މޫސާ ޒަމީރު

ޓޫރިޒަމުން މިހާރު ފައިސާގެ މުއާމަލާތެއް ނުހިންގާނެ: ޒަމީރު

ޕްރޮމޯޝަނެއްގައި ހިމެނޭ ފައިސާއެއް ފިޔަވައި ޓޫރިޒަމާއި ގުޅުން ހުރި އެއްވެސް ފައިސާއެއް މިހާރު ޓޫރިޒަމް މިނިސްޓްރީއަށް ބަލައި ނުގަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ. ޓޫރިޒަމް ގާނޫނަށް ގެނަން ހުށަހެޅި އިސްލާހު ތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމެޓީއަށް ވަޑައިގަތުމުން މެންބަރުން ކުރި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ ޓޫރިޒަމާ ގުޅުން ހުރި އެއްވެސް ފައިސާއެއް އެ މިނިސްޓްރީއަށް އަދި މިނިސްޓްރީ އާ ގުޅިފައިވާ އެއްވެސް އިދާރާއަކުން ވެސް މިހާރު ބަލައި ނުގަންނާނެ ކަމަށެވެ. އެފަދަ ހުރިހާ ފައިސާ އެއް މިހާރު ބަލައި ގަންނާނީ ގާނޫނުގައިވާ ގޮތަށް މީރާ އިން ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މިހަދާ ކޮންޓްރެކްޓްތައް ހަދާއިރުގަ ފުރަތަމަ މީރާއިން ކަލެކްޓްކޮށްފައި ރިސިޓެއް [ފައިސާގެ ރަސީދު] ދިނީމަ އަޅުގަނޑުމެން ސޮއި އެކަނި ކުރާނީ. ބޮޑެތި އެމައުންޓުތަކުން ކޮންޓްރެކްޓް ހަދާއިރުގައި ޓޫރިޒަމް މިނިސްޓްރީއަށް ވަޑައިގަންނަވާނެ މީރާގެ ޓީމުން. ކޮންޓްރެކްޓްގައި ސޮއިކުރުމުގެ ކުރިން މީރާއިން ގަބޫލުކުރާ ފެންވަރެއްގެ ޗެކެއްތޯ ބަލާނެ. ޓޫރިޒަމް މިނިސްޓްރީން ފައިސާގެ އެއްވެސް ކަމެއް ނުކުރާނެ. މިހާރު މި މަސައްކަތް ކުރަނީ ކުދި ކުދި ފީތައްވެސް މީރާ އާ ވާހަކަ ދައްކައިގެން އެމްއޯޔޫއެއްގެ ދަށުން އެބައިވެސް މީރާ އަށް ބަދަލުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފައިސާ ބަލައިގަތުމުގެ ކަންކަން މީރާއަށް ބަދަލުކުރުމުން އެ މުއާމަލާތަކުގައި ނުހަމަ ފައިދތައް ނަގައި ބޭނުން ކުރުމުގެ ފުރުސަތު ކުޑަވެގެންދާނެ ކަމަށެވެ. އަދި ޓޫރިޒަމަށް ނަގާ ރަށްތަކަށް ދައްކަން ޖެހޭ އިކްއިޒިޝަން ފީވެސް ދައްކަން ޖެހޭނީ މީރާއަށް ކަމަށެވެ.