ހަބަރު

ބިޑްނުކޮށް ރަށްތައް ދޭން ފުރަތަމަ ގާނޫނެއް ތަސްދީގު ކުރީ މައުމޫން

Jul 1, 2016
19

ޓޫރިޒަމް ގާނޫނާ ގެނައި އިސްލާހަށް، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުއްލަގައްޔޫމް، ދެކޮޅު ހައްދަވަނީ، "ކޮންމެވެސް އެހެން ކަމެއް އޮތުމުން" ކަމަށް ޕީޕީއެމްގެ އިސް ތަރުޖަމާން އަލީ އާރިފް ވިދާޅުވެއްޖެ އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ކެލާ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ އަލީ އާރިފު، ވިދާޅުވީ ރާއްޖޭގެ ރަށްތައް އިއުލާން ނުކޮށް ކުއްޔަށް ދެވޭ ގޮތަށް، "ދިވެހިރާއްޖޭގެ ފަޅު ރަށްރަށާ ބެހޭ ގާނޫނު" މަޖިލީހުން ފާސްކޮށް އެ ގާނޫނު ރައީސް މައުމޫން ތަސްދީގުކޮށް މިއަދާ ހަމަޔަށް ވެސް އެއަށް އަމަލު ކުރަމުން އަންނަ ކަމަށެވެ. އެ ގާނޫނުގެ 12 ވަނަ މާއްދާގައި ހިމަނާފައި ވަނީ، "އާންމުކޮށް އިއުލާންނުކޮށް ފަޅުރަށްރަށް ކުއްޔަށް ދިނުމުގެ ޝަރުތުތަކެވެ." އެކަމަކު އެ ގާނޫނަކީ ޓޫރިޒަމް ނޫން ބޭނުން ތަކަށް ފަޅު ރަށްރަށް ކުއްޔަށް ދިނުމާއި ވަރުވާއަށް ރަށްރަށް ލިޔެދިނުމުގެ ގާނޫނެކެވެ.

ގާނޫނުގެ ލިންކް: http://mvlaw.gov.mv/pdf/ganoon/chapterVII/20-98.pdf

ޓޫރިޒަމްގެ ގާނޫނަށް އެފަދަ މާއްދާއެއް އިތުރު ކުރުމުން މައުމޫން ވަނީ އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހައްދަވައި ސަރުކާރަށާއި ޕީޕިއެމްގެ ޕީޖީ ގްރޫޕަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. މައުމޫން ވިދާޅުވަނީ އިއުލާން ނުކޮސް ރާއްޖޭގެ އެކި ތަންތަން ކުއްޔަށް ދިނުމަކީ ޕީޕިއެމްގެ އަސާސީ ގަވާއިދާ ހިލާފު އަދި ގައުމަށާއި ރައްޔިތުންނަށް ގެއްލުންވާނެ ކަމެއް ކަމަށެވެ.

އަލީ އާރިފް ވިދާޅުވީ މައުމޫން އެފަދަ ގާނޫނެއް ތަސްދީގު ކުރައްވައި، އިއުލާން ކުރުމެއް ނެތި ފަޅު ރަށްރަށް އެކި ބޭނުންތަކުގައި ދޫކުރެއްވުމުން، އެނގިގެން ދަނީ މައުމޫންއަށް މިހާރު މައްސަލައަކަށް ވެގެން އުޅެނީ އެ ގާނޫނު ފާސްކުރުން ނޫންކަން ވެސް އަލީ އާރިފް ވިދާޅުވި އެވެ. އަލީ އާރިފް ވިދާލުވީ މައުމޫނަށް މައްސަލައަކަށް ވެގެން އުޅެނީ އެހެން މައްސަލައެއް ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ހަގީގީ އެ ސަބަބު އެނގިގެން ދާނެ ކަމަށް ވެސް އަލީ އާރިފް ވިދާޅުވި އެވެ.

"އެ އޮތީ މައުމޫން ތަސްދީގު ކުރެއްވި އެ ގާނޫނު ފެންނަން. ކީއްވެތޯ މައުމޫން މިފަދަ ގާނޫނެއް ތަސްދީގު ކުރައްވައި ހަމަ އެގޮތަށް ރަށްތައް ދޫކުރައްވަމުން ގެންދެވީ. އަޅުގަނޑުމެން އަލަށް ކޮށްގެން އުޅޭ ކަމެއް ނޫން މިއީ. މިހާރު މައުމޫން މައްސަލައަކަށް ހައްދަވަނީ ކީއްވެތޯ؟ އެހެން ވީމާ މި ގާނޫނުގެ މައްސަލައެއް ނޫން މި އުޅެނީކީ، ކޮންމެވެސް އެހެން ކަމެއް މި އުޅެނީ،" އަލީ އާރިފް ވިދާޅުވި އެވެ.

ޓޫރިޒަމްގެ ގާނޫނަށް މިފަހުން ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ ބިޑް ކުރުމެއް ނެތި ވެސް، ރާއްޖޭގެ ރަށްތައް އެކި ފަރާތްތަކަށް ކުއްޔަށް ދެވިދާނެ ކަމަށެވެ. އެހެން ނަމަވެސް އެކަމަށް މިނިސްޓްރީ އިން އުސޫލެއް ކަނޑައަޅާ ދުރާލާ އިއުލާން ކުރަން ޖެހެ އެވެ. އަދި މީގެ އިތުރަށް ރަށްރަށުގެ އެކުއިޒަޝަން ކޮސްޓްގެ ގޮތުގައި ނަގާނެ އަދަދު ވެސް ކުރީބައިގައި އިއުލާންކޮށްފައި އޮންނަން ޖެހެ އެވެ. މީގެ އިތުރަށް އެފަދަ ރަށްރަށުގެ ފައިސާ މީރާއަށް ދައްކަން ޖެހޭ އިރު، އެގޮތަށް ދޫކުރާ ރަށް ރަށްރަށުގެ ތަފްސީލީ މައުލޫމާތު ކުރީބައިގައި އޮޑިޓާ ޖެނެރަލާއި އޭސީސީއަށް ހިއްސާ ކުރަން ޖެހެ އެވެ. އެގޮތަށް އިސްލާހު ގެނައި ނަމަވެސް، ބިޑްކޮށްގެން ރަށްރަށް ދޫކުރުން މަނައެއް ނުކުރެ އެވެ.

އަލީ އާރިފް ވިދާޅުވީ ގާނޫނަށް އިސްލާހު ގެނައުމުގެ ކުރިން ވެސް ރަށްތައް ބިޑް ކުރުމެއް ނެތި ހުރިހާ ސަރުކާރަކުން ވެސް ދިން ކަމަށެވެ. އަދި އެކަން ކޮށްފައި އޮތީ ދެ ފުށްފެންނަ ގޮތަކަށް ނުވާތީ ގާނޫނަށް ގެނައި އިސްލާހަކީ ދެ ފުށްފެންނަ ގޮތަށް އެކަން ކުރަން ފުރުސަތު ހުޅުވާލުމަށް ކުރި ކަމެއް ކަމަށް ވެސް އަލީ އާރިފް ވިދާޅުވި އެވެ. އަދި ކުރީގައި އިއުލާން ނުކޮށް ރަށްތައް ދޭ އިރު ކޮރަޕްޝަނަށް ވަރަށް ބޮޑަށް މަގުފަހިވާ ކަމަށާއި އެހެން ނަމަވެސް އާ އިސްލާހުގެ ސަބަބުން އެކަން ހުއްޓުވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.