ރައީސް މުހައްމަދު ނަޝީދު

ނަޝީދަށް ހިމާޔަތްދިންކަން ޔޫކޭ ސަރުކާރުން ކަށަވަރުކޮށްދީފި

ޓެރަރިޒަމްގެ ކުށް ސާބިތުވެފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތްދީފައިވާކަން އެގައުމުގެ ސަރުކާރުން ދިވެހި ސަރުކާރަށް ރަސްމީކޮށް އަންގައިފި އެވެ.

މިއަދު ފޮރިން މިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރާ ދުންޔާ މައުމޫން ވިދާޅުވީ، ރައީސް ނަޝީދަށް އިނގިރޭސިވިލާތުން ހިމާޔަތް ދިންތޯ ސާފުކުރުމަށް މީގެ މަހެއްހާ ދުވަސް ކުރިން ސަރުކާރުން އެގައުމުގެ ސަރުކާރަށް ފޮނުވި ސިޓީގެ ޖަވާބު ލިބިފައިވާ ކަމަށެވެ. ދުންޔާ ވިދާޅުވީ، އެ ސިޓީގެ ޖަވާބުގައި ވަނީ ނަޝީދަށް ޕޮލިޓިކަލް އެސައިލަމް ލިބިވަޑައިގެންފައިވާ ކަމަށް ކަމަށެވެ.

ސިޓީގައި ބުނެފައި އޮތީ ހަމައެކަނި އެސައިލަމް ދީފައިވާ ކަމަށް ކަމަށާއި އެސައިލަމް ދީފައިވަނީ ކޮން އިރެއްގައި ކަމެއް ވެސް ބުނެފައިނުވާ ކަމަށް ދުންޏާ ވިދާޅުވި އެވެ. އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް ސިޓީގައި ނެތް ކަމަށް ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ، ނަޝީދު އިނގިރޭސިވިލާތަށް ފުރާވަޑައިގަތީ ބޭސްފަރުވާ ނިންމެވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ހަކުމުގެ ބާކީ ބައި ތަންފީޒުކުރާނެ ކަމަށް ވިދާޅުވެ އިގުރާރެއްގައި ސޮއިކުރައްވާފައި ކަމަށެވެ.