ބޭރު ކުޅިވަރު

ހަންގޭރީ ކޮޅަށް ރޮނާލްޑޯ ގޯލު ޖަހާނެ: ކޯޗު

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ހަންގޭރީ ކޮޅަށް ކްރިސްޓިއާނޯ ރޮނާލްޑޯ ގޯލު ޖަހާނެ ކަމަށް ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފި އެވެ.

އޭނާ މިހެން ބުނީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ރޮނާލްޑޯ އަށް ގޯލެއް ނުޖެހި އަދި އެ ދެމެޗު ވެސް އެއްވަރުވުމުން ދެ ވަނަ ބުރަށް ދާން މިރޭ ކޮންމެހެން މޮޅުވާން ޖެހިފައިވަނިކޮށެވެ.

މުބާރާތުގައި މިހާތަނަށް ގޯލަށް 22 ހަމަލާ ފޮނުވާލި ނަމަވެސް ރޮނާލްޑޯ އަށް ގޯލު ނުޖެހޭތީވެ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދާފައިވާ ކުޅުންތެރިޔާ އަށް ވަނީ ފާޑުކިއުންތައް ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.

"ރޮނާލްޑޯ އަކީ ވަރަށް ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިއެއް. އަހަންނަށް ޔަގީން ހަންގޭރީ ކޮޅަށް އޭނާ ގޯލު ޖަހާނެ ކަން،" ކޯޗު ބުންޏެވެ.

ސަންޓޯސް ބުނީ އައިސްލޭންޑާއި އޮސްޓްރިއާ މެޗުގައި ރޮނާލްޑޯ އަށް ގޯލެއް ނުޖެހުނަސް އޭނާގެ މަސައްކަތް ވަރަށް ރަނގަޅު ކަމަށެވެ. އަދި އޮސްޓްރިއާ ކޮޅަށް ގޯލެއް ނުޖެހި ނިމުނު މެޗަކީ އޭނާގެ ކޯޗުކަމުގައި ގޯލެއް ނުޖެހި ޕޯޗުގަލް ނިންމާލި ހަމައެކަނި މެޗު ކަމަށެވެ.

"ދެ މެޗުގައި އަހަރުމެން ވަރަށް ގިނަ ފުރުސަތު ހޯދިން. އެކަމަކު ހަންގޭރީ ކޮޅަށް އަހަރުމެން ގޯލު ޖަހާނެކަމަށް އަހަރެން ޔަގީން ކުރަން،" އެންމެ ދެ ޕޮއިންޓާއެކު ގްރޫޕުގެ ތިން ވަނާގައި މިވަގުތު އޮތް ކޯޗު ބުންޏެވެ.

މެޗާ ބެހޭ ގޮތުން ރޮނާލްޑޯ ވެސް ބުނީ ޕޯޗުގަލްގެ ރައްޔިތުން އުއްމީދުގައި ތިބެންޖެހޭ ކަމަށާއި ގޯލު ނުޖެހުމަކީ ވެސް ފުޓްބޯޅައިގަ ބައެއް ކަމަށެވެ.

"އަހަރުމެން މޮޅުވެއްޖިއްޔާ ދެ ވަނަ ބުރަށް ދިޔައީ. ހުރިހާ ކަމެއް ހަނދާން ނެތޭނެ. އަހަރެން މިހުރީ އުއްމީދާއެކު. އަހަރެން އުއްމީދު ކުރިން މޮޅަކާއެކު ލުއިސް ފީގޯގެ (ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުމުގެ) ރެކޯޑް މުގުރާލެވޭނެ ކަމަށް. އެކަމަކު އެކަން ނުވި. މި ރެކޯޑް މުގުރާލުމަކީ އަހަރެން ބޭނުންވި ކަމެއް. މިއީ ޝަރަފެއް،" 128 މެޗު ގައުމީ ޓީމަށް ކުޅެދީފައިވާ ކުޅުންތެރިޔާ ބުންޏެވެ.

މި މެޗަށް ނުކުންނައިރު ހަންގޭރީ އޮތީ ހަތަރު ޕޮއިންޓާއެކު އެއްވަނާގަ އެވެ.