އެމްޑީޕީ

ހުމާމަށް އައި ހުކުމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފި

އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު، ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ކުށް ސާބިތުވި، ހުސެން ހުމާމްގެ މައްޗައް ތަންފީޒުކުރަން ނިންމާފައިވާ މަރުގެ ހުކުމް އަލުން މުރާޖައާ ކުރަންޖެހޭ ސަބަބުތައް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ ކޮމިޓީއަށް ހުށަހަޅައިފި އެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ ކޮމިޓީއަށް މިއަދު ފޮނުވި ސިޓީގައި ބުނެފައި ވަނީ އަފްރާޝިމްގެ ގަތުލަކީ ބަޔަކު އަޑީގައި ތިބެ ރާވައި އިންތިޒާމުވެގެން އަދި ފައިސާދީގެން ހިންގާފައި ގަތުލެއްކަން ގިނަ ރައްޔިތުނާއި ފުލުހުން ގަބޫލުކުރާ ކަމަށާއި ނަމަވެސް ސުޕްރީމް ކޯޓުން މެންދަމު ގަޑީ ކޯޓު ހުޅުވައި އަވަސް އަރުވާލައިގެން އޭނާ މަރަން ތާއީދުކޮށްފައިވާ ކަމަށެވެ.

ތަހުގީގު މުޅިން ނިމެންދެން ހުމާމް މައްޗަށް ގިސާސް ހިފަން ބޭނުން ނުވާކަމަށް އަފްރާޝިމްގެ އާއިލާ އިންވެސް ބުނެފައިވާއިރު ކޯޓުން އެކަމަށް ދިން ޖަވާބަކީ ބަންދު ގަޑިއަކަށް ވާތީ ބަލައި ނުގަނެވޭނެ ކަމަށާއި ނަމަވެސް މަރުހިފުން މަނާކުރުމުގެ ހައްގު ލިބިފައިވާ ވާރިސުން ފޮނުވާ ސިޓީ ރޭގަނޑު ބަލައި ނުގަތުމަކީ ރަނގަޅު ސަބަބެއް ކަމަކަށް ނުދެކޭ ކަމަށެވެ.

"... މިފަދަ ޝަރުއީ ހަރުދަނާ ގިނަ ސަބަބުތައް ހުރި ހިނދު މީހެއްގެ ފުރާނަ ދުއްވާލުން ތަންފީޒު ކުރުމަކީ އިސްލާމީ ޝަރީއަތުގައި ހާކިމާއަށް ހުއްދަވާނޭ ކަމަކަށް ނުވާތީ އާއި، އަދި އެކަން އެގޮތަށް ނުކުރުމުގެ އިހުތިޔާރާއި ބާރު ހާކިމާއަށް ލިބިގެންވާތީ، ހުމާމް މެރުން ތަންފީޒު ކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން އަލުން މުރާޖާކޮށް ބަދަލުކުރަންޖެހޭ ކަން ފާހަގަކޮށް އެ މައްސަލަ ހުށަހަޅަން،" އެމްޑީޕީ އިން ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

އެމްޑީޕީ އިން މި ސިޓީ ފޮނުވާފައިވާ އިރު ކަރެކްޝަން އިން އިއްޔެ ބުނެފައި ވަނީ ހުމާމްއަށް މަރުގެ ހުކުމް ތަންފީޒު ކުރަން ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.