ދުނިޔެ

އިސްތަންބޫލް އެއާޕޯޓަށް ހަމަލާދިނީ އައިއެސް އިން!

ތުރުކީގެ މައި އެއާޕޯޓް އިސްތަންބޫލްގެ، އަތާތުރުކް އެއާޕޯޓްގައި ރޭ ދިން ހަމަލާތަކުގެ ފަހަތުގައިވަނީ އައިއެސް ޖަމާއަތް ކަމަށް އެގައުމުގެ ބޮޑުވަޒީރު ބިނާލީ ޔިލްދްރިމް ވިދާޅުވެއްޖެ އެވެ. ބޮޑު ވަޒީރު ވިދާޅުވީ މިހާތަނަށް ލިބުނު ހެކިތަކަށް ބަލާއިރު ބޮޑަށް ތުހުމަތު ކުރެވެނީ އައިއެސް ޖަމާއަތަށް ކަމަށެވެ.

އިސްތަންބޫލްގެ ފުލުހުން ބުނީ، ގައިގާ ގޮވާތަކެތި ހަރުކޮށްގެން، އައި ދެ މީހަކު، ޖާނުން ފިދާވެގެން މި ހަމަލާ ދީފައިވަނީ އެ އެއާޕޯޓްގެ އިންޓަނޭޝަނަލް ޓާމިނަލް އަށް ވަންނަ ދޮރުކައިރީގައި ހުރި ފުލުހުންގެ ޗެކްޕޯސްޓްގަ އެވެ. ފުލުހުން ބުނީ އެ މީހުން ހަށިގަނޑުގައި ހަރުކޮށްފައި ހުރި ގޮވާތަކެތި ގޮއްވާލުމުގެ ކުރިން އެއާޕޯޓް ޓާމިނަލް އަށް ވަދެ ގަތުމަށްޓަކައި އެތަނުގައި ތިބި ފުލުހުންނަށް އެދެމީހުން ވަނީ ބަޑިން ހަމަލާދީފަ އެވެ.

ދެވަނަ ބޮމެއް ގޮވީ، އެއާޕޯޓްގެ ކާރުތައް ޕާކްކޮށްފައި ހުންނަ ސަރަހައްދުގެ ޕޭމަންޓް މަތިންނެވެ. ބޮންގޮވި ސަރަހައްދުގައި ހުރި ބިއްލޫރިތައް ތަޅައިގެން ގޮސް ސީލިންގުން ތަންތަންގަނޑު ވެއްޓިފައިވާ އިރު، ޒަހަމްވި މީހުންގެ ލޭތައް ވަނީ މުޅި ހިސާވަށް ބުރައިގެން ގޮސްފަ އެވެ.

މިހަމަލާގައި މަރުވި މީހުންގެ އަދަދު 36 އަށް އަރާފައިވާއިރު ޒަހަމްވި މީހުންގެ އަދަދު ވަނީ 140 އަށްވުރެ މައްޗަށް އަރާފަ އެވެ.

މިހަމަލާތަކާ ގުޅިގެން ތުރުކީގެ ރައީސް ރަސިޕް ތޮއްޔިބް އުރުދުގާން ވިދާޅުވީ މިހަމަލާއަކީ ހަނގުރާމަވެރި ޖަމާއަތްތަކާއި ދެކޮޅަށް ނުކުތުމަށް ދިން ދައުވަތެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

އިސްތަންބޫލްގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް އެއާޕޯޓަށް ވަދެ ނިކުމެވާން ހުރި މަގުތައް ވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ. އެ އެއާޕޯޓަށް ޖައްސަން ހުރި ފްލައިޓްތައްވެސް ވަނީ އެހެން ސަރަހައްދުތަކުގައި ހުރި އެއާޕޯޓްތަކަށް ބަދަލުކޮށްފަ އެވެ.

މީގެކުރިން ތުރުކީއަށް ދީފައިހުރި ގިނަ ޓެރަރިސްޓު ޖަމާއަތްތަކުގެ ފަހަތުގައިވަނީ ކުރުދީންނެވެ.