ދިވެހި މީޑިއާ

ސީއެންއެމް ހުއްޓާލީ ވަރުގަދަ ނުފޫޒުތަކެއްގެ ސަބަބުން: ހިއްސާދާރު އިސްމާލް

ކުއްލި ގޮތަކަށް ރޭ ސީއެންއެމް ހުއްޓާލަން ޖެހުނީ ވަރުގަދަ ނުފޫޒުތަކެއްގެ ސަބަބުން ކަމަށް އެ ނޫހުގެ ހިއްސާދާރެއް ކަމަށްވާ އިސްމާއިލް ރަޝީދު ވިދާޅުވެއްޖެ އެވެ. އިސްމާއިލް ރަޝީދުގެ 49 ޕަސެންޓް ހިއްސާ ސީއެންއެމްގައި އޮވެ އެވެ.

އިސްމާއިލް ރަޝީދު މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، ސީއެންއެމް ހުއްޓާލަން ޖެހުނީ ސަރުކާރުގެ ފަރާތްތަކެއްގެ ސަބަބުން ކަމަށެވެ. ނޫސް ހުއްޓާލަން ޖެހުނީ އެ ނޫހުން ސަރުކާރަށް ސަނާ ނުކިޔާތީ ކަމަށް ވިދާޅުވި އެވެ.

ނޫސް ހުއްޓާލުމަށް ޕްރެޝަރުކުރާތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި ޕްރެޝަރުތަކުގެ ސަބަބުން ނޫހުގެ 51 ޕަސެންޓް ހިއްސާ އޮންނަ މުހައްމަދު އަލީ ޖަނާހު (ޖަނާ) ސީއެންއެމްގެ ޗެއާމަންކަމުން އިސްތިއުފާދީ، އެ ނޫހުގައި އޮތް އޭނާގެ ހިއްސާ ވިއްކާލަން ނިންމި ކަމަށް އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.

"ނަމަވެސް ޖަނާ އެ ހިއްސާ ވިއްކާނުލުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ކުންފުނި އުވާލަންޖެހޭ ހާލަތަށް ޕްރެޝަރު އިތުރުވުން، ސަރުކާރު ތެރެއިން އަޅުގަނޑަށާއި ސީއެންއެމްގެ ޓީމަށް ކުރިމަތި ކުރަމުންދިޔަ ފިއްތުންތަކަށް ބޯނުލެބުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ކުންފުނި އުވާލާ ހާލަތަށް ޕްރެޝަރު އިތުރުވުން،" އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.

ސީއެންއެމް ހުއްޓާލަން ޖެހުނީ އެއްވެސް ސިޔާސީ ޕްރެޝަރެއް އައިސްގެން ނޫން ކަމަށް ޖަނާ މިއަދު ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ، އެއީ އޭނާ ކުރި ވިޔަފާރިއެއް ކަމަށާއި އެ ވިޔަފާރި ކުރުން ހުއްޓާލީ އެ ޒާތުގެ ވިޔަފާރިއެއް ކުރަން އޭނާ ބޭނުން ނުވާތީ ކަމަށެވެ. މިކަމާ ގުޅިގެން އިސްމާއިލް ވިދާޅުވީ، އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި އެގޮތަށް ޖަނާ ވާހަކަ ދައްކަވަނީ ޕްރެޝަރުކުރާ ފަރާތްތަކުން މަޖުބޫރުކޮށްގެން ކަމަށެވެ.

"އަޅުގަނޑު އެކަމަށް ތާއިދުކުރަން މަޖުބޫރުވީ ދެ ހާލަތެއް މެދުވެރިވުމާ ގުޅިގެން، އެއީ، ސީއެންއެމް މިހާ ހިސާބަށް ގެނައުމަށް ހަރަދުކުރި ވިޔަފާރިވެރިޔާގެ ވިޔަފާރިއަށް ފިއްތުންތައް ކުރިމަތިވެ އޭނާއަށް ދެރަ ގޮތެއް ވިޔަ ނުދިނުމަށާއި ސީއެންއެމްގެ ފަސް އަހަރުގައި ލިޔެފައިވާ ލިޔުންތަކާއި ފޮޓޯތައް ނެތިކޮށްލުމުގެ ބަދަލުގައި އެތަކެތި ސަލާމަތްކުރުމަށް،" އިސްމާއިލް ވިދާޅުވެފައިވެ އެވެ.

އެ ނޫހުގައި އޮތް ހިއްސާ ޖަނާ ދޫކޮށްލެއްވި ކަމަށް ވެސް މީގެ ދުވަސްކޮޅެއް ކުރި އަޑުފެތުރުނެވެ. އަދި އެ ހިއްސާ ސަރުކާރަށް ތާއީދު ކުރާ ބަޔަކު ގަންނަން މަސައްކަތް ކުރި ކަމަށް ވެސް ވާހަކަތައް ފެތުރުނެވެ. މީގެ އިތުރަށް އަރުވާލެވިގެން ބޭރުގައި އުޅުއްވާ ސިޔާސީ ފަރާތްތަކަށް އެ ނޫހުގެ ހިއްސާ ވިއްކާލި ކަމަށް ވެސް އަޑުތަކެއް އެރި އެވެ. އެހެން ނަމަވެސް އެ އަޑުތައް އޭރު އެއްވެސް ވަރަކަށް ކަށަވަރު ކުރެވިފައެއް ނުވެ އެވެ.