ގެސްޓް ހައުސް ވިޔަފާރި

ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނެގުމަކީ ހީނަރު ކަމެއް: އެމްޑީޕީ

ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކްސް ނެގުމަށް ޓޫރިޒަމާބެހޭ ގާނޫނު ބަދަލުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާތީ، އެމްޑީޕީއިން ކަންބޮޑުވެއްޖެ އެވެ. ގްރީން ޓެކްސް ނަގަން ފެށުމުން ގެސްޓް ހައުސް ވިޔަފާރިތައް ހީނަރުވެގެންދާނެ ކަމަށް އެމްޑީޕީއިން ބުންޏެވެ.

އެމްޑީޕީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ރައީސް އަބްދުﷲ ޔާމިނުގެ ސަރުކާރު އައިފަހުން ޅަފަތުގައި އޮތް ގެސްޓް ހައުސްގެ ވިޔަފާރީތަކަށް ނުހަނު ބޮޑެތި ގެއްލުންވާ ގޮތަށް ސަރުކާރުން އަމަލުކޮށް، ގެސްޓް ހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކު ހޭދަކުރާ ކޮންމެ ދުވަހަކަށް، އަގު ބޮޑު ރިސޯޓުތަކެކޭ އެއް މިންވަރަށް ގްރީން ޓެކްސް ނެގުމަށް ގާނޫނު ބަދަލު ކުރުމަކީ އެ ފިޔަފާރިތައް ހީނަރުވެ، ހަލާކުވެގެންދާނެ ކަމެއް ކަމަށެވެ.

މިގޮތަށް ގްރީން ޓެކްސް ނަގާއިރު ދެފުށް ފެންނަގޮތަށް އެފައިސާ ތިމާވެއްޓާ ބެހޭ ކަންކަމަށް ޖަމާކޮށް ހޭދަކުރާނޭ އުސޫލެއް ވެސް ކަނޑައެޅިފައި ނުވާކަމާއި، އަދި މިހާތަނަށް ވެސް ގްރީން ޓެކްސްގެ ނަމުގައި ނެގޭ ޓެކްސް، ތިމާވެއްޓަށް ހޭދަކޮށްފައިވާކަން އެނގެން ނެތްކަން ކަންބޮޑުވުމާއެކު އެމްޑީޕީއިން ވަނީ ފާހަގަކޮށްފަ އެވެ. ގެސްޓު ހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް ނަގަން ފެށުމަށް މި ބިލުގައި ކަނޑައަޅާފައިވަނީ އެއްވެސް އިތުރު މުއްދަތެއް ދިނުމެއް ނެތި، މި ބިލު ތަސްދީގުކޮށް ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

މީގެ ސަބަބުން މިހާރު ގެސްޓް ހައުސްގެ ވިޔަފާރި ކުރާ ފަރާތްތަކަށް އެތައް ގޮތަކުން ބޮޑެތި ތަކުލީފުތަކާއި ގެއްލުން ކުރިމަތިވާނެ ކަމަށް ވެސް އެމްޑީޕީއިން ބުންޏެވެ. އަދި ރިސޯޓު ހެދުމަށް ނުވަތަ ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްތަކާއި، ބިންބިމާއި، ފަޅުތައް ބިޑަކާނުލައި ކުއްޔަށް ދޫކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހާމެދު ވެސް އެމްޑީޕީއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.