އެމްއެންޑީއެފް

އިންޑިއާގެ ޗީފް ހައިޑްރޯގްރަފާ ރާއްޖޭގެ ޑިފެންސް ޗީފާ ބައްދަލު ކުރައްވައިފި

Jun 22, 2016

އިންޑިއާގެ ޗީފް ހައިޑްރޯގްރަފާ ރިއާ އެޑްމިރަލް ވިނޭ ބަދްވާރު މިއަދު ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙުމަދު ޝިޔާމާއި ބައްދަލު ކުރައްވައިފި އެވެ.

މިއަދު މެންދުރު، ބަންޑާރަކޮށީގައި ވިނޭ ބަދްވާރު ޗީފް އޮފް ޑިފެންސް އަޙުމަދު ޝިޔާމް އާއެކު ބޭއްވި ބައްދަލު ކުރެއްވުމުގައި ދެ ގައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭގޮތުންނާއި ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާ ބެހޭގޮތުން މަޝްވަރާކުރި އެވެ.

މި ބައްދަލުވުމުގައި ކޯސްޓްގާޑް ކޮމާންޑާ ކާނަލް މުޙައްމަދު ޢިބްރާހީމާއި ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރޭނިން ގެ ޕްރިންސިޕަލް ޑައިރެކްޓަ ކާނަލް ޙާމިދު ޝަފީޤާއި އިންޑިއާއިން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒާ ކެޕްޓަން ޕްރަޝާންތް ހާނޑޫ ބައިވެރިވެވަޑައިގަތެވެ.

މިއަދު ހެނދުނު ރަސްމީ ދަތުރުފުޅެއްގައި ވިނޭ ބަދްވާރު ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް އައިއެންއައިއޭ އިން މަރުޙަބާ ދެންނެވީ، ކޯސްޓްގާޑުގެ ކޮމާންޑާ ކާނަލް މުޙައްމަދު އިބްރާހީމެވެ.

މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް އެމަނިކުފާނުގެ މި ރަސްމީ ދަތުރުފުޅުގައި ހައިޑްރޯގްރަފީ ނުވަތަ ކަނޑު ފަޅުގެ ޗާރޓް ކުރެހުމުގެ ޢިލްމީ ދިރާސާތައް އެމްއެންޑީއެފްގެ އިސްވެރިންނާއި ހިއްސާކުރައްވާނެ އެވެ.