ދުނިޔެ

އިނގިރޭސިން އީޔޫ އިން ވަކިވާން ނިންމައިފި

ސާޅީސް ތިން އަހަރަށްފަހު އިނގިރޭސި ވިލާތް ޔޫރަޕިއަން ޔޫނިއަން އިން ވަކިވާން ނިންމައިފި އެވެ. އިނގިރޭސިން އެގޮތަށް ނިންމީ އިއްޔެ އެގައުމުގައި ނެގި ފެންނަ ނުފެންނަ ވޯޓަކުންނެވެ. މިއީ އީޔޫ އިން ވަކިވާން އެގައުމުގައި ނެގި ތިން ވަނަ ހިޔާލު ހޯދުމުގެ ވޯޓެވެ.

މި ވޯޓުގެ ނަތީޖާއަށް ބަލާއިރު ވޯޓުލީ މީހުންގެ 52 ޕަސަންޓު މީހުންވަނީ އިނގިރޭސިން އީޔޫ އިން ވަކިވާން ވޯޓު ދީފަ އެވެ. އެއީ 7.8 މިލިއަން މީހުންނެވެ. އިނގިރޭސިން އީޔޫއިން ވަކިނުވާން ލަންޑަން އަދި ސްކޮޓްލޭންޑުގެ ގިނަ ބަޔަކު ވަނީ ވޯޓު ދީފަ އެވެ. އެހެން ނަމަވެސް އިމގިރޭސި ވިލާތުގެ ގިނަ މީހުން ވޯޓު ދީފައިވަނީ އީޔޫ އިން ވަކިވާށެވެ.

މި ވޯޓުލުން ބޭއްވި 200 ސަރަހައްދެއްގެ ވޯޓު ފޮށިތައް މިހާރުވަނީ ގުނާފަ އެވެ. އެއީ ވޯޓުގައި ބައިވެރިވި 96 އިންސައްތަ ފޮއްޓެވެ. މި ހިޔާލު ހޯދުމުގެ ވޯޓުގައި 30 މިލިއަނަށްވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށާއި މިއީ އިނގިރޭސި ވިލާތުގ މިހާގިނަ އަދަދެއްގެ މީހުން ވޯޓުލީ ފުރަތަމަ ފަހަރު ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެއީ އާބާދީގެ 72.2 ޕަސަންޓު މީހުންނެވެ.


ޔޫކޭ އިންޑިޕެންޑެންސް ޕާޓީ (ޔޫކޭއައިޕީ)ގެ ލީޑަރު ނިގެލް ފަރާގް ވިދާޅުވީ މި ދުވަސްވާނީ [އިއްޔެ] އެގައުމުގެ މިނިވަން ދުވަހަށް ކަމަށެވެ. ގިނަ ބަޔަކުދަނީ މަގުތައް މައްޗަށް ނުކުމެ އުފާފާޅު ކުރަން ފަށާފަ އެވެ.

ކަމާބެހޭ ފަރާތްތަކުން ބުނީ މި ނިންމުމަށްފަހު އިނގިރޭސި ވިލާތުގެ އިގްތިސާދީ އޮނިގަނޑަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އިނގިރޭސިން އީޔޫއިން ވަކިވާން ނިންމުމާއެކު ޔޫރޯ އާއި ޕައުންޑުގެ އަގުވެސް ވަނީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ. މިއީ 1985ގެ ފަހުން އެގައުމުގައި ޕައުންޑުގެ އަގު މިހާބޮޑަށް ވެއްޓުނު ފުރަތަމަ ފަހަރެވެ. އަދި މިއީ ބޮޑު ވަޒީރު ކެމަރަންގެ މަގާމާއި މެދު އިތުރު ވިސްނުމަކަށް ދާނެ ޖެހޭ ވަގުތެއް ކަމަށްވެސް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އަދި މިއީ އީޔޫއަށްވެސް ވަރަށް ބޮޑު ނިކަމެތި ކަމެއް ލިބިގެންދާނެ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.