މުހައްމަދު ނާޒިމް

ނާޒިމްގެ މައްސަލަ އަލުން ރިވިއުކޮށްދޭން ސުޕްރީމް ކޯޓުގައި އެދިއްޖެ

ހަތިޔާރު ގެންގުޅުނުކަމުގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްސަލަ އަލުން ރިވިއުކޮށްދިނުމަށް ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިފައިވަނީ، ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައިން ހޯދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ރިޕޯޓާއެކު މައްސަލަ އަލުން ބަލައިދިނުމަށެވެ.

މި މައްސަލަ އަލުން ރިވިއުކޮށްދިނުމަށް ނާޒިމްގެ ފަރާތުން އެދިފައިމިވަނީ، އެ ކޯޓުގައި ނާޒިމްގެ ފަރާތުން އިލްތިމާސްކުރި މައްސަލަ ބަލައިނުގަތުމަށް ނިންމުމާ ގުޅިގެންނެވެ. މައްސަލަ ބަލައިނުގަތްކަން އަންގައި، ނާޒިމަށް ސުޕްރީމް ކޯޓުން ފޮނުވާފައިވާ ލިޔުމުގައި ބުނެފައިވަނީ، މައްސަލައަކީ ހައިކޯޓުގައި އިސްތިއުނާފު މަރުހަލާގައި ބަލައި ފައިސަލާކުރުވަނިވި ހުކުމެއް ކޮށްފައިވާ މައްސަަލައަކަށްވެފައި މި މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްއަށް ހުށަހެޅި ސަބަބުތަކަށް ބެލިއިރު ހައިކޯޓުގެ ހުކުމް ރަނގަޅުނޫން ކަމަށް ބަލަންޖެހޭ އެއްވެސް އަސާސެއް އޮތް ކަމަށް ބެލެވެން ނެތް ކަމަށެވެ.

ނާޒިމްގެ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލީ، އަދީބުގެ ޑީއެންއޭ ރިޕޯޓު ދައުލަތުން އެ ކޯޓަށް ފޮނުވާފައިވަނިކޮށެވެ. ނާޒިމް ފްރޭމްކޮށްފައިވަނީ އަދީބު ކަމަށް ދަށު ކޯޓުގައި ވެސް ނާޒިމްގެ ފަރާތުން ފާހަގަކޮށްފައިވެ އެވެ. ނަމަވެސް އޭރު އެކަމަށް ހެއްކެއް ދެއްކިފައެއް ނުވެ އެވެ. ބ. ހިބަޅިދޫއިން ފެނުނު ހަތިޔާރުގެ ސީރިއަލް ނަންބަރުތައް ފުހެލުމަށް ގެންގުޅެފައިވާ މެތަޑާއި އެ ދަވާދު ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައިގެ ސީރިއަލް ނަންބަރު ފުހެލުމަށް ބޭނުންކޮށްފައިވާ ކަމަށް ނާޒިމް ވަނީ ސުޕްރީމް ކޯޓުގައި ފާހަގަކޮށްފަ އެވެ.

މީގެއިތުރަށް ނާޒިމްގެ ގެއަށް ފިސްތޯލަ ވެއްދީ އާސިފު ކިޔާ ފުލުހެއް ކަމަށާއި އޭނާ އެ ފިސްތޯލަ ވައްދާފައި ވަނީ އަންބޮނޑިއަށްޖަހައިގެން ކަމަށް ނާޒިމްގެ ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ސުޕްރީމް ކޯޓުގައި ވިދާޅުވެފައިވެ އެވެ. އާސިފު އެ ފިސްތޯލަ ނާޒިމް ގެއަށް ވައްދާފައިވަނީ އަދީބު ވިދާޅުވެގެން ކަމަށް ވެސް ސުއޫދު ވިދާޅުވެފައިވެ އެވެ.