ރިޕޯޓް

ދިވެހިންގެ އިމްރާން ދިވެހިންނަށް!

އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާނު އަބްދުﷲ "ސިޔާސީ ބްރޭކު" ނިމުމަކަށް އައިސް އެ ބޭފުޅާ އަނެއްކާވެސް ސިޔާސީ މައިދާނަށް ނުކުމެ ވަޑައިގެން އަޑުގަދަކުރައްވަން ފައްޓަވައިފި އެވެ. އިމްރާނުގެ އަޑަކީ އެއް ދުވަސްކޮޅެއްގައި ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ ބާރުވި އަޑެވެ. މެދުނުކެނޑި ކުރިޔަށްދާ ހޯބޯލެވުމެއްގެ ގޮތު އެވެ. 

އިމްރާންގެ އެ އަޑު ރާއްޖޭގެ ސިޔާސީ މައިދާނަށް އެނބުރި އައުމަކީ ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ހެއްޔެވެ؟ ފަހަރެއްގައި ސިޔާސީ ގޮތުން އެވަރުގެ ނުރައްކަލަކަށް އިމްރާނު ނުވެދާނެ އެވެ. ނަމަވެސް އިމްރާނަކީ "ސިޔާސީ ޖޯކަކަށް" ވުރެ ހިތްވަރުގަދަ ސިޔާސީ ޝައިހެއް ކަމަށް އެއްބަސްވާން ޖެހެ އެވެ.

މިސާލަކަށް "ފެބްރުއަރީ ހަތެއް" ގެނުވި މަޝްހޫރު ސިލްސިލާ މުޒާހަރާތަކެވެ. އޭރުގެ އިދިކޮޅު ސިޔާސީ ޕާޓީތަކާއި މަދަނީ އިއްތިހާދޭ ކިޔުނު ބަޔަކު 22 ރޭ ވަންދެން ކުރިއަށް ގެންދިޔަ މުޒާހާރަތަކުގެ އެންމެ ކުރީގައި ވެސް ހުންނެވި އެއް ބޭފުޅަކީ އިމްރާނެވެ. އެ މުޒާހަރާތަކުގެ ސަފުތައް 22 ރޭ ވަންދެން ނުރޫޅި ހިފެހެއްޓެވުމަށް އިމްރާނު ޖެއްސެވި ބެރަކީ ފާހަގަކުރެވޭ ބެރެކެވެ.  އެއް ބަޔަކު ގަބޫލުކުރާ ގޮތުން އެ މުޒާހަރާތަކުގެ އެންމެ ބޮޑު ބަތަލަކީ އިމްރާނެވެ.

މީގައި އަދި ފާހަގަކޮށްލަން ޖެހެނީ، އިމްރާނު އެ މުޒާހަރާގައި ނެރުއްވި އެންމެ ފަހު އިންޒާރާއެކު އެމްޑީޕީގެ ވެރިކަން ވެސް އޭނާ ވިދާޅުވި ގޮތަށް ބަދަލުވެގެން ދިޔަދިއުމެވެ. 

"ގާނޫނު އަސާސީގެ ކުރިމަތީގައި، ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ކުޑަކަކޫ ނުޖަހައިފިއްޔާ، އަދި ކެނެރީގޭ މުހަންމަދު ނަޝީދު ހައްޔަރު ނުކޮށްފިއްޔާ ދެން މާފެއް ނުކުރާނެ. އެހެންވީމަ މި ދަންނަވަނީ (ސިފައިންގެ ވެރިން) ނިންމާ ގޮތަކަށް ނިންމާށޭ. ކުރިއަށް އޮތް ފަސް ދުވަސް ތެރޭގައި މުހަންމަދު ނަޝީދު ހައްޔަރުކޮށްދޭށޭ. އޭރުން މިކަން އަޅުގަނޑުމެންނަށް ހުއްޓޭނެ،" އާޓިފިޝަލް ބީޗް ސަރަހައްދުގައި އެމްޑީޕީގެ ސަރުކާރާ ދެކޮޅަށް ބޭއްވި މުޒާހަރާއެއްގައި ޝައިހު މިހެން ވިދާޅުވީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ދެ ވަނަ ދުވަހުގެ ރެ އެވެ.

އޭގެ ފަސް ދުވަސް ފަހުން "ފެބްރުއަރީ ހަތެކާ" އެކު އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަކަށް އައީ އެވެ.

އެހެންވީމަ އިމްރާނު އެ ރޭ ދެއްވީ ހަމަ އަސްލަށް ވެސް އެންމެ ފަހުގެ އިންޒާރު ނޯންތޯ އެވެ؟

ނަޝީދުގެ ވެރިކަން ނިމުމަކަށް ގެންނެވުމަށް ފަހު އިމްރާނު އިސްކޮށް ހުންނަވައިގެން ދެން ޖެއްސެވި އެންމެ މަޝްހޫރު މުޒާހަރާ އަކީ "ދިވެހިންގެ އެއާޕޯޓް ދިވެހިންނަ" ށޭ ކިޔާފައި އިންޑިއާގެ ޖީއެމްއާރު މި ރާއްޖެ އިން ބޭރުކޮށްލުމަށް ގޮވާލައި ކުރަން ފެށި ސިލްސިލާ މުޒާހަރާ އެވެ.

"ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް" ދިނުމަށް ގޮވާލައި އިމްރާނު މުޒާހަރާ އަށް ނުކުމެ ވަޑައިގަތުމުން އެމްޑީޕީއަށް އޭރު އެ ބޭފުޅާ ފެނުނީ "ސިޔާސީ ޖޯކަރެއް"ގެ ގޮތު އެވެ. ނަމަވެސް އާޚިރުގައި ހިނިފުޅުވެޑުވުމުގެ ފުރުސަތު ލިބިވަޑައިގަތީ އިމްރާނަށެވެ.

ޖީއެމްއާރު އަތުން އެއާޕޯޓް އަތުލައި އެކުންފުނި ރާއްޖެ އިން ބޭރުކޮށްލީ އެވެ. އެ ސިލްސިލާ އަށް ފަހު އިމްރާނު ދެން ނުކުމެ ވަޑައިގަތީ "ރައްޔިތުންގެ މަޖިލިސް ރައްޔިތުންނަށޭ" ވިދާޅުވަމުންނެވެ.

އިމްރާނާއި އެ ބޭފުޅާގެ މަދަނީ އިއްތިހާދުގެ އެ މުޒާހަރާތަކުގެ ނަމަކީ ވެސް އެ ދުވަސްކޮޅުގެ ބޮޑު ހިޓެކެވެ. އިމްރާނާއި އެ ބޭފުޅާގެ މުޒާހަރާތައް ބަޔަކު މީހުންނަށް "ޖޯކަކަށް" ވިޔަސް ކުރިއަށް ވަޑައިގެންނެވީ ހިތްވަރުގަދަ އަދި އެހާމެ ޖެހިލުންކުޑަ ބޭފުޅެއްގެ ގޮތުގަ އެވެ.

އެންމެފަހުން "ރައްޔިތުންގެ މަޖިލިސް ރައްޔިތުންނަށް" މުޒާހަރާތައް ވެސް ހުއްޓާލީ ކާމިޔާބު ލިބިއްޖެ ކަމަށް އިއުލާނުކޮށްފަ އެވެ. އަދި އެ ދުވަސްކޮޅު އިމްރާނު އާއި އެ ބޭފުޅާގެ ފަހަތުގައި ހިޔަންޏެއް ފަދައިން އުޅުއްވި އަބްދުﷲ މުހައްމަދު ބޮޑަށް މަޝްހޫރުވެވަޑައިގެން ދިޔައީ ވެސް "ކޮންޓްރެކްޓް އުސޫލުން މުޒާހަރާކޮށް ދެއްވާ" ބޭފުޅުންތަކެއްގެ ގޮތުގަ އެވެ.

ސިލްސިލާ މުޒާހަރާތަކަކަށް ފަހު ޝައިހު ބޮޑު "ބްރޭކެއް" ނެންގެވީ އެވެ. މިދިޔަ ދުވަސްތަކުގައި އިމްރާނުގެ އަޑުން ރިކޯޑްކުރައްވާފައިވާ ސިޔާސީ އެއްވެސް "ލަވަ" އެއް އަދި ރާގެއް ވެސް އާންމުންނަށް އިވިފައެއް ނުވެއެވެ. ފަހަރެއްގައި ސިޔާސީ މައިދާނުގައި ރެއާއި ދުވާލު އެހާ ބުރަކޮށް އުޅުއްވީމަ ބްރޭކެއް ނަންގަވަން މަޖުބޫރުވެ ވަޑައިގަތީ ކަމަށް ވެސް ވެދާނެ އެވެ.

އިމްރާންގެ އެ ބްރޭކު ނިމި، އިމްރާނުގެ އަޑު ކުރީގެ ވޮލިޔުމަށް މަޑުމަޑުން އަރަމުން އަންނައިރު މިއީ އޭނާގެ ސިޔާސީ ވާދަވެރިން ސަމާލުވާން ޖެހޭ ކަމެކެވެ. އިމްރާނު މުޒާހަރާ އަށް ނުކުމެ ވަޑައިގެންފި ނަމަ ގައުމު ހަލަބޮލިކޮށްލައްވަފާނެ އެވެ.

ކޮންމެއަކަސް ސިޔާސީ ފަލަ ސުރުހީތަކުގެ ސަމާލުކަން އިމްރާނު އަނެއްކާވެސް އަތުލައްވައިފި އެވެ. ކުޅުއްވަމުން ގެންދަވާ ރާގަށް ބަލާއިރު މިފަހަރު އުޅުއްވަނީ ރައީސް އަބްދުﷲ ޔާމީނު ވެރިކަން ކުރައްވަމުން ގެންދަވާ ގޮތާ މެދު ހިތްޕުޅާވެ ވަޑައިނުގެން ހުންނަވަ އެވެ.

ފާހަގަކޮށްލަން ޖެހެނީ ޝައިހު ނެންގެވި ބްރޭކަށް ފަހު ވަޑައިގެންނެވި އިމްރާނަށް ބޮޑު ބަދަލުތަކެއް އައިސްފައިވާ ކަމެވެ. ކުރިން ދެއްކެވި ވާހަކައިގެ ރާގު މި ވަނީ ގާތްގަނޑަކަށް މުޅިން ބަދަލުވެފަ އެވެ. ނަޝީދު އާއި އެމްޑީޕީއާ ދެކޮޅަށް ދެއްކެވި ވާހަކަތައް ވަނީ މިހާރު މުޅިން "ސޮފްޓް" ވެފައެވެ.

އެހެންވީމަ، "ސިޔާސީ ހަރުކަށި ލީޑަރެއް" ގެ ގޮތުގައި އެމްޑީޕީގެ އެކްޓިވިސްޓުންނަށް އޭރު މަޝްހޫރުވި އިމްރާނު މިހާރު ސޮފްޓް ލީޑަރަކަށް ވެސް ބަދަލުވެ ވަޑައިގަންނަވާނެއެއް ނޫން ހެއްޔެވެ؟ އިމްރާން ވިދާޅުވަނީ ނަޝީދު އާއި އެ ބޭފުޅާގެ ސަރުކާރުގެ އިސް ވެރިންގެ މައްސަލަ ނިންމަން މިހާރު އެންމެ ރަނގަޅުވާނީ ކޯޓުން ބޭރު ކަމަށެވެ. 

އިމްރާނު މިހާރު ގޮވާލައްވަނީ އެންމެން އެކަތިގަނޑަށްވުމަށެވެ. ކުރިން މުޒާހަރާކޮށް އަޑުގަދަކުރެއްވީ ވަކި ފިކުރަކާ ޖައްސާލައްވައިގެން ގައުމުގައި ފިތުނަ އުފެދޭ ފަދަ ރޫހެއްގަ އެވެ.

އެ އިމްރާން "ސިޔާސީ ބްރޭކަކަށް" ފަހު "ސޮފްޓް އިމްރާނަކަށް" ބަދަލުވުމުން އެންމެން ވެސް ބުނަނީ "އިމްރާނަށް އެންމެފަހުން ހެޔޮ ވިސްނުން މިންވަރު ކުރެއްވީތީ ހެއްދެވި ފަރާތަކަށް ޝުކުރުކުރާ" ކަމަށެވެ.

ނުވަތަ އިމްރާން މި ނުކުމެ ވަޑައިގަންނަވަނީ މަހުޖަނު، ގާސިމް އިބްރާހީމަށް "ކޮންޓްރެކްޓް އުސޫލުން" މުޒާހަރާކޮށް ދެއްވުމަށް ހެއްޔެވެ؟ ބައެއް މީހުން މިހެން ވެސް ކިޔައެވެ. ހަޖުލަކަށް ހަދައިގެނެވެ.