ދިވެހި މީޑިއާ

ސީއެންއެމް ހުއްޓާލީ ސިޔާސީ ޕްރެޝަރުގައެއް ނޫން: ޖަނާ

އޮންލައިން ނޫސް ސީއެންއެމް ހުއްޓާލީ އެއްވެސް ފަރާތަކުން އެއްވެސް ކަހަލަ ސިޔާސީ ޕްރެޝަރެއް އައިސްގެން ނޫން ކަމަށް އެ ނޫހުގެ މެޖޯރިޓީ ހިއްސާއާއެކު ހަރަދުތައް ކުރެއްވި ވިޔަފާރިވެރިޔާ، މުހައްމަދު އަލީ ޖަނާހު (ޖަނާ) ވިދާޅުވެއްޖެ އެވެ. ދެހާސް ދިހަ ވަނަ އަހަރުގެ ތެރޭގައި ހިންގަން ފެށި ސީއެންއެމް ހުއްޓާލާފައިވަނީ ރޭގެ ވަގުތެއްގަ އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ރައީސްކަން ވެސް ކުރައްވާ ޖަނާ އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި މިއަދު ވިދާޅުވީ، ސީއެންއެމް ހުއްޓާލީ އެ ނޫސް އިތުރަށް ކުރިއަށް ނުގެންދަން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ އިއްތިފާގުން ނިންމުމުން ކަމަށެވެ. -- ސީއެންއެމްގައި ޖަނާގެ ހިއްސާއަކީ 51 ޕަސެންޓެވެ.

ސީއެންއެމް ހުއްޓާލީ ސިޔާސީ ޕްރެޝަރާއެކު ޖަނާ ބޭނުންފުޅު ވެގެން ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ޖަނާ ވިދާޅުވީ، އޭނާއަށް އެކަނި ނޫސް ހުއްޓާލަން ނުނިންމޭނެ ކަމަށާއި އެ ނިންމުން ނިންމާފައިވަނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ކަމަށެވެ.

"އެއް ޑިރެކްޓަރަކަށް ނުނިންމޭނެ ދެއްތޯ އެކަމެއް. ސީއެންއެމް ހުއްޓާލަން ނިންމީ ޑިރެކްޓަރުންގެ ބޯޑުގެ އިއްތިފާގުން،" ޖަނާ ވިދާޅުވި އެވެ.

ޖަނާ އަދި ވިދާޅުވީ، ދެން ސީއެންއެމް ވުޖޫދަށް ނާންނާނެ ކަމަށެވެ. ސީއެންއެމް އަލުން ހިންގުމުގެ އެއްވެސް ވިސްނުން ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

ސީއެންއެމް ހުއްޓާލާފައިވަނީ ސިޔާސީ ޕްރެޝަރުތަކެއްގެ ސަބަބުން ކަމަށް ވަނީ އަޑުތައް ފެތުރިފަ އެވެ. ނަމަވެސް ޖަނާ ވިދާޅުވީ އެކަމުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. ނަމަވެސް ރޭގެ ވަގުތެއްގައު އެ ނޫހުގެ ބައެއް އިސްވެރިން ބުނެފައިވަނީ އެ ނޫސް ހުއްޓާލީ ހިއްސާދާރުންގެ ތެރެއިން ބައެއް ފަރާތްތަކަށް ކުރިމަތިވި ސިޔާސީ ޕްރެޝަރުގައި ނޫސް ހިންގަން ބައެއް ހިއްސާދާރުން މިވަގުތަށް ބޭނުން ނުވުމުން ކަމަށެވެ.

"އެއްވެސް ސިޔާސީ ޕްރެޝަރެއް އައިސްގެނެއް ނޫން، އެއީ ވިޔަފާރިއެއް، އެ ވިޔަފާރި އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވީމަ ހުއްޓާލީ،" ޖަނާ ވިދާޅުވި އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ވެސް ސީއެންއެމްގައި އޮތް ޖަނާގެ ހިއްސާ ދޫކޮށްލި ކަމަށް އަޑުތައް ފެތުރުނެވެ. އަދި ޖަނާ ފިޔަވައި ސީއެންއެމްގައި ދެން ތިއްބެވި ހިއްސާދާރުން ބޭރުގައި އަމިއްލައަށް އަރުވާލެވިގެން ހުންނެވި ރާއްޖޭގެ ސިޔާސީ ބޭފުޅަކަށް ހިއްސާ ވިއްކާލަން މަސައްކަތް ކުރާ ކަމުގެ އަޑުތައް ވެސް އޭރު ފެތުރުނެވެ. އެހެން ނަމަވެސް އެ ރިޕޯޓްތަކުގެ ހަގީގަތެއް ނޭނގެ އެވެ.