މޫސާ ޒަމީރު

ބީލަމަށް ނުލާގޮތަށް ހެދުމުން މިނިސްޓަރު ކޮޓަރިން ރަށްތައް ދޭކަށް ނުޖެހޭނެ: ޒަމީރު

  • ރަށްތަކުގެ ދަފުތަރެއް އެކުލަވައިލާނެ
  • ބީލަމުގައި އެދެވޭ އިޖާބައެއް ނުލިބޭ
  • ރަށް ތަރައްގީ ކުރަން ދެން ލިބޭނީ ދެ އަހަރު

ކުރިއަށް އޮތްތާ ފަތުރުވެރިކަމަށް ދޫކުރާ ރަށްތައް ބީލަމަށް ނުލި ނަމަވެސް ފަތުރުވެރިކަމަށް ހުޅުވާލާ އިއުލާނު ކުރާނީ އަހަރަކު އެއް ފަހަރު ކަމަށާއި އެކަން ކުރާނީ ދެފުށް ފެންނަ ގޮތަށް ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް ގާނޫނަށް އިސްލާހުތައް ގެނައުމަށް ހުށަހެޅި ބިލާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒަމީރު ވިދޅުވީ ރަށްތައް ބީލަމަށް ހުޅުވާލުމުން އެދެވޭ އިޖާބައެއް ނުލިބޭ ކަމަށެވެ.

އަދި ވިދާޅުވީ ރަށްތައް ބީލަމަށް ހުޅުވާލުމުގެ ބަދަލުގައި ރަށްތަކުގެ ދަފްތަރެއް އެކުލަވާލައި އެ ދަފްތަރު ޓޫރިޒަމް މިނިސްޓްރީގެ ރިސެޕްޝަނުން ވެސް ލިބޭ ގޮތަށް ބާއްވާނެ ކަމަށާއި ފަތުރުވެރިކަމަށް ދޫކުރާ ރަށްތަކުގެ އެފަދަ ދަފްތަރެއް އެކުލަވާލުމުން މިނިސްޓަރުގެ ކޮޓަރި އާއި ކަމާގުޅޭ އެހެން އިދާރާތަކުގެ އިސްވެރިންގެ ކޮޓަރިތަކުގެ ދޮރުކޮޅުތަކުގައި ޓަކިޖަހަންޖެހޭ ޖެހުމަށް ނިމެއް އަންނާނެ ކަމަށެވެ.

"އަޅުގަނޑު ވަރަށް ފަހުން ރައީސް [ޔާމީން] އަރިހުގައި ލ. އަތޮޅަށް ކުރި ދަތުރެއްގައި ރައްޔިތުންނާ ބައްދަލުކުރީމަ ރައްޔިތުން ބޭނުންވީ ބީލަމަށް ލާން. ދެން ރައީސް ވިދާޅުވީ ބީލަމަށް ލާނީ އޭ، އެކަމަކު ބީލަމަށް ލައިގެން އެދެވޭ ރެސްޕޮންސެއް ނުލިބުނު،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަމަށް ރަށެއް ތަރައްގީ ކުރަން ބޭނުންވެއްޖެނަމަ އެރަށަކަށް ކަނޑައަޅާފައިވާ ފީ މީރާ އަށް ދެއްކުމަށްފަހު މިނިސްޓްރީއަށް ހުށަހެޅުމުން އޮންނަ އުސޫލެއްގެ ދަށުން ރަށް ދޫކުރާނެ ކަމަށެވެ. ރާއްޖޭގެ އެކި ހިސާބުތަކަށް އެ ފީ ކަނޑައަޅާފައި ހުންނާނީ އެކި ވަރަށް ކަމަށާއި ތަރައްގީ ކުރުން މުހިންމު ހިސާބުތަކަށް އަގުގައި ތަފާތު އުޅޭނެ ކަމަށް ވެސް މިނިސްޓަރު ވިދޅުވި އެވެ. އަދި ވިދާޅުވީ އަގުތަކުގެ ތަފްސީލްވެސް ދަފްތަރުން ފެންނަން އޮންނާނެ ކަމަށެވެ.

"މިސާލަކަށް ބަލަމާ ހދ. އަތޮޅު. އެ އަތޮޅަށް ފީ ކުޑަވާނެ ގދ. އަތޮޅު ހިސާބަށްވުރެ. އެއީ ހދ. ގައި ނެތް ރިސޯޓެއް، އެސަރަހައްދުގައި ރިސޯޓެއް ތަރައްގީކުރުން ވަރަށް މުހިންމު،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަމަށް ނަގާ ރަށް ތަރައްގީ ކުރަން މީގެކުރިން ތިން އަހަރު ދުވަސް ދީފައި އޮތަސް ދަފްތަރު އެކުލަވާލުމަށްފަހު ރަށްތައް ތަރައްގީކުރަން ދޫކުރާނީ ދެ އަހަރު ދުވަސް ކަމަށެވެ. ދެ އަހަރު ދުވަހަކީ ރިސޯޓެއް ތަރައްގީކުރަން އެކަށީގެންވާ މުއްދަތެއް ކަމަށް ވެސް ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ ދަފްތަރަށް އެއްވެސް ބަދަލެއް ގެންނަމަ ރައީސް އޮފީހުން ހުއްދައެއް ހޯދަން ޖެހޭނެ ކަމަށާއި ދަފްތަރުގައި ހުންނަ ރަށްތައް ބެލެހެއްޓުމުގެ މަސައްކަތް ކުރާނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ކަމަށެވެ.