ހަބަރު

އދ ބައިވެރިވެގެން އަންނަ މަހު ޕާޓީތަކުގެ މަޝްވަރާތައް އަލުން ފަށަނީ

  • މަޝްވަރާތަކަށް ސަރުކާރުން އުންމީދުތަކެއް ކުރޭ
  • މަޝްވަރާތަކުގައި އދ ގެ މަންދޫބު ބައިވެރިވޭ
  • އެޖެންޑާއެއް ވަނީ އެކުލަވާލާފައި

އދ ވެސް ބައިވެރިކޮށްގެން ސިޔާސީ ޕާޓީތަކާ އެކު ސަރުކާރުން ބާއްވާ މަޝްވަރާތައް އަންނަ މަހުގެ ތެރޭގައި ފަށާނެ ކަމަށް، އެ މަޝްވަރާތަކުގެ ކަންކަން ވިލަރެސް ކުރައްވާ ސަރުކާރުގެ މަންދޫބު، ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

"އަވަސް" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝައިނީ ވިދާޅުވީ، ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާތައް އަލުން ފެށުމަށް އދ. ގެ މަންދޫބު، މރ. ތަމްރަތު ސެމިއުލް މީގެ ދެ މަހެއްހާ ދުވަސް ކުރިން ކުރެއްވި މަސައްކަތްތަކަށް ފަހު އެ މަޝްވަރާތައް ނުފެށި އޮތީ ރޯދަމަސް ކުރިމަތިވުމުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އެ މަޝްވަރާތައް ފެށުމަށް ޓަކައި ސެމިއުލް އަންނަ މަހުގެ ތެރޭގައި ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށާއި އޭރުން ސިޔާސީ ޕާޓީތަކާއި ސަރުކާރާ ދެމެދު އަލުން ވާހަކަތައް ފަށައިގަނެވޭނެ ކަމަށެވެ.

"މިހާރު އޮތީ އަންނަ މަހު ވަޑައިގަންނަވާނެ ކަމަށް ކޮންފަމޭޝަން ވެސް ދެއްވާފައި އދ އިން. ތާރީހުތަކެއް ވެސް އެބަ އުޅޭ. އެކަމަކު އަދި އަވަސް އެ ތާރީހުތައް ހާމަ ކުރަން. އަންނަ މަހު މަންދޫބު ވަޑައިގެން އެ ވާހަކަތައް ފަށައިގަނެވޭނެ،" ޝައިނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ މަޝްވަރާތަކުގައި ޕާޓީތަކާ އެކު މަޝްވަރާ ކުރާނެ ކަންތައްތަކެއް ވެސް މީގެ ކުރީގެ ދަތުރުގައި ސަރުކާރާއި އދ އަދި ޕާޓީތަކާ އެކު ވަނީ އެއްބަސްވެވިފަ އެވެ. އެހެން ނަމަވެސް މަޝްވަރާތަކުގެ ކުރިން އެ ކަންކަމުގެ ވާހަކަ އާންމުކޮށް ނުދެއްކުމަށް އެއްބަސްވެވިފައިވާ ކަމަށް ޝައިނީ ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އިދިކޮޅު ބައެއް ފަރާތްތަކުން އެ ވާހަކަތަކުގައި ހިމެނޭނެ ބައެއް ކަންކަމުގެ ވާހަކަ މިހާރު މީޑިއާގައި ހާމަ ކުރަމުން އަންނަ ކަމަށާއި އެއީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.

"އޭގައި މަޝްވަރާ ކުރާނެ ކަންކަން ކޮންފިޑެންޝަލީ ބާއްވަން އެއްބަސްވެވިފައި އޮތީ. އިދިކޮޅުގައި ހިމެނޭ ބައެއް ބޭފުޅުން މި ކަންކަން ހާމަކުރަމުން މިދަނީ އަޅުގަނޑަށް ހީވަނީ މަޝްވަރާތަކަށް ހުރަސްއަޅަން ކޮންމެވެސް ގޮތަކުން ކަމެއް ކުރައްވަނީހެން،" ޝައިނީ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތައް އެކުވެގެން އުފައްދާފައިވާ، ޔުނައިޓެޑް އޮޕޮޒިޝަން އިން ވާހަކަތަކުގައި ބައިވެރިވާން ސަރުކާރުން މަރުހަބާ ކިޔާނެތޯ ދެންނެވުމުން ޝައިނީ ވިދާޅުވީ، އެފަދަ ނަމެއް ކިޔާ، ސަރުކާރުން ބަލައިގަންނަ ޖަމާއަތެއް އޮތްކަން އެނގިފައި ނެތް ކަމަށެވެ. އަދި ސަރުކާރުން މަޝްވަރާ ކުރާނީ އދ އެކު އެއްބަސްވެފައިވާ ގޮތަށް ސިޔާސީ ޕާޓީތަކާ އެކުގައި ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަޝްވަރާތަކަށް މިހާރުއްސުރެ، ހުރަސް އަޅަން މަސައްކަތް ކުރި ނަމަވެސް، އަންނަ މަހު ބާއްވާ މަޝްވަރާތަކަށް ސަރުކާރުން އިހުލާސްތެރިކަމާ އެކު އެއްބާރުލުން ދޭނެ ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ މަޝްރަހު ފިނި ކުރުމާއި އެކި ކުށްކުށް ސާބިތުވެ ޖަލު ހުކުމްތަކުގައި ތިއްބެވި ސިޔާސީ ބޭފުޅުންގެ ކަންކަމުގައި ވެސް ވާހަކަތަކުން ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ކުރާ މަސައްކަތްތަކުގެ އިހުލާސްތެރިކަން އޭރުން ބޭރުގެ ފަރާތްތަކަށް ވެސް ފެނިގެން ދާނެ. ސިޔާސީ މަސްރަހު ފިނިކުރުމަށް ޓަކައި އަޅުގަނޑުމެން އެ މަޝްވަރާތަކުގައި ތިބޭނީ އިހުލާސްތެރިކޮށް. އެބޭފުޅުން (އިދިކޮޅު ބޭފުޅުން) ވެސް ފަލީހަތްވާން ބޭނުން ނޫން ނަމަ އެއްމޭޒެއްގެ ދަށަށް އަންނާނެ،" ޝައިނީ ވިދާޅުވި އެވެ.

މީގެ ކުރިން ވެސް އިދިކޮޅު ފަރާތްތަކުން އެކި ބަހަނާތައް ދައްކާ މަޝްވަރާތަކުން ދުރުވެފައިވާ ކަން ފާހަގަ ކުރައްވަމުން ޝައިނީ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އެކި ފަހަރު އެކި ގޮތަށް ހުށަހެޅި ޝަރުތުތަކަށް ވެސް ސަރުކާރުން އެއްބަސްވި ކަމަށެވެ. އެކަމަކު އަބަދުވެސް ފެނުނީ އިތުރު ބަހަނާތަކެއް ދައްކައި ސިޔާސީ ވާހަކަތައް ދެއްކުމަށް ދެކޮޅު ހެދިތަން ކަމަށް ޝައިނީ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިފަހަރު އެހެން ނުވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވަ އެވެ.

އިއްޔެގެ ވަގުތެއްގައި ރައީސް ނަޝިދު ވަނީ ސެމުއެލްއާ ބައްދަލު ކުރައްވައިފަ އެވެ. އެއަށް ފަހު ނަޝީދު ނެރުއްވި ސްޓޭޓްމަންޓެއްގައި ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި ޕާޓީތަކުން ބޭނުން ކެންޑީޑޭޓަށް ވާދަ ކުރެވޭނެ ކަމަށެވެ.

ސަރުކާރުން ފެށި ޕާޓީތަކުގެ މަޝްވަރާތައް ކުރިއަށް ނުގެންދެވިފައިވާތީ އެކަމުގައި އދ ގެ އެހީއަށް އެދުނީ ރައީސް އަބްދުﷲ ޔާމީން އެވެ. އަދި ސަރުކާރުގެ ދައުވަތަކަށް ވަޑައިގެންނެވި ސެމިއުލް ކުރެއްވި މަޝްވަރާތަކަށް ފަހު އދ އިން އޭރު ނެރުނު ބަޔާނުގައި ބުނެފައި ވަނީ، މަޝްވަރާތައް ފަށަން އެހީތެރިވެދެވިއްޖެ ކަމަށާއި ވަރަށް އަވަހަށް މަޝްވަރާތައް ފަށާނެ ކަމަށެވެ.