ދުނިޔެ

މިސްރު ފްލައިޓު ވެއްޓުނީ ދުމުގެ އަސަރުކޮށް ހޫނު ގަދަވެގެން: ތަހުގީގް ޓީމް

ދިޔަ މަހުގެ 19 ވަނަ ދުވަހު މެޑިޓެރޭނިއަން ކަނޑަށް ވެއްޓުނު މިސްރުގެ މަތިންދާ ބޯޓް ވެއްޓުނީ ބޯޓްގެ ސްމޯކް ޑިޓެކްޓާ ހަލާކުވެ ބޯޓުގެ ތެރޭގައި ދުމުގެ އަސަރު ބޮޑުވެގެން ކަމަށް އެހާދިސާ ތަހުގީގް ކުރާ ޓީމުން ބުނެފި އެވެ.

ބޯޓުގެ ކަޅުފޮށީގެ ރިކޯޑަރަށް އަރާފައިވާ މައުލޫމާތުތައް ދިރާސާކުރުމަށްފަހު ތަހުގީގް ޓީމުން ބުނީ ފްލައިޓް ވެއްޓުނީ ބޯޓުގެ ފާހާނައިގައި ހަރުކޮށްފައި އިން ސްމޯކް ޑިޓެކްޓާ އިން ސްމޯކް ޑިޓެކްޓް ނުކުރާކަން އެންގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކަމަށެވެ. އެހެންވީމަ ބޯޓުގެ ހޫނުމިން މާބޮޑަށް މައްޗަށް ގޮސްގެން ބޯޓު ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ވެސް ތަހުގީގު ޓީމުން ބުންޏެވެ.

ފްލައިޓްގެ ކޮކްޕިޓް ވޮއިސް ރިކޯޑާ ހިމެނޭ ބްލެކް ބޮކްސް ކަނޑުގެ ވަރަށް އަޑިން ނަގާފައި ވަނީ އެ ނެގުމަށް ހާއްސަ ރޮބަޓްތަކެއް ކަނޑުގެ އަޑިއަށް ފޮނުވައިގެނެވެ. އެ ރިކޯޑާގައި ދެ ގަޑިއިރުގެ ވާހަކަ އޭގައި ރައްކާކުރެވިފައި އެބަހުރި ކަމަށް ތަހުގީގު ޓީމުން ބުނެ އެވެ. މި ރިކޯޑަރަކީ ބޯޓު ވެއްޓުނު ތަހުގީގަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ އެއްޗެެކެވެ.

ބޯޓުގެ ކަޅުފޮށި ފެނުނީ އޭގެ ސިގްނަލް ކެނޑެން ތިން ދުވަހަށް ވެފައި ވަނިކޮށެވެ. ބޯޓުގެ ދެވަނަ ކަޅު ފޮށީގެ ރިކޯޑަރު މަރާމާތު ކުރުމުގެ މަސައްކަތް ޕެރިސްގައި މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.

މިސްރުން ފުރައިގެން ފްރާންސަށް ދަތުރު ކުރަމުންދިޔަ ބޯޓުގައި ތިބި 60 މީހުންވެސް ވަނީ އެ ހާދިސާގައި މަރުވެފަ އެވެ.

މިސްރުގެ ތަހްގީގު ޓީމުން ބުނެފައިވަނީ ބޯޓު ވެއްޓުމުގެ ކުރިން 90 ޑިގްރީއަށް ވާތް ފަރާތަށް ބޯޓް އެނބުރުނު ކަމަށާއި އަދި އެއަށްފަހު 360 ޑިގްރީއަށް ކަނާތްފަރާތަށް އެނބުރުނު ކަމަށް ރާޑަރުގެ އެންމެ ފަހު ސްކްރީންތަކުން ދައްކާ ކަމަށެވެ. އަދި ކޮކްޕިޓް ސްމޯކް ސިގްނަލް ވެސް ވަނީ ބޯޓް ވެއްޓުމުގެ ކުރިން އަޅައިފަ އެވެ. ބަޔަކު ގަސްތުގައި ވައްޓާލިކަމަށް ބެލެވޭ ބޯޓް ވެއްޓުމުގެ ކުރިން، މަސައްކަތްކޮށްފައިވަނީ ބޯޓް ހައިޖެކް ކުރުމަށް ކަމަށް މިސްރުގެ ތަހްގީގު ޓީމުން ތުހުމަތުކޮށްފައިވެ އެވެ.