އެމްޑީއޭ

ރައީސްގެ އަރިހު ސާބިތުވެ ޖިހާދު ހުންނަވާނެ ކަމަށް އުންމީދުކުރަން: އެމްޑީއޭ

ދިވެހިން ދެކޭ ތަރައްގީގެ އާރޯކަމާއި ފެހިކަން މިހާރަށްވުރެ ވެސް ބާރު ދުވެލީގައި ރައްޔިތުންނަށް ހާސިލްކޮށްދޭން ރައީސް އަބްދުﷲ ޔާމީނު ކުރައްވާ މަސައްކަތުގައި އާ ނައިބު ރައީސް އަބްދުﷲ ޖިހާދު ސާބިތުވެ ހުންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް މޯލްޑިވިއަން ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިން ބުނެފި އެވެ.


އެޕާޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ ތަރައްގީ ހާސިލްކުރަން ރައީސް ކުރައްވާ މަސައްކަތްޕުޅުގައި އެމަނިކުފާނުގެ މުލައްދަނޑިފުޅަށް ލެއްވޭ ބާރު އިތުރު ކުރެއްވުމަށް ނައިބު ރައީސް ޖިހާދު ސާބިތުކަމާއެކު ހުންނަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ރައީސް، ނައިބު ރައީސާއި ހަވާލުކުރައްވާ މަސައްކަތް އިހުލާސްތެރިކަމާއި އަމާނާތްތެރިކަމާއެކު އަދާކުރެއްވުމަށް ތެދުވެރި ނިޔަތުގައި ދެމިހުންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ޖިހާދަކީ ކުރިން ގަވަރުނަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.

ފިނޭންސް މިނިސްޓަރުގެ މަގާމުގައި ކުރިން ހުންނެވި ޖިހާދު ނައިބު ރައީސްކަމުގެ މަގާމަށް ރައީސް އައްޔަނު ކުރައްވާފައިވަނީ އިއްޔެ އެވެ. ޖިހާދު ނައިބު ރައީސް ކަމަށް އައްޔަން ކުރެއްވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މަގާމުން ވަކި ކުރެއްވުމަށްފަހު މިހާތަނަށް އެ މަގާމު ހުހަށް އޮތުމަށްފަހު އެވެ. ނައިބު ރައީސްގެ މަގާމު ހުހަށް އޮންނަތާ އަށެއްކަ މަސް ދުވަސް ވެއްޖެ އެވެ.

ނައިބު ރައީސްގެ މަގާމަށް އިއްޔެ ޖިހާދު އައްޔަނު ކުރެއްވި އިރު ކެބިނެޓަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަވާފަ އެވެ.