ޗައިނާ

ނަގޫ ރޯޅިއެއްގައި ޗައިނާއިން 98 މީހުން މަރުވެއްޖެ

ޗައިނާގެ ޖިންގްސޫ ޕްރޮވިންސްގެ އެންމެ އާބާދީ ބޮޑު ޔެންގްކަންޗިން ސްޓޭޓަށް ނަގޫ ރޯޅިއެއް އަރައި ބޮޑެތި ގެއްލުންތައް ލިބިއްޖެ އެވެ. އިއްޔެ އައި ނަގޫރޯޅީގައި 98 މީހުން މަރުވެ 800 މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.

ޔެންކަންޗިންއަކީ ގިނަ އަދަދެއްގެ ދަނޑުތަކާއި ފެކްޓްރީތައް ހިންގަމުން އަންނަ އަވަށެކެވެ. މި ހާދިސާގައި ޒަހަމްވި މީހުން ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ގިނަ އިމާރާތްތަކާއި ގަސްތައް ހަލާކުވުމުގެ އިތުރަށް މަގުމަތީގައި ޕާކްކޮށްފައި ހުރި ގިނަ އަދަދެއްގެ ވެހިކަލްތައް ވެސް ވަނީ ވެއްޓި ހަލާކުވެފަ އެވެ.

މިހާދިސާ ހިނގި ސަރަހައްދަށް ހާއްސަ މެޑިކަލް ޓީމުތަކުންނާއި ކާބޯތަކެތި އަދި ފަސްޓް އެއިޑް އެހީދޭ ޓީމުތަކުން ގޮސް މިހާރު އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ހާއްސަ ޓީމުތަކުން ހަލާކުވެފައިވާ އިމާރާތްތަކުގެ ދަށުގައި މީހުން ތިބިތޯ ބަލައި މަގުތަކާއި ތަންތަން ސާފުކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޔެންގްކަންގްޗިންގް އިއްޔެ ނަގޫ ރޯޅިއެއް އެރިއިރު އިތުރަށް މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެގައުމުގެ މޫސުމާ ބެހޭ އިދާރާއިން ލަފާކުރެވެ އެވެ. އެ އަވަށުގެ ގިނަ މީހުން މިހާރު ތިބީ ސްކޫލްތަކާއި ބޮޑެތި ހޯލްތައް އަދި ޓެންޓުތަކުގައި ހިޔާވަހިކަން ހޯދައިގެންނެވެ.

މިހާދިސާއާ ގުޅިގެން ޗައިނާގެ ރައީސް ޒީ ޖިންޕިންގް ވަނީ ރައްޔިތުންނަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް އަންގަވާފަ އެވެ.

ޗައިނާގެ ދެކުނަށް ހޫނު މޫސުމުގައި ނަގޫ ރޯޅިގެ އަސަރު އަބަދުވެސް ކުރާކަމަށްވެ އެވެ. މިދިޔަ އަހަރުވެސް ޗައިނާ އަށް ނަގޫރޯޅި އެއް އަރާފައިވެ އެވެ. އެހާދިސާގައި 442 މީހުން މަރުވެފައިވެ އެވެ.