ޓްރާންސްޕޯޓް އޮތޯރިޓީ

ރަބަރު ޝޫ ހަރުނުކޮށް ދަގަނޑު ފުރޮޅުލީ އުޅަނދު ދުއްވުން މަނާކޮށްފި

Jun 28, 2016

ރަބަރު ޝޫ ހަރުކޮށްގެން ނޫނީ މާލޭގެ މަގުތަކުގައި އެކްސްކަވޭޓަރު ފަދަ ދަގަނޑު ފުރޮޅާއި ދަގަނޑު ޗޭނުލީ ބަރު އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ އެފަދަ އެއްގަމު އުޅަނދު ފަހަރުގައި ރަބަރު ފުރޮޅު ނުވަތަ ރަބަރު ޝޫ ހަރަކޮށްގެން ނޫނީ ވެރިރަށް މާލޭގައި ދުއްވުން މަނާ ކުރީ މަގުތައް ހަލާކުވަމުންދާތީ ކަމަށެވެ.

"... އެފަދަ އުޅަނދު ދުއްވުމުގެ ސަބަބުން [މާލޭގެ] މަގުތައް ހަލާކުވަމުންދާތީ 25 ޖުލައި 2016 އިން ފެށިގެން މާލޭގެ މަގުތަކުގައި މި ދެންނެވިގޮތަށް ހުރި އެއްގަމު އުޅަނދު ދުއްވަންވާނީ ރަބަރު ފުރޮޅު ނުވަތަ ރަބަރު ޝޫ ހަރުކޮށްގެންނެވެ. މި ނޫންގޮތަކަށް މަގުމަތީގައި ދުއްވުމަކީ މަނާކަމެކެވެ،" ޓްރާންސްޕޯޓް އޮތޯރިޓީގެ އިއުލާނެއްގައި ވެއެވެ.

މި ގޮތަށް ނިންމެވި އިރު ބޮޑެތި މަސައްކަތްތަކުގައި ބޭނުން ކުރާ އެފަދަ އުޅަނދުތައް މާލޭގެ މަގުތަކުގައި ގިނަ އަދަކަށް ދުއްވާ ބޭނުން ކުރެ އެވެ.