ހަބަރު

ބްރިޖް ހޮޅިތައް މިހާރު ފަރުމަތީގައި ބަހައްޓާފައި ހުރީ ހުއްދަނަގައިގެން: އީޕީއޭ

Jun 29, 2016
6
  • ފަރަށް ގެއްލުންވޭ، އެކަމަކު ގެއްލުން ކުޑަކުރަން ފިޔަވަޅު އަޅައިފި
  • ހައުސިން އިން ބުނީ އެކަމަށް އެ ނޫން ގޮތެއް ނެތްކަމަށް
  • ހޮޅިތައް ބަހައްޓާފައި ހުރި ސަރަހައްދަކީ ހިއްކާނެ ތަނެއް

ހުޅުލެ-މާލެ ބްރިޖް އެޅުމަށް ބޭނުން ކުރާ ހޮޅިތައް، މިހާރު ގުޅީފަޅު ފަރުމަތީގައި ބަހައްޓާފައި ވަނީ އީއައިއޭ ހަދައި، ހުއްދަ ހޯދައިގެން ކަމަށް، އެންވަޔަރުމަންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭ އިން މިއަދު ބުނެފި އެވެ. އެ ހޮޅިތައް ފަރުމަތީ ހުންނާތީ އެ ފަރަށް ގެއްލުވާނެ ކަމަށް ބުނެ، އެކި ފަރާތްތަކުގެ ފާޑު ކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

އީޕީގެ ޑިރެކްޓަރު، އިބްރާހިމް ނައީމް މިއަދު ވިދާޅުވީ ގުޅީފަޅުގެ ފަރުމަތީގައި ބްރިޖް އަޅަން ބޭނުން ކުރާ ހޮޅިތައް ބަހައްޓާފައި މިހާރު ހުރީ، ފަރަށް ލިބޭނެ ގެއްލުންތައް ބެލުމަށް ހަދަން ޖެހޭ އެސެސްމަންޓް، އީއޭއައިއޭ ރިޕޯޓް ގަވާއިދުން ހަދައި އީޕީއޭގެ ހުއްދަ ލިބިގެން ކަމަށެވެ. އަދި އެތަނުގައި ހޮޅިތައް ބެހެއްޓުމުން ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް އެފަރަށް ވާނެ ކަމަށާއި އެހެން ނަމަވެސް އީއައިއޭ ރިޕޯޓަށް ފަހު މިހާރު އެކަން ކުރަމުން އަންނަނީ ވީހާ ވެސް ގެއްލުން ކުޑަވާނެ ގޮތަށް ފިޔަވަޅު އަޅައިގެން ކަމަށް ވެސް ނައީމް ވިދާޅުވި އެވެ.

އެ ހޮޅުތައް އެތަނުގައި އެންމެ ފުރަތަމަ ބެހެއްޓީ ހުއްދަ ނުނަގަ އެވެ. އަދި އެ ހޮޅިތައް ނަގަން އީޕީއޭ އިން އެންގުމުން މިނިސްޓްރީ އިން ވަނީ އީއައިއޭ ރިޕޯޓެއް ހަދައި، އެ މަސައްކަތް ކުރުމަށް ހުއްދަ ހޯދައިފަ އެވެ. އެކަމާ ގުޅިގެން ފިޔަވަޅެއް އަޅާނެތޯ ދެންނެވުމުން ނައީމް ވިދާޅުވީ އެކަމާ އަދި އެއްޗެއް ދެންނެވެން ނެތް ކަމަށެވެ.

ބްރިޖް މަސައްކަތްތައް މިނިސްޓްރީގެ ފަރާތުން ބައްލަވާ، ސްޓޭޓް މިނިސްޓަރު އަބްދުﷲ މުއްތޮލިބު މިއަދު، "އަވަސް" އަށް ވިދާޅުވީ ބްރިޖް ސައިޓާ އެންމެ ކައިރިން އަދި ތިމާވެއްޓަށް ވެސް އެންމެ ގެއްލުން ކުޑަގޮތަށް، އެ ހޮޅިތައް ބެހެއްޓެން އޮތް ހަމައެކަނި ތަނަކީ ގުޅީފަޅުގެ ފަރު ކަމަށެވެ. އަދި އެތަނަކީ ހިއްކަން ނިންމާފައިވާ ސަރަހައްދެއްކަން ފާހަގަ ކުރައްވާ މުއްތޮލިބު ވިދާޅުވީ ދިރޭ މުރަކައަކީ އެ ފަރުގެ އެންމެ ތިން ޕަސެންޓް ކަމަށެވެ. އަދި 150 ޓަނުގެ ބަރުދަން ހުންނަ އެ ހޮޅިތައް އެތަނުގައި ބެހެއްޓުމުން ހޮޅިތަކުގެ ބަރުދަނުގެ ސަބަބުން ފަރުގެ މުރަކަތަކަށް އޭގެ މާ ބޮޑު އަސަރެއް ނުކުރާނެ ކަމަށް އީއައިއޭގެ ރިޕޯޓުން ދައްކާ ކަމަށް ވެސް މުއްތޮލިބު ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ އަޅުގަނޑުމެން ބެލީ ހުޅުމާލޭގައި އެ އޮންނަ ސައިޓަށް އެ ހޮޅިތައް ބާލަން. އެކަމަކު ބަރުކަމުން އެ އެއްޗިހި ސައިޓަށް ބޭލޭ ގޮތެއް ނުވި. ދެން އަޅުގަނޑުމެން އެހެން އޮޕްޝަންތައް ވެސް ވަރަށް ބެލިން. ވެއާހައުސްއެއް ތަނަކަށް އެ ނުއެއްވެއްދޭ. އެއަށް ވުރެ މާ ބަރު ބޮޑެތި ހޮޅިތަކެއް އެއީ. އެތަނުގައި ނޫން ތަނެއްގައި ދެން ނެތް އެތަކެތި ބެހެއްޓޭކަށް. އެހެންވެ އެ ނިންމުން ނިންމީ،" މުއްތޮލިބު ވިދާޅުވި އެވެ.