ހަބަރު

"ވަފާތެރިން" ގޮވައިގެން މައުމޫން ކުއްލި ބައްދަލުވުމަކަށް

Jun 30, 2016
5

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއަށް ޒަމާނުއްސުރެ ވެސް އެންމެ ވަފާތެރި ބޭފުޅުން ކަމަށް ބެލެވޭ ފަރާތްތަކާ އެކު، ޕީޕިއެމްގެ އޮފީހުގައި ރައީސް މައުމޫން ކުއްލި ބައްދަލުވުމެއް މިއަދު ބާއްވަވައިފި އެވެ.

އެ ބައްދަލުވުމަށް ޕީޕީއެމްގެ އޮފީހަށް ވަޑައިގަތީ، ކުރީގެ މިނިސްޓަރުކަން ކުރެއްވި ހަމްދޫން ހަމީދާއި ސީނާ އަހުމަދު ޒާހިރާއި ހޯމް މިނިސްޓަރުކަމުން ދާދިފަހުން އިސްތިއުފާދެއްވި އުމަރު ނަސީރާއި ކުރިން މިނިސްޓަރުކަން ކުރެއްވި އަނީސާ އަހުމަދު ކަމަށެވެ. އަދި ފާރިޝް މައުމޫން ވެސް އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމަށް އެބޭފުޅުންނަށް މައުމޫން ދައުވަތު ދެއްވީ މިއަދު މެންދުރު 2:30 އަށެވެ. އަދި އެ ބައްދަލުވުން ގާތްގަނޑަކަށް ތިން ގަނޑިއިރަށް ދެމިގެން ދިޔަ އެވެ.

އެ ބައްދަލުވުމުން ނިކުމެ ވަޑައިގަތް ވަގުތު އުމަރާ ނޫސްވެރިން ސުވާލު ކުރުމުން ވިދާޅުވީ ބައްދަލުވުމާ ގުޅޭ ގޮތުން ކޮމެންޓެއް ނެތް ކަމަށެވެ. މައުމޫން ހިނިފުޅުވަޑުވާފައި ވިދާޅުވީ، "އީދު މުބާރިކް" މިހެން އެކަންޏެވެ. އެއަސް ފަހު މައުމޫން ވަނީ އަތުން އިޝާރާތް ކުރެއްވުމަށް ފަހު އެތަނުން ވަޑައިގެންފަ އެވެ.

އެނގިފައިވާ ގޮތުގައި މައުމޫން އެ ބައްދަލުވުން ބާއްވަނީ، ސިޔާސީ ކަންކަމުގައި އެމަނިކުފާނަށާއި ޕީޕީއެމްއަށް ލަފާދޭ ކޮމިޓީއެއް އެކުލަވާލުމުގެ ގޮތުންނެވެ. މިއަދުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ބޭފުޅުންނަކީ އެ ކޮމިޓީގެ މެންބަރުން ކަމަށްވެ އެވެ.