ގުޅިގެން ބަޑި ގުދަނުގެ ހާއްސަ އޮޑިޓެއް ވަނީ ކޮށްފައިވެ އެވެ. އެ އޮޑިޓާ ގުޅޭ ގޮތުން އަދީބު ފިސްތޯލަ ގެންގުޅުނު މައްސަލާގައި ސިއްރު ހެކިވެރިޔަކު މައުލޫމާތު ދީފައިވެ އެވެ. އެ ހެކިވެރިޔާ ބުނެފައިވާ ގޮތުގައި އެ އޮޑިޓުން ބަޑި ގުދަނުން ހަތިޔާރު މަދުވިކަމުގެ މައުލޫމާތު ހެކިވެރިޔާއަށް ލިބުނެވެ. ހަތިޔާރު މަދުވި މައްސަލަ ތަހުގީގު ކުރުމަށް ހެކިވެރިޔާ މަސައްކަތްކުރުމުން އަދީބުގެ ފަރާތުން އޭނާއަށް ދެފަހަރެއްގެ މަތިން އިންޒާރު ލިބުނު ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ދެން އޮތީ، ރޭ އިސްތިއުފާ ދެއްވި އުމަރު ނަސީރު ވިދާޅުވި ވިދާޅުވުމެކެވެ. އުމަރު ވިދާޅުވެފައިވަނީ ނާޒިމާއި އުމަރަށް "ހޭއަރުވާލާނެ" ކަމަށް ވިދާޅުވެ އަދީބު އިންޒާރު ދެއްވި ކަމަށެވެ. އެހެންކަމުން ނާޒިމް ވަނީ ފްރޭމްކޮށްފައިކަން ވަރަށް ބޮޑަށް ބެލެވޭ ކަމަށް އުމަރު ވިދާޅުވެފައިވެ އެވެ.

ކުރިމިނަލް ކޯޓާއި ހައިކޯޓުގައި އަދީބާ ދެކޮޅަށް ނާޒިމަށް ހެއްކެއް ދެއްކިފައި ނެތް ނަމަވެސް މިހާރު ފުލުހުން ވަނީ އަދީބާ ދެކޮޅަށް ހެކި ހޯދާފަ އެވެ. ނާޒިމް ފްރޭމްކުރީކަން ޔަގީނާ ގާތްކޮށްދީފަ އެވެ. މިއީ ވެސް އަދީބުގެ ޖަރީމާތަކަށް އިތުރުވާ ބޮޅެއްކަން ކަށަވަރުކޮށްފަ އެވެ. މިހާރު ވެސް ދެ ޖަރީމާއެއްގައި އަދީބު ވަނީ ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ. ކުށުގެ ރިކޯޑު ވެސް މިހާރު ބޮޑީ އަދީބުގެ އެވެ. ނާޒިމްގެ އެއް ނޫނެވެ.

ނާޒިމް ސަލާމަތްވަނީ އެވެ. މިކަމުގައި އަދީބު ބެދެނީ އެވެ. ބުނަނީ ތެދެކެވެ. އިންސާފު ކޮންމެ ވެސް ދުވަހަކުން ކޮންމެ މީހަކަށް ވެސް ލިބޭނެ އެވެ. އަދި ކޮންމެ މުޖުރިމަކާ ހަމައަށް އިންސާފު ދަތުރުކުރާނެ އެވެ.