މުހައްމަދު ނާޒިމް

އަދީބުގެ ޑީއެންއޭ ރިޕޯޓު ޕީޖީ އިން އިތުރަށް ދިރާސާކުރަނީ

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގެއިން ފެނުނު ހަތިޔާރުން ފެނުނު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ރިޕޯޓު ދައުލަތުން އިތުރަށް ދިރާސާކުރަން ފަށައިފި އެވެ.

ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ހިސާމް ވަޖީހު މިއަދު "އަވަސް"އަށް ވިދާޅުވީ، ފުލުހުންގެ ތަހުގީގުން ލިބުނު ޑީއެންއޭ ރިޕޯޓާ ފުލުހުން ޕީޖީއަށް ފޮނުވުމުން، އެ ޑީއެންއޭ ރިޕޯޓު މިހާރު ސުޕްރީމް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ. އެ ރިޕޯޓު ސުޕްރީމް ކޯޓަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމްގެ ގެއިން ފެނުނު ހަތިޔާރުން އަދީބުގެ ޑީއެންއޭ ފެނުމާ ގުޅިގެން ނާޒިމްގެ މައްސަލާގައި ދައުލަތުން ވަކާލާތުކުރާނީ ކޮން ގޮތަކުންތޯ ސުވާލުކުރުމުން އެކަމަށް ހިސާމް ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. ވިދާޅުވީ، ދައުލަތުން ރިޕޯޓު އިތުރަށް ދިރާސާކުރަމުންދާ ކަމަށެވެ.

ނާޒިމްގެ ގެއިން ފެނުނު ހަތިޔާރުން އަދީބުގެ ޑީއެންއޭ ފެނިފައިވާއިރު، އެޕާޓްމެންޓުން ހަތިޔާރު ފެނުމާ ގުޅިގެން ބަޑި ގުދަނުގެ ހާއްސަ އޮޑިޓެއް ވަނީ ކޮށްފައިވެ އެވެ. އެ އޮޑިޓާ ގުޅޭ ގޮތުން ސިއްރު ހެކިވެރިޔަކު ޝަރީއަތުގައި ވަނީ ހެކިބަސް ދީފަ އެވެ. އެ ހެކިވެރިޔާ ބުނެފައިވާ ގޮތުގައި އެ އޮޑިޓުން ބަޑި ގުދަނުން ހަތިޔާރު މަދުވިކަމުގެ މައުލޫމާތު ވަނީ ލބިފަ އެވެ. ހަތިޔާރު މަދުވި މައްސަލަ ތަހުގީގު ކުރުމަށް ހެކިވެރިޔާ މަސައްކަތްކުރުމުން އަދީބުގެ ފަރާތުން އޭނާއަށް ދެފަހަރެއްގެ މަތިން އިންޒާރު ލިބުނު ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

މީގެއިތުރުން ބ. ހިބަޅިދޫއިން ފެނުނު ހަތިޔާރުގެ ސީރިއަލް ނަންބަރުތައް ފުހެލުމަށް ގެންގުޅެފައިވާ މެތަޑާއި އެ ދަވާދު ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައިގެ ސީރިއަލް ނަންބަރު ފުހެލުމަށް ބޭނުންކޮށްފައިވާ ކަމަށް ވެސް ނާޒިމް ވަނީ ކޯޓުގައި ފާހަގަކޮށްފަ އެވެ. ހިބަޅިދޫއިން ހަތިޔާރު ފެނުނު މައްސަލާގައި އަދީބުގެ މައްޗަށް ދައުވާކުރުމަށް ވަނީ ފޮނުވާފަ އެވެ.

ހޯމް މިނިސްޓަރުކަމުން ދާދި ފަހުން އިސްތިއުފާދެއްވި އުމަރު ވިދާޅުވެފައި ވަނީ، އަދީބު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ފޯނުން ގުޅައި ނާޒިމް އަށާއި އުމަރަށް ހޭ އަރުވާލާނެ ކަމަށް ބުނެ އިންޒާރު ދެއްވި ކަމަށެވެ.