ރިޕޯޓް

އުމަރުގެ އިސްތިއުފާއިން އިދިކޮޅަށް އޮތް ފައިދާއެއް ނެތް!

Jun 22, 2016
11

ވާދަވެރި ސިޔާސީ ބޭފުޅުންނާއެކު އޮންނަ ސަރުކާރާރެއްގައި އަދި މަލްޓި ޕާޓީ ޑިމޮކްރަސީއެއްގައި ސިޔާސީ ހަރަކާތް ހިންގާއިރު ސިޔާސީ މަސްރަހަށް ބަދަލުތަކާއި ފުރޮޅުންތަކަކީ އަބަދު ވެސް ހިނގާނެ ކަންކަމެވެ. އެއީއަކީ ހައިރާންވާވަރު ކަމެއް ނޫނެވެ. އެކަމަކު އެއީ ޝައުގުވެރި ކުރުވާނެ ކަމެކެވެ. ހައިރާންވާން ޖެހޭ ވަރުގެ ކަމަކަށް ވާނީ ސިޔާސީ މަސްރަހު ބަދަލުވުމުގައި އެއްވެސް ވަރަކަށް "ބެލް ކާވް ޝޭޕެ" އެއް ނައިސް އޮންނަ ނަމައެވެ. އެއީ ސިޔާސީ ހަރަކާތް ހިންގުމުގައި އެހާ ޝައުގުވެރި ބައްޓަމަކަށް ވެސް ނުވާނެނެ އެވެ. އެހެން ކަމުން ރައީސް ޔާމީންގެ ސަރުކާރުގައި ހުންނެވި ސިޔާސީ ގޮތުން ރައީސް ޔާމީންގެ ވާދަވެރިޔާ، އަދި މަގާމުގެ ގޮތުން މިހާތަނަށް އެންމެ ބޮޑު އިހުލާސްތެރި ކަމެއް ދެއްކެވި އުމަރު ނަސީރު ކުއްލި ގޮތަކަށް ހޯމް މިނިސްޓަރު ކަމުގެ މަގާމު ދޫކޮށްލައްވާފައި ގެއަށް ވަޑައިގަތުމަކީ އެއް ގޮތަކަށް ވެސް ހައިރާންވާވަރު ކަމެއް ނޫނެވެ. އަދި އެއީ ސިޔާސީ ހަރަކާތުގެ "ބެލް ކާވް" ބަރާބަރަށް ފަންކްޝަން ކުރާ ކަމުގެ ނިޝާނެކެވެ.

ރައީސް މައުމޫނާ ރައީސް ޔާމީނާ ދެމެދުގައި ސިޔާސީ ވާދަވެރި ކަމެއް އޮތްތޯ ނޫނީ ސިޔާސީ ވިސްނުންތަކެއްގެ ވާދަވެރި ކަމެއް އޮތްތޯ އެއީ މހާރަށް ބަލާއިރު ތަފާތު ސުވާލު އުފެދޭ ކަމެކެވެ. އަދި އެއަށްވުރެ ބޮޑަށް ސުވާލު އުފެދެނީ ދެމެދުގައި އޮތީ "ޕޮލިޓިކަލް ފްރަސްޓްރޭޝަނެއް"ތޯ އެވެ. އެހެން އެކަން އޮތުމުން އުމަރަކީ ޕީޕީއެމްގެ ތެރޭގައި ފާޅުވާން ހުންނެވި ސިޔާސީ ގޮތުން ރައީސް ޔާމީނުގެ އެންމެ ބޮޑު އެއް ވާދަވެރިޔާ ކަމަށް ނިންމިދާނެ އެވެ.

ސިޔާސީ މައިދާނަށް ބަލާއި އުމަރަކީ ރައީސް ޔާމީނަށް ޗެލެން ދެވޭވަރުގެ ބޭފުޅެއްތޯ ބަލަން ޖެހޭނީ އިތުރު ޓެސްޓަކާ ކުރިމަތިލާށެވެ. ސަބަބަކީ ޕީޕީއެމްގެ އެންމެ ފަހުގެ ރިޔާސީ ޕްރައިމަރީގައި އުމަރުގެ ފަރާތުން އައި ޗެލެންޖާ މިހާރު ރައީސް ޔާމީން ސިޔާސީ ގޮތުން ދަތުރު ކުރައްވާފައި ހުންނެވި ހިސާބުން އެމަނިކުފާނުގެ ޕޮލިޓިކަލް ސްޓްރެންތް ގަދަވެފައި ވަނީ ކިހާ ފުޅާކޮށް ކިހާ ބާރުގަދަކޮށްކަން ވަޒަން ކޮށްލަން ދަތިވާތީ އެވެ. އެކަމަކު ސިޔާސީ ގޮތުން އުމަރަކީ ވެސް ރައީސް ޔާމީން ޓްރިގަރަށް ގެންދެވޭވަރުގެ ބޭފުޅަކަށް ނުބެލެވެ އެވެ. އަދި އެއީ ސިޔާސީ ގޮތުން އެފަދަ ފިކުރެއް ގެންގުޅުއްވާ ބޭފުޅެއް ގޮތުގައި ވެސް ފެންނާނެ ހެއްކެއް ވެސް ނެތެވެ.

އެހެން އެކަން އޮތަސް އުމަރަކީ ސިޔާސީ ގޮތުން ބާރެއް އުފައްދާ މަގުބޫލް ކަމެއް ހޯއްދަވާފައިވާ ވަރުގަދަ ލީޑަރެކެވެ. ސިޔާސީ ގޮތުން ތަފާތު ދައްކައިދެވޭނެ މަދު ދެތިން ލީޑަރުންގެ ތެރެއިން އެއް ބޭފުޅެކެވެ. އުމަރުގެ އިސްތިއުފާގެ ވަގުތު ދިމާވީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ބައެއް ފަރާތްތައް ގުޅިގެން "މޯލްޑިވް ޔުނައިޓެޑް އޮޕަޒިޝަން" ނަމުގައި މޫވްމެންޓެއް އުފައްދައި ސިޔާސީ ހަރަކާތް ހިންގައި ކުރިއަރައި ގަނެވޭނެ ގޮތަކީ ކޮބައިތޯ ބަލާއި ވަރަށް ދުރުގައި ތިބި ކުދިކުދި ޓެސްޓް ހަދާ ދުވަސްވަރެއްގައެވެ. އެއީ ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާއިރު އަދި ވަރަށް އާދައިގެ ޓެސްޓްތަކެކެވެ. އުމަރު ފަަދަ ސަރުކާރުން ނެއްޓިގެންދާ ވަރުގަދަ ބޭފުޅަކީ އެފަދަ މޫވްމެންޓަކުން ވަރަށް ބޭނުނުންވާނެ ސިޔާސީ ހަތިޔާރެކެވެ. ރަނގަޅު ދަނޑިވަޅުގައި ރަނގަޅު ތަނގައި "ޓެގް" އަޅުވައިލަން ބޭނުން ބޭނުން ކޮށްލެވިދާނެ ބާރެކެވެ.

ސުވާލަކީ ރާއްޖޭގެ "ސިޔާސީ ކޯޓް" ގެތެރޭގައި އުމަރު ކުރިޔަށް ނެރެލައި އިދިކޮޅު ޓީމްގެ އެންމެ މުހިންމު ޕްލެޔަރަށް ހަދައިލާން އިދިކޮޅު އެމްޔޫއޯއަށް ކެރޭނެ އަދި ކެތްވާނެ ހެއްޔެވެ؟ އުމަރު ކުރިޔަށް ޖައްސާލައިގެން އޭނާ ލައްވައި ކުޅުވައި އިދިކޮޅު ފަރާތްތަކަށް ސިޔާސީ ގޮތުން ރައީސް ޔާމީންގެ މައްޗަށް "ޕޮޓް ވައްޓާ" ސްކޯ ކުރުމުގެ ފުރުސަތު އެބައޮތް ހެއްޔެވެ؟ އޮތީ ކިހާ ވަރަކަށް ހެއްޔެވެ؟

ޕީޕީއެމަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެންބަރަކު ރޭ ވިދާޅުވި ގޮތުގައި އުމަރަކީ ސިޔާސީ ގޮތުން ވަރަށް ސޮލިޑް ބާރެކެވެ. އަދި އެހާ ހިތްވަރުގަދަ، ބޭފުޅެކެވެ. އެ ފަދަ ބޭފުޅަކު ރައީސް ޔާމީންގެ ސަރުކާރުގެ އެންމެ ބާރުގަ ހިސާބުގައި ހުންނަވާފައި ބޭރަށް ނުކުންނެވުމަކީ އުފެދޭނެ ބޮޑު ބާގަނޑެކެވެ. އެ ބާގަނޑު ފޫބައްދަން ސިޔާސީ ގޮތުން ބޮޑު މަސައްކަތްތަކެއް ވެސް ކުރަންޖެހޭނެ އެވެ. އެހެން ނަމަވެސް އެއީ އޭގެ ސަބަބުން އިދިކޮޅަށް ޖަމާވެ އުފެދޭތޯ މަސައްކަތް ކުރާ ކޭމްޕަށް އޮތް ސިޔާސީ ފައިދާއަކަށް ވާނެ ކަމަކަށް ނުފެނެ އެވެ. އަދި އެއީ "ޒެޑް ޑީއާރްޕީ" އެއް އުފެދުނު ގޮތަކަށް އެފަދަ އެމްޑީޕީއެއް އުފެދިދާނެ ކަމަކަށް އަމުދުން ނުވާނެ އެވެ.

"އުމަރު ސަރުކާރުން ވަކިވުމަކީ އިދިކޮޅު ފަރާތްތައް އަތްތިލަބަޑި ޖަހައިލަން ލިބޭ ފުރުސަތެއް. އުމަރު ރޭ އިރާކޮޅު އިސްތިއުފާ ދެއްވުމާއެކު ވެސް އެ މަންޒުރު ފެނިގެންދިޔަ ސޯޝަލް މިޑިއާގެ ތެރެއިންނާއި އިދިކޮޅު ޓީމްގެ ބަޔާންތަކާއި ހަރުގެ ހަރަކާތުން. އެކަމަކު އެއަކީ އުމަރު ބޭނުން ކޮށްގެން ސިޔާސީ ގޮތުން އެޓީމަށް ފައިދާއެއް ހޯދިދާނެ ސަބަބެއް ނޫން. ހަމައެކަނި ހީލަން ރަނގަޅު ފުރުސަތަކަށް މިކަން ވާނެ އިދިކޮޅަށް،" އެ މެންބަރު ވިދާޅުވި އެވެ. ނަން ޖައްސަވާކަށް ބޭނުންފުޅެއް ނުވި އެވެ.

ސިޔާސީ އެހެން ބޭފުޅަކު ވިދާޅުވި ގޮތުގައި އުމަރު އިސްތިއުފާއަކީ އެއްގޮތަކަށް ވެސް ހައިރާންވާވަރުގެ ކަމެއް ނޫނެވެ. ސަބަބަކީ ރައީސް ޔާމީނާއި އުމަރަކީ ސިޔާސީ ދެ ވާދަވަރިންނަށް ވެފައި ސިޔާސީ ގޮތުން ހިޔާލު ތަފާތުވުންތައް އޮތް ދެބޭފުޅުންނަށް ވެވަޑައިގަތުމެވެ. އުމަރުގެ ގަބޫލުފުޅު ކުރައްވާ ބައެއް އުސޫލްތަކާއި ރައީސް ޔާމީން ސިޔާސީ ގޮތުން ބައެއް ދަނޑިވަޅުގައި ގެންގުޅުއްވާ އަދި އެފަަދަ ބައެއް ހާލަތުގައި ނަގަން ބޭނުންފުޅުވާ ސްޓޭންޑާއި އުމަރުގެ ދަނޑިވަޅުތަކާއި އުމަރު "ޝޫޓް" ކުރައްވަން ބޭނުންފުޅުވާ ގޮތް ވަރަށް ތަފާތުވެ އެވެ. އެކަލަ ކިތަންމެން މަންޒަރެއް ފެނިފައި ހިނގައްޖެ އެވެ. މިސާލަކަށް އެއްކަމަށް "މޮނިކޮން" ގެ އިޝޫ ނެގިދާނެ އެވެ.

"އެހެންވީމާ މަގާމުގެ ޒިންމާ އަދާ ކުރެއްވުމުގައި އިހުލާސްތެރި އަދި ހިތްވަރު ގަދަ ބޭފުޅަކަށް އުމަރު ވެވަޑައގެންނެވި. ނަމަވެސް އެ ދެބެފުޅުންނަކީ ވަދަވެރިންކަން ބޮޑު ދެ ބޭފުޅުން. ވާދަވެރިކަން މި އަންނަނީ ލީޑަޝިޕްގެ ޓޮޕަށް ދާން، އެކަން ވަރަށް ސާފު، އެ ވާދަވެރިކަން އެއް ކޯޅިއެއްގެ ތެރޭގައި އޮތުމަށް ނިމުން އަންނަން ދެބޭފުޅުން ވެސް ބޭނުންވާކަން ފެންނަ މަންޒަރުން އެނގޭ،" އޭނާ ވިދާޅުވި އެވެ.

އެހެން މިސާލެއް ވެސް އޭނާ ދެއްވި އެވެ. އެއީ އީރާން، އިރާގުގެ ހަނގުރާމަ އެވެ. ދިގުލައިގެން ދިޔަ އެ ހަނގުރާމަ ކޮޅެއްގައި ޖެއްސުމަށް އިރާނުން ވެސް އިރާގުން ވެސް ބޭނުންވެ އެވެ. އިރާގުން ބުނަނީ ހަނގުރާމަ ހުއްޓާނީ ސުލްހައި ވާހަކަތައް ފެށުމުން ކަމަށެވެ. އިރާނުން ބުނަނީ ހަނގުރާމަ ހުއްޓުމުން ސުލްހައިގެ ވާހަަ ފަށާނަމޭ އެވެ. އެހެން ވެ މި ދެ ބަހަނާއަށް ނިމުން އަންނަނީ ދެކަން އެއްފަހަރާ ހިނގައިގެނެވެ. އެހެން ކަމު މިހާތަނަށް އާއިރު އުމަރު އިސްތިއުފާ ދެއްވާށޭ ވިދާޅުވުމަކީ ރައީސް ޔާމީން ވެސް ބޭނުންފުޅުވާނެ އަދި އިސްތިއުފާ ދެއްވަނީއޭ ވިދާޅުވުމަކީ އުމަރު ވެސް ބޭނުންފުުވާނެ ކަމެއް ކަމަށް ބެލެވެ އެވެ.

"އެހެންވީމާ ދެ ހުއްޖަތެއް އެއް ދަނޑިވަޅަކާ ދިމާވީ ކަމަށް އަޅުގަނޑަށް ބެލެވޭނީ އޮޕަރޭޝަނަލީ ކޮންމެވެސް ޑިޝިޝަންތަކެއް ރަނގަޅު ވަގުތާ ދަނޑިވަޅު ދެބޭފުޅުންނަށް ދިމާ ނުވެގެން ކަމަށް ވެސް ވެދާނެ،" އޭނާ ވިދާޅުވި އެވެ.

އެމްޑީީޕީއަށް ނިސްބަތްވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ސަރުކާރުގައި ކޮނޑު އަޅުއްވައިގެން ހުންނެވި އެންމެ ބާރުގަދަ އަދި ރައީސް ޔާމީނަށް އެންމެ ޔަގީންކަން ބޮޑު ތަނބަކީ މިވަގުތަށް ވެސް އަދި މާދަމާއަށް ވެސް އުމަރެވެ.

އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ވާދަވެރި ކަމެއް އޮވެގެން ބޭރަށް ނުކުމެ ވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ނަމަވެސް އުމަރަކީ އަދިވެސް ޔާމީނެކެވެ. އެހެން ކަމުން މިފަދަ ރާޅެއް ސަރުކާރުގެ ތެރެއަށް އައި ނަމަވެސް މި އޮއިގަނޑުގެ ތެރޭގައި އުމަރުގެ "ހުދު ވަލު" އެލި ގަތުމަކީ އެމްޑީޕީ އާއި އެ ޕާޓީގެ އިސް ސަފަށް އަރާ ތިއްބެވި އިދިކޮޅު ބޭފުޅުންނަށް ކުރައްވަން ކެރިވަޑައިގަންނަވާނެ ކަމަކަށް ނުވާނެ އެވެ. އަދި އެއީ އުމަރު ބޭނުންފުުވާނެ ގޮތެއް ކަމަށް ސިޔާސީ ގޮތުަކުން ނުބެލެވެ އެވެ

"އަޅުގަނޑު ދެކޭ ގޮތުގައި އުމަރުގެ ހުދުވާ އިދިކޮޅަކަށް ފިޓެއް ނުވޭ. އަދި ވަރަށް ސާފުކޮށް އުމަރު ވެސް ގެންދަވަނީ އެހެން ވިދާޅުވަމުން އެހެންވީމަ އުމަރު ވަކިވެ ވަޑައިގަތުމަކީ އިދިކޮޅަށް އޮތް ފައިދާއެއް ނޫން. ސިޔާސީ ގޮތުން އިދިކޮޅަށް އެއްވެސް ފައިދާ މިކަމަކުން ނުކުރާނެ،" އޭނާ ވިދާޅުވި އެވެ.

އުމަރަކީ ސިޔާސީ ގޮތުން ހިތްވަރު ދައްކަވާ ބޭފުޅެކެވެ. ގައުމު ވަންތަކަމާއި އިހުލާސްތެރިކަން އޮތް ބޭފުޅެކެވެ. ވިދާޅުވާ ބަހުގައި ހިފެހެއްޓެވުމާއި ތަންފީޒު ކުރެއްވުމުގައި ހުންނަވާ ބޭފުޅެކެވެ. ސޔާސީ ކޯރުގައި ދިރެމުން އައި އެހެން މަސްތައް ފާހާލާފައި ބޮޑު މަހަކަށްވީ ވަރަށް ދުރުން ފެށިގެން އުމަރު ގެންގުޅުއްވާ އުސޫލްތަކެއް ސަބަބުންނެވެ. އަދިވެސް އުމަރަކީ ސިޔާސީ ދަނޑުގައި ފައްކާވަމުން މީހުންގެ ގަބޫލް ކުރާ ވަރުގެ ލީޑަރަކަށް ވެވަޑައި ގަންނަަމުން އަންނަ ބޭފުޅެކެވެ.

އެކަމަކު ސިޔާސީ ގޮތުން އުމަރަކީ "އަން ޕްރިޑިކްޓިބަލް" ޕޮލިޓީޝަނެއް ގޮތުގައި އެހާ ބޮަޑަކަށް ނުބެލެވެ އެވެ. އޭ ބަދަލުގައި އުމަރު ފެންނަނީ ސިޔާސަތު ވަރަށް ސާފު ކޮށް ދައްކަވައިގެން ހުންނަވައި "ޕްރިޑިކްޓިބަލް" ޕޮލިޓިޝަނެކެވެ. އިދިކޮޅު ފަރާތްތަކަށް އުމަރަކީ ސިޔާސީ ބޮޑު "މުދާގަނޑަކަށް" ވެގެން ނުދާނެ މައިގަނޑު ސަބަބަނީ ވެސް މިއީ އެވެ. ޕްރިޑިކްޓިބަލް ޕޮލިޓީޝަނަކާ ގުޅޭ އެއްވެސް ސިޔާސީ ހަރަކާތެއް އެމްޑީޕީގައި ވެސް އަދި މިހާރު ސަފަކަށް ވެފައި އޮތް އެމްޔޫއޯގައި ވެސް ނެތެވެ.

އުމަރުގެ ކިބައިން ވެސް މިހާތަނަށް އައިސްފައި ވަނީ ވެސް މިކަމާ ގުޅިގެން ސިޔާސީ ބައެއް ބޭފުޅުންގެ ވިސްނުމާ ގާތް ކުރާ ވާހަކަތަކެކެވެ. މީގެ ގާތްގަނޑަކަށް ވިއްސަކަށް ދުވަސް ކުރިންނާއި މިދިޔަ ހަފުތާގެ ތެރޭގައި އިދިކޮޅަށް ނިސްބަތްކޮށް އުމަރު ދައްކަވާފައިވާ ބައެއް ވާހަފުޅުތަކުން ވެސް އެކަން ރީއްޗަށް ފެނެ އެވެ.

އެއްކަމަކަށް އުމަރު ވިދާޅުވާ ގޮތުގައި ސިޔާސީ އިދިކޮޅު ފަރާތްތައް ގުޅިގެން އުފައްދާ ކޯލިޝަނަކީ ކާމިޔާބު ނުވެ ފެއިލްވާނެ ކޯލިޝަނެކެވެ. ސަބަބަކީ އެ ކޯލިޝަން ލީޑްކުރަން އެހެން މީހެއްގެ އަތް މައްޗަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫނުކުރެއްވުމެވެ. އަދި މިވަގުތަށް ކޯލިޝަނެއްގެ ލީޑަރެއްގެ ގޮތު ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު ދެއްކިއަސް އެކަން ރައީސް ނަޝީދު "ޖަހައިގަންނާނެ" އެވެ. އެ ހާލަތުގައި ޖަމީލު ވެގެންދާނީ ފެންދީފައި "ކަތިލާ" ކުކުޅަށެވެ.

"ކޯލިޝަން ވޯކެއް ނުކުރާނެ. އެއީ 100 ޕަސެންޓް ޔަގީން ކަމެއް، ސަބަބަކީ ފުރަތަމަ ކަމަކަށް ކޯލިޝަން ލީޑްކުރައްވާނީ ކާކު ހެއްޔޭ، ކޯލިޝަން ލީޑްކުރުން ނަޝީދު ދުލެއް ނުކުރައްވާނެ، ޖަމީލަކީ އެއީ ހަމަ ކަތިލަން ބަހައްޓާފައިވާ ބަކަރިއެއް، ޖަމީލުގެ ބޭނުން ހިފާފަ، ޖަމީލު ކުރީ ސަފަށް ނެރެ ގަން ހިންގުވާފައި. ކޯލިޝަންގެ ލީޑަރުކަން ދަމައިގަންނާނީ ހަމަ ނަޝީދު،" މިހެން އުމަރު ވިދާޅުވެފައި ވަނީ މީގެ ވިއްސަކަށް ދުވަް ކުރިންނެވެ. "ނަޝީދު ގަޔަކު ނުހުންނާނެ ޑިމޮކްރެޓިކްގެ އެއްވެސް ހަމައެއް، ނަޝީދަށް ހިންގަން އެނގޭނީ ކަލްޓް، ކަލްޓެއްގެ އަސާސީ ސިފަތައް އެމްޑީޕީއިން ފެނޭ، އެ ޕާޓީގެ ޖަލްސާ ފަށާނީ ނަޝީދަށް ހުޝާމަދުކުރަމުން ނިންމާނީ، މެދު ތެރެއިން ވެސް ހުޝާމަދުކުރާނެ، އެއީ ކަލްޓެއް ފުރަތަމަ ސިފައަކީ ދެވަނަ ސިފައަކީ ކަލްޓެއްގެ ވެރިމީހާގެ ނަމުން ތަންތަނަށް މަގުތަކަށް ނަން ދޭނެ، ނަޝީދުގެ ނަމުން އޮންނާނެ ބ. ތުޅާދޫގެ މަގުތަކަށް ނަން ދީފައި،" އުމަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި މަންޒަރު ދުށިން 2007 ވަނަ އަހަރު، އޭރުގެ ކޯލިޝަނުގައި އަޅުގަނޑު މަސައްކަތްކުރިން، ނަޝީދު އުޅުއްވި، ވިދާޅުވަމުން ގެންދެވީ ތިމަންނަ ކުރިމައްޗެއް ނުލައްވާނަމޭ، އެއީ ފުރަތަމަ ވިދާޅުވި އެއްޗަކީ، ހަނދުމަފުޅު މިއަދު ހުރި މީހަކު ހުރީ ނެތް މީހަކު ނެތީ، ތިމަންނަ ހުންނާނީ ޕާޓީގެ ޗެއާ މަން، ޗެއާ ޕާސަންގެ މަގާމުގައި ތިމަންނަ ކުރިމަތިލާކަށް ގަސްދެއް ނުކުރައްވަމޭ، އެކަމަކު އެންމެ ފުރަތަމަ އެކަމަށް ހިނގައިގަތީ ވެސް އޭނަ، ކުރިމަތިލާން، މުނައްވަރުމެން އެމްޑީޕީއިން ބޭރުކޮށްލި ގޮތް އަޅުގަނޑުމެންނަށް އެނގޭ ވަރަށް ރަނގަޅަށް،"

އުމަރުގެ މި ވިސްނުމަކީ ހަގީގަތެއް ކަމަށް ނުވެވެސް ހިނގައިދާނެ އެވެ. އެކަމުން ސާފުވާ އެއްޗަކީ ނަޝީދަކީ އުމަރު ގަބޫލުފުޅު ކުރައްވާ އަދި ކުރައްވާނެ ވެސް ނަމެއް ނޫން ކަމެވެެ. އަދި އުމަރު ވިދާޅުވާ ގޮތަށް ނަޝީދުގެ ފިމްމަކީ އޭނާ ބައްލަވާ ނިމިފައި އޮތް ޓޭޕެކެވެ. އަދި މިހާރު އެފެންނަ އެމްޔޫއޯ އަކީ "ކޮސްމެޓިކް" ފެބްރިކޭޝަނެކެވެ. އެހެން ކަމުން އުމަރުގެ އިސްތިއުފާއަކީ އިދިކޮޅަށް ލިބޭ ސިޔާސީ މާ ބޮޑު ޕޮއިންޓެއް ނޫނެވެ.