އިންޑަސްޓްރިއަލް ވިލެޖް

ސިނާއީ އަވަށުގެ ތެލުގެ ވިޔަފާރި އެސްޓީއޯއަށް ދީިފި

Jun 23, 2016

މާލޭ ދެކުނު ފަރާތުން ބައެއް ހިއްކައިގެން ހަދާ ސިނާއީ ސަރަހައްދުގައި ތެލުގެ ވިޔަފާރި ފެށުމަށް އެސްޓީއޯއާއެކު ހުއިސިން މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތައް ފަހު މީޑިއާއާ ވަހަކަ ދައްކަވަމުން ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ މަސައްކަތް ފެށުމުން މާލެތެރޭގައި ދުއްވާ ތެޔޮ ލޮރީ ތަކުގެ ސަބަބުން އާންމުންނަށް ކުރިމަތިވާ އުނދަގޫތަކުން ރައްކާތެރިވެވޭނެ ކަމަށެވެ. އަދި މަގުތަކުގެ ތޮއްޖުހުން ކުޑަ ކުރުންވެސް އެއީ އަމާޒެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެމްއެންޑީއެފް އިން ފާހަގަކޮށްފައި އެބަހުރި، މާލެތެރޭގައި މިގޮތަށް ތެޔޮ ގެންގުޅޭ ކަމަށް ވާނަމަ އެކަމުގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެކަމަށް. ދެކުނު ފަރާތުގައި ހަދާ އިންޑަސްޓްރިއަލް ޒޯންގެ އެކަން ކުރުމުން އެފަދަ ހާދިސާތަކުން ވެސް ރައްކާތެރިކަން ލިބޭނެ" މިނިސްޓަރު ވިދާޅުވިއެވެ.

އެ ސަރަހައްދުު ހިއްކުން ހާވާލުކޮށްފައިވަނީ އެމްޓީސީސީއެއެވެ.

މީގެ އިތުރުން މިނިސްޓަރު މުއިއްޒު ވިދާޅުވީ ގދ. ތިނަދޫ ހިއްކުމުގެ މަސައްކަތް ވަނީ މިހާރު ނިމިފައިވާ ކަމަށާއި އޭގެ ފަހުން މާލޭގެ ސިނާއީ ސަރަހައްދު ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށާއި މަސައްކަތް ފެށުމާއެކު ތިން ދުވަސް ތެރޭގައި ހިއްކުމުގެ މަސައްކަތް ނިމޭނެ" ކަމަށެވެ.

އެގްރިމެންޓްގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު މިހާދުއެވެ.

ސޮއި ކުރެއްވުމަށްފަހު އޭނާ ވިދާޅުވީ އެސްޓީއޯއިން އެސަރހައްދު ތަރައްގީ ކުރާނީ ބިމުގެ އަޑީގައި ތެޔޮ ރައްކާ ކުރެވޭނެ ފުރިހަމަ ނިޒާމެއްވެސް ގާއިމުކޮށްގެން ކަމަށެވެ.