ރިޕޯޓް

ނަޝީދާއި ނާޒިމަށް ގާނޫނީ މަގުތައް ބަންދު! ދެން އޮތީ ކޮން ގޮތެއް؟

  • މާފުދިނުމާ ބެހޭ ގަވާއިދު މުރާޖައާ ކުރަން ޖެހޭ
  • ގާނޫނު އަސާސީއަށް ބަދަލު ގެންނަން ޖެހޭ
  • މަޝްވަރާކޮށް ސިޔާސީ ހައްލެއް ބޭނުންވޭ

"ޕާޓީތަކުން ނިންމާ ކެނޑިޑޭޓުން ހިމެނޭ އިންތިހާބެއް އޮންނާނެ،" ސުޕްރީމް ކޯޓުން ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް ހުކުމް އިއްވުމާ ގުޅިގެން އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހެނެވެ.

ނަޝީދު އެހެން ވިދާޅުވި ނަމަވެސް، ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ބޭނުންވާ ކެނޑިޑޭޓުންނަށް މިވަގުތު އިންތިހާބުގައި ބައިވެރުވުމުގެ ފުރުސަތު އެބަ އޮތް ހެއްޔެވެ؟ މިއީ އެންމެ ބޮޑު ސުވާލެވެ. އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ރައީސް ނަޝީދު ނޫން ބޭފުޅަކު ނެރުމަކީ އެ ޕާޓީން ވިސްނާފައި އޮތް ކަމެއްހެން އަދި ހިއެއް ނުވެ އެވެ. އަދި ރައީސް ނަޝީދު ފިޔަވައި "ވަރުގަދަ" ކެނޑިޑޭޓެއް އެ ޕާޓީގައި ނުވެސް ނެތީ އެވެ.

ދެން އޮތީ ދެވަނައަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ، އަދާލަތު ޕާޓީ އެވެ. އެ ޕާޓީއިން ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރުމަކީ ނުވާނެ ކަމެއް ނޫނެވެ. ނަމަވެސް ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ހުރީ ޖަލު ހުކުމެއްގަ އެވެ. އަދި ޝަރުއީ މަރުހަލާތަކެއް ނުނިމެ އެވެ. އެހެންކަމުން އަދި އެމަނިކުފާނަށް ފުރުސަތެއް ނެތެވެ.

އިމްރާން އެއްކައިރި ކޮށްފައި އަދާލަތު ޕާޓީގެ ފަރާތުން އެންމެ ބޮޑަށް ވާކާލާތުކުރަމުން އަންނަނީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް އިންސާފު ހޯދައިދިނުމަށެވެ. އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކަށް ނާޒިމް ހެދުމަކީ ވެސް ވެދާނެ ކަމެކެވެ. ނާޒިމް ވެސް ރައީސް ކަމަށް ޝައުގުވެރިވާކަން މީގެކުރިން ވަނީ ފާޅުކުރައްވާފަ އެވެ. ހައްޔަރުވުމުގެ ކުރިން ނާޒިމް ވިދާޅުވެފައި ވަނީ، ޑިފެންސް މިނިސްޓަރަށްވުރެ މަތީ މަގާމެއްގައި ހުންނަވާ ރައްޔިތުންނަށް ހިދުމަތްކޮށްދޭން ބޭނުންވާ ކަމަށެވެ. އެކަމަކު ނާޒިމުގެ އެ އުންމީދަށް ވަޑައިގަތުމަށް އެމަނިކުފާނަށް އޮތީ ކިހާ ފުރުސަތެއް ހެއްޔެވެ؟

ރައީސް ނަޝީދާއި ނާޒިމްއަށް ކޮށްފައި އޮތް ދިގު މުއްދަތުގެ ޖަލު ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށް ފަހު ބަސް އިއްވުމުން، ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެބޭފުޅުންގެ ދެކެމުން އައި ހުވަފެނަށް މި ވަނީ ހުރަސްއެޅިފަ އެވެ. މައްސަލަ އަކީ ގާނޫނީ މަގުތައް އެބޭފުޅުންނަށް އެކީ ބަންދުވުމެވެ.

ގާނޫނުގައި އޮތީ ކީކޭ؟

ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ރައީސް ކަމަށް ކުރިމަތިލެވޭ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތު ވެގެން 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ތިން އަހަރުވެފައިވާ މީހަކު ކަމުގައިވުން ހިމެނެ އެވެ.

ދެހާސް އަށާރަވަނަ އަހަރުގެ އިންތިހާބަށް މިހާރު ދެން އޮތީ ދެ އަހަރެއްހާ ދުވަހެވެ. ގާނޫނު އަސާސީ މިހާރު އޮތްގޮތަށް ބަލާއިރު، އެ މުއްދަތުގެ ތެރޭގައި ނާޒިމާއި ނަޝީދަށް އިންތިހާބުގައި ބައިވެރިވެވެން އޮތް ފުރުސަތު ވަރަށް ވެސް ހަންޏެވެ.

ރައީސް ނަޝީދުގެ އެންމެ އަރިހުގައި މިހާރު ހުންނެވި އަލީ ވަހީދު ވިދާޅުވެފައިވަނީ، ރައީސް ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވި ފަދައިން ކެނޑިޑެންސީ ވެސް ހޯއްދަވާނެ ކަމަށެވެ. ނަމަވެސް ކިހިނެއް ހެއްޔެވެ؟

މާފުދިނުމާ ބެހޭ ގަވާއިދު އަލުން މުރާޖައާކުރަން ޖެހޭ

ރައީސް ނަޝީދުގެ ގާނޫނީ ވަކީލާ ހިސާން ހުސެއިން ވިދާޅުވީ މިހެނެވެ. ހިސާން ވިދާޅުވީ، މައާފުދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ދަށުން ރައީސްއަށް ލިބިދީފައިވާ ބާރުތައް އަމިއްލަފުޅަށް ރައީސް އަބްދުﷲ ޔާމީން ހަނިކޮށްފައިވާ ކަމަށެވެ.

އާ ގަވާއިދުގައި ބަޔާންކޮށްފައިވާ ހަމަތަކުގެ ދަށުން ރައީސްއަށް ބޮޑު ކުށެއް ސާބިތުވެފައިވާ ކުށްވެރިއެއްގެ އަދަބު ލުއިކޮށްދެވޭނީ ހުކުމުގެ ދެބައިކުޅަ އެއް ބައި އޭނާ ތަންފީޒުކުރުމުންނެވެ. ބޮޑެތި ކުށްތައް ކަމަށް މި ގަވައިދުގައި ބަލަނީ މީހަކު މެރުމާއި އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ކުށެއް ކުރުމާއި 14 ގުރާމަށްވުރެ ގިނަ މސްތުވާތަކެތި ގެންގުޅުމުގެ ކުށާއި ޓެރަރިޒަމްގެ އެންމެހާ ކުށްތައް ފަދަ ކުށްތަކަށެވެ.

"މިގޮތަށް ގަވައިދަށް ރައީސްއަށް ލިބިދީފައިވާ ބާރުތައް އަމިއްލައަށް ހަނިކުރައްވައިގެން އެ ހުންނަވަނީ ސިޔާސީ ފަރާތްތަކަށް ލުއިދިނުމުގެ ބާރު އަމިއްލައަށް ނަގާލުމަށް،" ހިސާން ވިދާޅުވި އެވެ.

ބޭނުންވުމުން މާފުދެވޭ ގޮތަށް ވަރަށް ލުއިކޮށް އޮތް ގަވައިދެއް އަވަސް އަރުވާލައިގެން ހަނިކުރުމުގެ މަގުސަދަކީ ސިޔާސީ ފަރާތްތަކަށް ރަނގަޅު ގޮތެއް ހަދައިދިނުމުގެ ވިސްނުމެއް ރައީސް ނުގެންގުޅުއްވާ ކަމުގެ ނިޝާނެއް ކަމަށް ހިސާން ތުހުމަތުކުރެއްވި އެވެ.

ހިސާން ވިދާޅުވީ، މި ގަވައިދު އަލުން މުރާޖާކުރުމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށާއި ގައުމުގެ ކުރިމަގު ބައްޓަންކުރުމުގެ ގޮތުން ސިޔާސީ ފަރާތްތަކަށް ކޮށްފައިވާ ހުކުމަށް ރަނގަޅު ގޮތެއް ހައްދަވައިދޭންޖެހޭ ކަމަށެވެ.

ބޭނުން ވަނީ ސިޔާސީ ހައްލެއް!

"މީގެކުރިން ވެސް ރައީސް ނަޝީދުގެ ފަރާތްޕުޅުން ވިދާޅުވަމުން ދިޔައީ މި މައްސަލައަށް ބޭނުންވަނީ ސިޔާސީ ހައްލެކޭ، ނާޒިމް ވިޔަސް އެ ނޫން ސިޔާސީ ހައްޔަރީންނަށް ރަނގަޅު ގޮތެއް ހައްދަވައިދީ، ގައުމުގެ ކުރިމަގު ބައްޓަންކުރުމުގައި ރައީސް ޔާމީން އިހުލާސްތެރި މަސައްކަތެއް ކުރައްވަންޖެހޭ،" ހިސާން ވިދާޅުވި އެވެ.

އިތުރަށް ވެސް ދެން ރައީސް ނަޝީދަށް ކުރެވެން އޮތީ ސިޔާސީ މަސައްކަތެވެ. ސިޔާސީ ގޮތުން ރާއްޖެއަށް ފިއްތުންތައް ފޯރުވައިގެން ރައީސް ނަޝީދަށް އިންސާފު ލިބިދާނެ ކަމަށް އެމަނިކުފާނު ގަބޫލުފުޅުކުރައްވަ އެވެ.

"ރައީސް ނަޝީދު ސިޔާސީ ގޮތުން ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތްތައް ކުރައްވާނެ އިންސާފު ހޯއްދެވުމަށްޓަކައި، އަދި ރާއްޖެއަށް އަދުލުވެރި ޝަރުއީ ނިޒާމެއް ގެނައުމަށްޓަކައި ކުރައްވަން ޖެހޭ މަސައްކަތްތައް ވެސް ހަމަ ކުރައްވާނެ، އޭގެ ތެރޭގައި ބައިނަލްއަގްވާމީ ފަރާތްތަކާ ވާހަކަ ދައްކައިގެން ޕްރެޝަރުކޮށްގެން ދިވެހި ރާއްޖެއަށް ފިޔަވަޅު އެޅުމަށް ގޮވާލުން ވެސް ހިމެނޭނެ،" ހިސާން ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވެފައިވާ ގޮތުން ބޭރުގެ ފަރާތްތަކުގެ އެހީގައި ރާއްޖޭގެ ރައީސް ކަމަށް ނަޝީދު ވާދަކުރައްވާނެ އެވެ. އެކަމުގެ މަސައްކަތްތައް އިދިކޮޅު ފަރާތްތަކުން ދަނީ ކުރަމުންނެވެ.

ހައްލަކީ މަޝްވަރާ!

ސުޕްރީމް ކޯޓުގެ މަރުހަލާ ފުރިހަމަކުރުމުން އަދަބަށް ލުއެއް ދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އެ މަރުހަލާ ނިންމުމަށްފަހު މަޝްވަރާގެ މޭޒު ދޮށަށް ވަޑައިގަތުމަށް ވެސް ރައީސް ވަނީ ގޮވާލައްވާފަ އެވެ. މިހާރު މިވަނީ އެ ހާލަތު އައިސްފަ އެވެ. ހުރިހާ ޕާޓީއެއްގެ މަޝްވަރާއަށް އިދިކޮޅު ފަރާތްތަކުން އަނެއްކާވެސް މިވަނީ އާ ބަސް ބުނެފަ އެވެ. އިދިކޮޅު ފަރާތްތަކުން އެކުލަވާލި މޯލްޑިވްސް އޮޕޮޒިޝަންގެ ފަރާތުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވާނެ ކަމަށް މިވަނީ ބުނެފަ އެވެ.

މީގެކުރިން ސަރުކާރު ވެސް އޮތީ، ރައީސް ނަޝީދާއި އިމްރާން އަބްދުﷲ ހިމެނޭ ގޮތަށް މަޝްވަރާތައްކުރުމަށް ތައްޔާރަށެވެ. ދެން ވެސް ސަރުކާރުގެ އެ ސްޓޭންޑަށް ބަދަލެއް ގެނެސްދާނެހެނެއް ހިއެއް ނުވެ އެވެ. މަޝްވަރާތައް ކުރިއަށް ނުގޮސްފައިވަނީ ވެސް އިދިކޮޅު ފަރާތްތަކުގެ ޝަރުތަކަކާ ހުރެ އެވެ. އެ ޝަރުތު އަދިވެސް އެބަ އޮތެވެ. އެއީ ހައްޔަރުކޮށްފައިވާ ސިޔާސީ ފަރާތްތައް ދޫކޮށްލުމެވެ.

އިއްތިހާދުގެ ތަރުޖަމާނު އަހުމަދު މަހުލޫފް ވިދާޅުވީ، ރައީސް ނަޝީދަށާއި އެހެން ވެސް ސިޔާސީ ފަރާތްތަކަށް ރައީސް މާފު ދެއްވަން ޖެހޭ ކަމަށެވެ. އޭރަށް މަޝްވަރާތަކާއެކު ކުރިއަށްދާނެ ކަމަށެވެ. މަޝްވަރާތަކުގައި ކޮންމެ ޕާޓިއަކުން ވެސް ބޭނުންވާ ކެނޑިޑޭޓެއް ނެރުމާ ގުޅޭ ގޮތުން ވާހަކަ ދައްކާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ސަރުކާރުން ބުނާ ގޮތުން މާފު ދެވޭނީ މަޝްވަރާކޮށްގެންނެވެ. އިދިކޮޅުން ބުނަނީ މަޝްވަރާކުރެވޭނީ މާފު ދިނުމުން ކަމަށެވެ. ގައުމުގެ މަސްލަހަތަށްޓަކައި ކޮންމެ ވެސް އެއްކޮޅަކުން ހަތިޔާރު ބަހައްޓަން ޖެހިފައިވާއިރު ނަޝީދަށާއި ނާޒިމަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިހާރު އޮތީ އެންމެ ގޮތަކަށެވެ. އެއީ ސަރުކާރާ މަޝްވަރާކޮށްގެންނެވެ. ރައީސްއާ ވާހަކަ ދައްކައި، މާފުދިނުމާ ބެހޭ ގަވައިދަށް އިސްލާހު ގެނެސް، އެ ގައިވައިދުގެ ދަށުން މާފު ލިބިގެނެވެ. އެ ނޫން ގޮތެއް ނެތެވެ.

ބޭރުގެ ގައުމުތަކުން ފިއްތުންތައް ކުރިމަތިކުރި ނަމަވެސް، ރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފެއް ނުވެވޭނެ އެވެ. ގާނޫނު އަސާސީގައިވާ ގޮތުން 2018އަށް ނަޝީދަށާއި ނާޒިމަށް އެއްވެސް ފުރުސަތެއް ނެތެވެ.