ހަބަރު

ފާރިޝް އާއި ވައްޑެ އަށް ފިޔަވަޅު އަޅަން ސްލޫކީ ކޮމިޓީއަށް ހުށަހަޅައިފި

Jun 30, 2016
6

ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ތްރީލައިން ވިޕާ ހިލާފަށް މިއަދު މަޖިލީހުގައި ވޯޓު ދެއްވި އެ ޕާޓީގެ ދެ މެންބަރުންނާ މެދު، ފިޔަވަޅު އެޅުމަށް އެ މައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް ހުށަހަޅައިފި އެވެ.

އެނގިފައިވާ ގޮތުގައި، ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ފަރާތުން އެ ޕާޓީގެ ސުލޫކީ ކޮމިޓީއަށް ފޮނުވި އެ މައްސަލައިގައި ބުނެފައިވަނީ، ޓޫރިޒަމް ގާނޫނަށް ހުށަހެޅިފައިވާ އިސްލާހަށް ވޯޓު ދިނުމަށް ލާޒިމްކޮށް ތްރީލައިންވިޕް ނެރެފައިވަނިކޮށް، ޕީޕީއެމްއަށް ނިސްބަތްވާ، ދިއްގަރު ދާއިރާގެ މެންބަރު ފާރިޝް މައުމޫން އެ ބިލް ފާސްނުކުރަން ވޯޓް ދެއްވި ކަމަށެވެ. އަދި ތުލުސްދޫ ދާއިރާގެ މެންބަރު ވެސް މާލޭގައި ހުންނަވައި މަޖިލީހަށް ވެސް ހާޒިރުވެ ވަޑައިގަތުމަށް ފަހު ވޯޓުގައި ބައިވެރި ނުވެފައިވާކަން ވެސް ސުލޫކީ ކޮމިޓީއަށް ފޮނުވި މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

ތްރީލައިން ވިޕާ ހިލާފުވި މެންބަރުންގެ މައްސަލަ ބަލައިދީ އެކަށީގެންވާ ފިޔަވަޅު އެޅުމަށް ވެސް ވަނީ ކޮމިޓީގެ ކިބައިން އެދިފަ އެވެ. އެހެން ނަމަވެސް އެކަމާ ގުޅޭ ގޮތުން ޕީޖީ ގްރޫޕްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. ޕީޕީއެމްގެ ބަހެއް ވެސް ނުލިބުނެވެ.

މައުމޫން މިއަދުގެ ވަގުތެއްގައި އަންގަވާފައި ވަނީ ޕީޕީއެމްގެ އެއްވެސް ކޮމިޓީއެއްގެ މަސައްކަތެއް ވިޔަސް އަދި ޖަލްސާއެއް ވިޔަސް ބާއްވަން ޖެހޭނީ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހުއްދަ ލިބިގެން ކަމަށެވެ. އަދި ޕީޕީއެމް ހިންގުމަށް ނައިބު ރައީސް، އަބްދުއްރަހީމް އަށް ދީފައިވާ ބާރުތައް ވެސް މައުމޫން ވަނީ މިއަދު ނަންގަވައި ޕާޓީގެ ހުރިހާ ކަމެއް މައުމޫން ބައްލަވާ ގޮތަށް ނިންމަވައި ސެކްރެޓަރީ ޖެނެރަލަށް އެކަން އަންގަވައިފަ އެވެ.

ބެލެވޭ ގޮތުގައި މައުމޫން އެގޮތަށް ނިންމެވީ އެ މައްސަލަ ސުލޫކީ ކޮމިޓީއަށް ހުށަހެޅުމުންނެވެ.