ރިޕޯޓް

ވެރިކަން ފުރޮޅައިދޭން އެއް މޫނުތަކެއް!

Feb 15, 2015
2

 ސިޔާސީ ގޮތުން އެކައްޗެއް ކިޔައިގެން ކޯލިޝަނެއްގައި ތިބި ޕާޓީތައް ސަރުކާރު އެކަހެރި ކޮށްލުމަށް ފަހު ސަރުކާރާ އިދިކޮޅު ހަރަކާތްތަކަށް މި ވަނީ މަގުމައްޗަށް ނުކުމެފަ އެވެ. ބަހަނާ އަކީ ސަރުކާރުން ގާނޫނު އަސާސީއާ ހިލާފު ވުމެވެ. އެ މީހުން ގޮވާލަނީ ސަރުކާރު އިސްތިއުފާ ދިނުމަށެވެ. ނޫނީ ސަރުކާރު މުލުން ލުހެ އެ މީހުންގެ ސަރުކާރެއް ގާއިމް ކުރުމަށް މި އަންނަނީ ގޮވަމުންނެވެ. އެމަސައްކަތުގެ އެންމެ ކުރިން ފެންނަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އެވެ. އަދި އޭގެ ބޭރުން އަދާލަތު ޕާޓީގެ ރައީސް އިމްރާނާއި އޭނާގެ ވަށައިގެން ފެންނަ ބައެއް މޫނުތައް އުޅެ އެވެ. އެކަމަކު ސުވާލަކީ، ރައްޔިތުންގެ ވޯޓަކުން ފަސް އަހަރުގެ ދައުރަކަށް ހޮވި ސަރުކާރެއް ވެރިކަމުން ދުރު ކުރުމަކީ ކޮން ޑިމޮކްރަސީއެއް ހެއްޔެވެ؟ ފެބުރުއަރީ ހަތެއް 2012 ގައި އެމްޑީޕީ ވެރިކަން ފުރޮޅުނު ހާދިސާއަށް ފަހު ދިވެހިން ޑިމޮކްރަސީގެ އަދި މުޅިން އާ ބާބެއް ދަސްކުރީ ހެއްޔެވެ؟

އެއްބަޔަކު ބުނަނީ މި އުޅެނީ ބަޣާވާތެއް ކުރަން ނޫން ކަމަށެވެ. ނަމަވެސް، ރައްޔިތުންނަށް އަނިޔާވެރިވާ ސަރުކާރެއް އިންގިލާބަކުން ވައްޓާލުމަކީ އެ މީހުން ދެކޭ ގޮތުގައި ކުރެވިދާނެ މަސައްކަތެކެވެ. ފެބުރުއަރީ ހަތެއްގައި ފުލުހުންނާއި ސިފައިން ސަރުކާރާ ދެކޮޅުވެ، ވެރިކަން ފުރޮޅިގެން އައުމުގައި ވެސް ފެނުނީ އެއް މޫނުތަކެކެވެ. މިހާރު ވެސް މި ފެންނަނީ އެ މީހުން ހަމަ އެ މަސައްކަތުގައި ތިއްބަ އެވެ. އެންމެން ގަބޫލު ކުރި އިންތިހާބަކުން ޕީޕީއެމްގެ ސަރުކާރެއް ހޮވުމަށް ފަހު އަދި މިވީ ދޮޅު އަހަރެވެ. އެކަމަކު ސަރުކާރު ޒިންމާދާރު ކުރުމުގެ ނަމުގައި މަގުތައް ހަލަބޮލިކުރަން އޭރު ވެސް މަގުމައްޗަށް ނިކުތް މީހުން މިތިބީ އަދިވެސް މަގުމަތީގަ އެވެ. ހަމަ އެ ފޭރާމުގަ އެވެ.

"މިހާރު މި ފެންނަނީ ވެރިކަމަށް ދަހިވެތިވެފައި ތިބި ބަޔަކު އެކަމުގެ ދަހިވެތި ކަމުގައި އެކައްޗެކޭ މީއެއްޗެކޭ ކިޔައިގެން މިވެރިކަމަށް ވެރިވެ ގަންނަން އުޅޭ މަންޒަރު. އެ މީހުންގެ މަސައްކަތަކީ އެއީ. ބޭނުން ވަނީ ތަފާތު އެއްޗިހި ކިޔައިގެން ރައްޔިތުން މަގުމައްޗަށް ނެރެ މަގުތައް ހަލަބޮލިކޮށްލައިގެން މިކަން ކުރުން. މި ސަރުކާރުގެ ސްޓޭބުލްކަން ފެނުނީމައި އެކަން ނަގާލުން މީގެ ބޭނުމަކީ،" ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތަށް ފެބުރުއަރީ ހަތެއް މެދުވެރިވި، ސަބަބުތައް އުފަން ކުރީ މިހާރު ވެސް އިދިކޮޅު އިއްތިހާދެއް ހަދައިގެން އުޅޭ ފަރާތްތަކުން އެކަމަށް މަގުފަހި ކުރަން އަމަލު ކުރި ގޮތާ ދާދި އެއްގޮތަށެވެ. ސަރުކާރުން ހަމަ ކުރާ ކޮންމެ ކަމެއްގެ އަނެއް ފަރާތް ނަގައިގެން މުޒާހަރާކޮށް ރައްޔިތުންގެ ލޭހޫނު ކުރީ އެވެ. ސިފައިންނާއި ފުލުހުންގެ ބޮލަށް އެކި އެއްޗިހި ކިޔައިގެން ޗިޕް ޖެހީ އެވެ. އެކަމުގައި މި އުޅެނީ ކޮން ބައެއް ހެއްޔެވެ؟

އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ އެމްޑީޕީ ވެސް ސިފަކުރި ގޮތުގައި ފެބުރުއަރީ ހަތެއްގެ ސަބަބުތައް އުފަން ކުރުމުގެ އެންމެ މުގުލުގައި ހުރި ފަރާތެވެ. އެކަމަށް ހަރަދު ކުރި ފަރާތް ކަމަށް އޮތީ ތުހުމަތު ކުރެވިފަ އެވެ. ގާސިމް އޭރު ވެސް ނިކުންނެވީ ގާނޫނު އަސާސީގެ ހަމަތައް ހިފެހެއްޓުމަށް ގޮވާލައްވަމުންނެވެ. މިއަދުވެސް ހަމަ އެ ހުންނެވީ އެ ހަމަތަކަށް އަޑުހަރުކޮށް ގޮވާލެއްވުމުގަ އެވެ. އެކަމަކު ސަރުކާރުގެ ތެރޭގައި ތިއްބެވި ސިޔާސީ ބޭފުޅުން ސިފަކުރައްވާ ގޮތުގައި ގާސިމްގެ ހުރިހާ ވެސް މައްސަލަ އަކީ އިންތިހާއަށް ބާރާއި ނުފޫޒު ބޭނުންވެ ވަޑައިގަތުމެވެ. އެންމެ ފުރަތަމަ ބޭނުންވެ ވަޑައިގަތީ މަޖިލީހުގެ ރައީސް ކަމެވެ. ދެން ވެސް އެމަނިކުފާނުގެ ޕާޓީގެ ބޭފުޅުންނަށް ގިނަ މަގާމު ބޭނުންފުޅުވި އެވެ. އެކަމަކު އެ ހުރިހާ ކަމަކަށް ރައީސް ޔާމީން އާއެކޭ ވިދާޅު ނުވުމުން މައްސަލަ ހޫނުވީ އެވެ. އަދި އެކަމަށް ގާސިމް މަގު ކޮށްޓަވަނީ ވެރިކަން ވަޑައިގަތުމުގެ ފޮނިހުވަފެން އޮތުމުން ކަމަށް ބުނެވިދާނެ ޖާގަ އެބަ އޮތެވެ. އެކަމާ ހުރެ ގާސިމް އަބަދުވެސް ފެނިވަޑައިގަންނަވަނީ އެއިރެއްގައި ވެރިކަން ކުރާ ޕާޓީއަކަށް ދުރުހެލި ބޭފުޅެއްގެ ގޮތުގަ އެވެ. ރައީސް ނަޝީދު ވެސް މި ހަރަކާތުގައި އެކި ފަހަރު ވައުދުވެ ވަޑައިގަންނަވަނީ ގާސިމަށް ބާރުތަކެއް ދެއްވުމަށެވެ. މިސާލަކަށް މަޖިލީހުގެ ރައީސްކަމެވެ. އަނެއްބައި ފަހަރު މިއަހަރު ނިމުމުގެ ކުރިން ގާސިމަށް ވެރިކަން ހޯއްދަވައި ދެއްވުމެވެ. އެހެން ވީމާ، ގާސިމް ވެވަޑައިގަންނަވަނީ ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކާ އަބަދުވެސް އިދިކޮޅު ހައްދަވައި ވެރިކަމަށް ވަޑައިގަތުމަށް ހުރި މަގުތައް ކޮށްޓަވާ ބޭފުޅެއްގެ ގޮތުގަ އެވެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަކީ އޭރު، އެމްޑީޕީ ސަރުކާރަށް ދެކޮޅަށް ނިކުތް 26 ޑިސެމްބަރު އިއްތިހާދު ނޫނީ މަދަނީ އިއްތިހާދުގެ އެންމެ ހަރަކާތްތެރި ބައިވެރިވާއާ އެވެ. އެބޭފުޅާ ރައްޔިތުންނަށް ވިއްކަވާ އެއްޗަކީ ދީނެވެ. ދީނަށް ސަރުކާރަކުން އިހާނެތިކޮށް ހިތާކަމަށް ބުނެ އިމްރާން އަޑުއުފުއްލަވައި އެކަން ރައްޔިތުންނަށް ވިސްނައި ދެއްވަ އެވެ. އޭގެ ތެރެއިން ރައްޔިތުންގެ ލޭ ހޫނު ކުރުވަ އެވެ.

އެކަމަކު އިމްރާންގެ އަޑު މިހާތަނަށް ފެނުނީ ފަނޑުކޮށެވެ. އެކަމަކު އިމްރާން އަލުން ސިޔާސީ މައިދާނަށް އެނބުރި އައުމުގެ އަޑުތައް ގަދަވާން ފަށައިފި އެވެ. ޓްވިޓާ ބޭނުން ކުރައްވައިގެން ސަރުކާރަށް ހަބޭހަށް ފާޑު ވިދާޅުވާން ފައްޓަވައިފި އެވެ. ރައީސް ނަޝީދުގެ ޝަރީއަތް ވެސް މިހާރު ނިންމަން ވީ ކޯޓުން ބޭރުގައި ކަމަށް ވިދާޅުވާން ފައްޓަވައިފި އެވެ. ގައުމު އަނެއްކާ ވެސް މި ދަނީ ގަދަ ތޫފާނެއްގެ ތެރެއަށް ކަމަށް އިމްރާން ސިފަ ކުރައްވައިފި އެވެ. އޭނާގެ މި ހުރިހާ ޓްވީޓެއް އެއްކޮށްލުމުން އިމްރާން ވެސް މި ވަޑައިގަންނަވަނީ ސަރުކާރުގެ ވައްޓާލުމުގެ މަގާ ދިމާލަށްކަން ސާފުވެ އެވެ.

މި ދެބޭފުޅުންގެ ނަން ގެންނަން ޖެހޭނީ އެއްކޮށެވެ. މި ދެނަން ވަކި ނުކޮށްލެވެ އެވެ. ބުނެވޭ ގޮތުގައި މި ދެބޭފުޅުން މިޝަންތައް ކުރިއަށް ގެންދަވަނީ ދެބޭފުޅުން އެކުގަ އެވެ. މީގެ ތެރެއިން އަބްދުﷲ ރިޔާޒުގެ ނަން ފާހަގަ ކުރެވުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފުލުހުންގެ ތެރެއިން ބޭރުކޮށްލެވުނު ބޭފުޅެއްގެ ގޮތުގަ އެވެ. އެއަށް ފަހު އަބްދުﷲ ރިޔާޒުގެ އަޑު ފަޑުވުމަށް ފަހު އޭނާ އަލުން ފެނުނީ ފެބުރުއަރީ ހަތް ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައި ހިނގި ކަންތައްތަކުގެ ތެރެއިންނެވެ. އަދި އެއަށް ފަހު ފުލުހުންގެ މުއައްސަސާއާ ހަވާލުވެ، ފުލުހުންގެ ކޮމިޝަނަރުކަމުގައި އޭނާ ހުންނެވި އެވެ. އެ ދުވަހުގެ ހުރިހާ ޕްލޭންތަކެއް ރޭއްވެވުމުގެ އެންމެ އަޑީގައި ހުންނެވީ އަބްދުﷲ ރިޔާޒު ކަމަށް އެމްޑީޕީ އިން އޮތީ ތުހުމަތުކޮށްފަ އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވެސް ފެނިވަޑައިގަތީ ހަމަ އެ ޕްލެޓްފޯމްގެ ތެރެއިންނެވެ. ރިޔާޒެކޭ އެއްގޮތަށް އޭނާ އަކީ ވެސް ނަޝީދުގެ ދުވަސްވަރު ސިފައިންގެ ތެރެއިން ބޭރުކޮށްލެވުނު ބޭފުޅެކެވެ. ފެބުރުއަރީ ހަތެއްގައި ރައީސް ނަޝީދާ ބައްދަލުކޮށް އސްތިއުފާ ދިނުމަށް ހުށަހެޅުއްވީ ވެސް ނާޒިމް އެވެ. އަދި އެމަނިކުފާނު އިސްތިއުފާދެއްވާނެކަން އިއުލާން ކުރެއްވީ ވެސް ނާޒިމް އެވެ. މިއީ އެ ދުވަހުގެ ވެރިކަން ފުރޮޅުމުގައި އޭނާގެ މުހިންމު ދައުރެވެ. އަދި ރައީސް ނަޝީދުގެ އިސްތިއުފާގެ ސިޓީ މަޖިލީހަށް ހުށަހެޅުއްވަން އެ ސިޓީ ހިތްޕަވައިގެން ވަޑައިގަތީ ނާޒިމް އާއި ރިޔާޒް ކަމަށް ހެކިދެ އެވެ. މިއީ ހަމަ ރިޔާޒެކޭ އެއްވަރަކަށް ފެބުރުއަރީ އަށެއްގެ ކަންކަމުގެ ޒިންމާ އެމްޑީޕީ އިން ބޮލުގައި އަޅުވާ ދެ ފަރާތެވެ. މިހާރު ވެސް އެދޭބޭފުޅުންގެ ބޮލުގައި އަޅުވާފައި އޮތް ތުހުމަތަކީ ސަރުކާރާ އިދިކޮޅު އަމަލުތައް ހިންގުމުގެ ތުހުމަތެވެ. ނާޒިމް ފާޅުގައި ނޫޅުއްވި ނަމަވެސް ރިޔާޒް އެ ހުންނެވީ ސިޔާސީ ބޭފުޅެއްގެ ގޮތުގައި ސަރުކާރަށް ފާޑު ކިޔުއްވުމުގަ އެވެ.

އަދިވެސް މި ނޫން މޫނުތައް މިހާރު ސަރުކާރާ ދެކޮޅަށް ނުކުމެފައިވާ އިއްތިހާދުން އެބަ ފެނެ އެވެ. އޭރުގެ މަދަނީ އިއްތިހާދުގެ ތެރެއިން ފެނުނު ބައެއް ބޭފުޅުން ހަމަ މިހާރު ވެސް ސަރުކާރާ ދެކޮޅު ހަރަކާތްތަކުގެ ތެރެއިން އެބަ ފެނެ އެވެ. އެންމެން ވެސް ސުވާލު އުފައްދަނީ މި ބޭފުޅުން އަބަދުވެސް އެ އިރެއްގައި އޮންނަ ސަރުކާރަކާ ދެކޮޅު ހަރަކާތްތަކުން މާވަރަކަށް ފެންނަނީ ކީއްވެ ހެއްޔެވެ؟ މިބޭފުޅުން އެއިރެއްގެ ރައީސްއަކާ އެލާޖިކް ވަނީ ހެއްޔެވެ؟ މި ސުވާލަށް އަޅުގަނޑު ޖަވާބެއް ނުދޭނަމެވެ. ތިބޭފުޅުންގެ ހިޔާލު ފާޅު ކުރައްވާށެވެ.