ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި އިޓަލީއާ ބައްދަލުކުރަން ޖެހުމަކީ ސްޕޭން ބޭނުންވި ކަމެއްނޫން ކަމަށް ކޯޗު ވިސެންޓޭ ޑެލްބޮސްކޭ ބުނެފި އެވެ.
އެންމެ ފަހުގެ ދެ މުބާރާތުގެ ޗެމްޕިއަން ސްޕޭން ކަމަށްވާއިރު 2012 ވަނަ އަހަރުގެ މުބާރާތް އެ ގައުމު ހޯދީ ފައިނަލުގައި އިޓަލީ ބަލިކޮށްފަ އެވެ. ޑެލްބޮސްކޭ ބުނީ އިޓަލީއަކީ ވަރުގަދަ ގައުމެއް ކަމަށާއި އެ ގައުމާ ކުޅެން ސްޕޭން އޮތީ އުއްމީދުކޮށްގެން ނޫން ކަމަށެވެ.
ސްޕޭނަށް އިޓަލީއާ ވާދަކުރަން ޖެހުނީ ގްރޫޕް ޑީގެ ދެ ވަނަ އަށް އެ ޓީމު ދިއުމުންނެވެ. އެއީ ރޭ ކްރޮއޭޝިޔާ އަތުން 2-1 އިން ބަލިވުމުންނެވެ. މިއީ 2004 ގެ ފަހުން ޔޫރޯގައި ސްޕޭން ބަލިވި ފުރަތަމަ މެޗެވެ.
"މި ނަތީޖާ އަކީ އަހަރުމެންނަށް ކޮންސަންޓްރޭޝަން ފަހު ވަގުތު ނުކުރެވިގެން ނުކުތް ނަތީޖާއެއް. އެއްވެސް ކުޅުންތެރިއަކު މިކަމާ ހިތްހަމައެއް ނުޖެހޭ. އެންމެންވެސް ތިބީ ބަހެއް ނުބުނެ ވަރަށް މޯޅިވެފައި. މިއީ އެކަކު ވެސް ހީކުރި ގޮތެެއްނޫން. އެކަމަކު އަހަރުމެންގެ ކުޅުން ގޯހެއްނޫން. ފަހުވަގުތު އަޅާނުލެވުނީ. އަހަރެން އެއްވެސް ކުޅުންތެރިއަކު ގޯސް ކުރާކަށް ނެތިން،" ކޯޗު ބުންޏެވެ.
މި މެޗުގައި ސްޕޭނުގެ ގޯލްކީޕަރު ޑޭވިޑް ޑެހެޔާ ގިނަ ގޯސްތަކެއް ހެދިއިރު ލިބުނު ޕެނަލްޓީ ކެޕްޓަން ސާޖިއޯ ރާމޯސް ޖެހީ ކީޕަރުގެ އަތަށެވެ. ޑެލްބޮސްކޭ ބުނީ ސްޕޭނަށް އޮތީ މިކަން ހަނދާން ނައްތާލާފައި ކުރިއަށް އޮތް މެޗަށް ތައްޔާރުވުން ކަމަށެވެ.
"އަހަރުމެންނަށް މުބާރާތް ނިމުނީކީއެއްނޫން. އެހެންވީމަ ދެން އޮތީ ކުރިއަށް އޮތް (އިޓަލީ) މެޗަށް ތައްޔާރުވުން. ރަނގަޅަށް ތައްޔާރުވެގެން އަހަރުމެންގެ މަގާމު ހިފެހެއްޓޭނީ،" އެންމެފަހުގެ ޔޫރޯ އާއި 2010ގެ ވޯލްޑް ކަޕް ހޯދައިދިން ކޯޗު ބުންޏެވެ.