ދުނިޔެ

ތުރުކީގެ މައި އެއާޕޯޓްގައި ބޮމެއް ގޮއްވާލައި 28 މީހަކު މަރާލައިފި

Jun 29, 2016

ތުރުކީގެ މައި އެއާޕޯޓް އިސްތަންބޫލްގެ، އަތާތުރުކް އެއާޕޯޓްގައި ބާރުގަދަ ބޮމެއް ގޮއްވާލުމުގެ ސަބަބުން 28 މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.

އިސްތަންބޫލްގެ ފުލުހުން ބުނީ، ގައިގާ ގޮވާތަކެތި ހަރުކޮށްގެން، އައި ދެ މީހަކު، ޖާނުން ފިދާވެގެން މި ހަމަލާ ދީފައިވަނީ އެ އެއާޕޯޓްގެ އިންޓަނޭޝަނަލް ޓާމިނަލް އަށް ވަންނަ ދޮރުކައިރީގައި ހުރި ފުލުހުންގެ ޗެކްޕޯސްޓްގަ އެވެ. ފުލުހުން ބުނީ އެ މީހުން ހަށިގަނޑުގައި ހަރުކޮށްފައި ހުރި ގޮވާތަކެތި ގޮއްވާލުމުގެ ކުރިން އެއާޕޯޓް ޓާމިނަލް އަށް ވަދެ ގަތުމަށްޓަކައި އެތަނުގައި ތިބި ފުލުހުންނަށް އެދެމީހުން ވަނީ ބަޑިން ހަމަލާދީފަ އެވެ.

ދެވަނަ ބޮމެއް ގޮވީ، އެއާޕޯޓްގެ ކާރުތައް ޕާކްކޮށްފައި ހުންނަ ސަރަހައްދުގެ ޕޭމަންޓް މަތިންނެވެ. ބޮންގޮވި ސަރަހައްދުގައި ހުރި ބިއްލޫރިތައް ތަޅައިގެން ގޮސް ސީލިންގުން ތަންތަންގަނޑު ވެއްޓިފައިވާ އިރު، ޒަހަމްވި މީހުންގެ ލޭތައް ވަނީ މުޅި ހިސާވަށް ބުރައިގެން ގޮސްފަ އެވެ.

ހަމަލާގައި 28 މީހުން މަރުވި އިރު 60 މީހަކު ވަނީ ޒަހަމްވެފަ އެވެ. އޭގެ ތެރެއިން ހަ މީހެއްގެ ހާލު ވަރަށް ގޯހެވެ. މި ހަމަލާގެ ފަހަތުގައިވާ ޓެރަރިސްޓް ޖަމާއަތް ދެނެގަނެވިފައިވާ ކަމަށް ތުރުކީ ސަރުކާރުން ބުނި ނަމަވެސް އޭގެ ތަފްސީލެއް ނުދެ އެވެ. ބުނީ ތަހުގީގު ކުރިއަށް ދާތީ މައުލޫމާތު އަދި ހާމަކުރެވެން ނެތް ކަމަށެވެ.

އެއާޕޯޓް އެކީ ބަންދުކޮށް އެ ސަރަހައްދުން މީހުން ހުސްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އަދި އިސްތަންބޫލްގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް އެއާޕޯޓަށް ވަދެ ނިކުމެވާން ހުރި މަގުތައް ވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ. އެ އެއާޕޯޓަށް ޖައްސަން ހުރި ފްލައިޓްތައް މިހާރު ވަނީ އެހެން ސަރަހައްދުތަކުގައި ހުރި އެއާޕޯޓްތަކަށް ބަދަލުކޮށްފަ އެވެ.

ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އަދި އުފުލާފައެއް ނުވެ އެވެ. މިއަހަރުގެ ކުރީކޮޅު އައިއެސްއިން ވަނީ އިސްތަންބޫލްގެ ޓޫރިސްޓް ސަރަހައްދުތަކަކަށް ދެ ބޮމުގެ ހަމަލާއެއް ދީ ޓޫރިސްޓުންތަކެއް މަރާލައިފަ އެވެ. އަދި ޖޫން ކުރީކޮޅު ތުރުކީގެ މާރުކޭޓެއްގެ ކައިރީގައި ކާރު ބޮމެއް ގޮއްވާލާ އެތައް ބަޔަކު މަރާލި އެވެ. އެ ހަމަލާ އަކީ ހައްދުފަހަނައަޅާފައިވާ ކުރުދީންގެ ހަނގުރާމަވެރިން ދިން ހަމަލާއެކެވެ.