ހަބަރު

މީހަކު ޒަހަމްކޮށްލުމަށްފަހު ރަށެއްގައި ފިލާ ތިބި ދެމީހަކު ހައްޔަރުކޮށްފި

Jun 22, 2016

މާލޭގައި ހިންގި މާރާމާރީއެއްގައި މީހަކު ޒަހަމްކޮށްލުމަށްފަހު މާލެ ދޫކޮށް ފިލައިގެންގޮސް ރަށެއްގައި ތިބި ދެ މީހަކު ހޯދައި ހައްޔަރުކޮށްފި އެވެ. ހައްޔަރު ކޮށްފައިވަނީ ޢުމުރުން 20 އަހަރުގެ، ދިވެހި ދެ ޒުވާނެކެވެ.

ފުުލުހުން ބުނީ ފުލުހުންގެ އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ތ. ގުރައިދޫގައި ހިންގި އޮޕަރޭޝަނެއްގައި އެ ރަށުގެ ގެއެއްގެ ތެރޭގައި ތިއްބާ ކޯޓު އަމުރެއްގެ ދަށުން ވެސް ކަމަށެވެ. އަދި އެމީހުން ހައްޔަރު ކުރީ އިއްޔެ ރޭގެ ދަންވަރު ކަމަށެވެ. އެ ދެމީހުން ހައްޔަރު ކުރުމަށްފަހު އެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކޯޓުން ބަންދަށް 15 ދުވަސް ދީފައިވާ ކަމަށް ވެސް ބުންޏެވެ.

މި ދެ މީހުންނަކީ މި މަހުގެ 14 ވަނަ ދުވަހު ހަވީރު ޖަނަވަރީމަގު ސޮނީ ސްޕޯޓްސް ކައިރީގައި މާރާމާރީ ހިންގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލުމުގައި ބައިވެރިވިކަމަށް ތުހުމަތުވާ ދެ މީހުންނެވެ.