އެމްޑީޕީ

އިއްތިހާދުގައި ބައިވެރިވާން ޖޭޕީ ސޮއެއް ނުކުރޭ: އެމްޔޫއޯ

އިދިކޮޅު ފަރާތްތަކުން އުފެއްދި މޯލްޑިވްސް ޔުނައިޓަޑް އޮޕޮޒިޝަން (އެމްޔޫއޯ) ގައި ޖުމްހޫރީ ޕާޓީ ނުހިމެނޭ ކަމަށާއި އެ ޕާޓީގެ ބައިވެރިވުން ނެތް އިރު ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ބައިވެރިވެ ވަޑައިގަންނަވަނީ އަމިއްލަ ހައިސިއްޔަތުން ކަމަށް އެ އިއްތިހާދުން ބުނެފި އެވެ.

އިއްތިހާދުގައި އަމީން ތަމްސީލް ކުރައްވަނީ ޖޭޕީގެ ނަމުގައި ކަމަށް އަނެއްކާ ވެސް އަޑު ފެތުރިފައިވާތީ އިއްތިހާދުގެ ސްޕޯކްސް ޕާސަން އަހުމަދު މަހްލޫފް ވިދާޅުވީ އިނގިރޭސިވިލާތުގައި ތިއްބަވައިގެން އިދިކޮޅު ފަރާތްތަކުން އުފެއްދި އިއްތިހާދުން ބާއްވާ ބައްދަލުވުންތަކުގައި ޖޭޕީގެ ބައިވެރިވުމެއް ނެތް ކަމަށެވެ. އަދި އެއްވެސް މީހަކު އެ އިއްތިހާދުގައި ޖޭޕީ ތަމްސީލް ނުކުރާ ކަމަށެވެ އަދި ވިދާޅުވީ އަމީން ބައިވެރިވެ ވަޑައިގަންނަވާ ކަމަށާއި އެކަމަކު އެއީ އަމިއްލަ ހައިސިއްޔަތުން ކަމަށެވެ.

މަހުލޫފް ވިދާޅުވީ އިއްތިހާދުގެ ކޯލިޝަން ޕާޓްނަރުން ސޮއި ކުރިއިރު ޖޭޕީން ވެސް އަދި އަމީން ވެސް ސޮއި ނުކުރައްވާ ކަމަށާއި އެހެންވެ އެ އިއްތިހާދުގައި ޖޭޕީ އެއް ރަސްމީ ބައިވެރިވުމެއް ނެތް މަށެވެ. އަމީންގެ އިތުރުން ޖޭޕީގެ ބައެއް އެހެން މެންބަރުން ވެސް އިއްތިހާދުގައި ބައިވެރިވަނީ އަމިއްލަ ހައިސިއްޔަތުން ކަމަށެވެ.

"ޖުމްހޫރީ ޕާޓީއަށް ރަސްމީކޮށް އިދިކޮޅު އިއްތިހާދުގައި ބައިވެރި ނުވެވެނީ ސަރުކާރުން ގާސިމްއަށް ކުރާ ދަތި އުނދަގުލާ ހެދި. އެހެންވެ އަމީންއާ އަދި ޖޭޕީގެ ބައެއް އެހެން މެންބަރުން ވެސް މި ކޯލިޝަންގައި ބައިވެރިވަނީ އަމިއްލަ ހައިސިއްޔަތުން،" މަހުލޫފް ވިދާޅުވި އެވެ. ސަރުކާރުން ގާސިމަށް ކުރާ "ދަތި އުނދަގުލު" ތަފުސީލެއް މަހުލޫފު ނުދެއްވައެވެ.

އިދިކޮޅު އިއްތިހާދުގައި އަމީންގެ ބައިވެރިވުން ހިމެނޭތީ ގާސިމް ވިދާޅުވެފައި ވަނީ 2015 ވަނަ އަހަރުގެ މޭޑޭގައި ބައިވެރިވުމާއި އަދި އޭގެ ފަހުން އަމީން ކުރެއްވި އެއްވެސް ކަމަކީ ޖޭޕީއަށް އެނގިގެން ކޮށްފައިވާ ކަންކަމެއް ނޫން ކަމަށާއި އެކަންކަން ބައްލަވާނެ ކަމަށެވެ.