އާދަމް ޝަރީފު އުމަރު

ސިޔާސީ ކަންކަމުގައި ސިފައިން ބައިވެރިވެގެން ނުވާނެ: މިނިސްޓަރު

އެއްވެސް ސިޔާސީ ހަރަކާތެއްގައި ސިފައިން ބައިވެރި ނުވުމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ސިފައިންގެ ކިބައިން އެދި ވަޑައިގެންފި އެވެ. މިނިސްޓަރު މިހެން ވިދާޅުވީ ރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވިދާޅުވީ، ސިފައިންނަކީ ގައުމީ ހިދުމަތުގައި ދެމިތިބޭ ބަޔަކަށްވާ ހިނދު، ސިފައިންނާ ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތާއި ވާޖިބުތައް ފުރިހަމައަށް އަދާކުރުން މަތީ ދެމިތިބުމަށް އެދި ވަޑައިގަންނަވާ ކަމަށާއި ސިޔާސީ ކަންކަމާއި އެފަދަ ހަރަކާތްތަކުން ސިފައިން އެއް ފަރާތްވާންޖެހޭނެ ކަމަށެވެ.

އަދި ވިދާޅުވީ ސިފައިންގެ ގަދަރާއި ކަރާމާތަށް ހުރިހާ ސިފައިން ހުރުމަތްތެރިކޮށް ހިތައި ސިފައިން ދެމިތިބެންޖެހޭނީ އަސްކަރީ އަދަބު އަހުލާގުގެ މަތީގައި ކަމަށެވެ.

"ސިޔާސީ ހަރަކާތްތަކުގައި އެއްވެސް މާނައެއްގައި ސިފައިން ބައިވެރި ނުވުމަށާއި ގައުމީ ވާޖިބު އަދާކުރުންމަތީ ސިފައިން ދެމި ތިބުމަށް އެހެންމެހާ ސިފައިންނަށް އިލްތިމާސްކުރަން،" މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.