އިސްލާމިކް ސްޓޭޓް

އައިއެސް ޖަމާއަތުގެ އިސް ދެ ލީޑަރުން އިރާގުގައި މަރާލައިފި

Jul 2, 2016

އިރާގުގައި ކުރަމުންދާ ދާހިލީ ހަނގުރާމާގައި ޔޫއެސް ލެޑް ކޯލަޝަނުން ދިން ހަމަލާއެއްގައި އައިއެސް ޖަމާއަތުގެ އިސް ދެ ލީޑަރަކު މަރާލާފައިވާ ކަމަށް ޕެންޓަގަން އިން ބުނެފި އެވެ. މި މީހުން މަރާލާފައިވަނީ މޫސަލް ގައި ދިން ވައިގެ ހަމަލާއެއްގައި ކަމަށްވެ އެވެ.

އައިއެސްގެ ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގެ އެ ދެ ލީޑަރުންނަކީ 2014 ވަނަ އަހަރު އައިއެސް އިން މޫސުލް ހިސާރުކުރި ފަހުން މޫސަލްގެ ދޭ ހަމަލާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ދެމީހުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. ޔޫއެސް ލެޑް ކޯލިޝަނުން ދަނީ އައިއެސްގެ ބާރުތައް ނައްތާލަން އިރާގު އަސްކަރިއްޔާއަށް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިހަމަލާތަކަށްފަހު އައިއެސް އިން މޫސަލް އަށް ދޭ ހަމަލާތައް މިހާރަށްވުރެ އިތުރުވާނެ ކަމަށް ބެލެވެ އެވެ.

އެދެ މީހުންގެ ތެރެއިން ބާސިމް މުހައްމަދު އަހްމަދު ސުލްތާން އަލް ބަޖާރީ އަކީ މީގެކުރިން އަލް ގައިދާ ޖަމާއަތަށް ނިސްބަތްވާ މެމްބަރެކެވެ. އޭނާއަކީ އަމިއްލަ އަށް ގޮވާޒާތުގެ ތަކެތި އުފައްދައިގެން ގިނަ އަދަދެއްގެ ހަމަލާތަކެއް ދީފައިވާ މީހެއް ކަމަށް އިރާގު އަސްކަރިއްޔާއިން ބުނެ އެވެ. އަދި ހާތިމް ތޯލިބް އަލް ހަމްދޫނީ އަކީ މޫސަލްގެ އަސްކަރީ ފުލުހުންގެ ތެރޭގައި ކުރިން ހަރަކާތްތެރިވި މިލިޓަރީ ކޮމާންޑަރެއް ކަމަށެވެ.

މިދެ ލީޑަރުން މަރާލާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ކަމަށް އަސްކަރިއްޔާއިން ބުނެ އެވެ. އައިއެސް އިން މިހާރުދަނީ ދުވަހެއް ދުވަހަކަށް އެމީހުންގެ ބާރުގަދަކުރަމުންނެވެ. މޫސަލްގެ އިތުރުން ފައްލޫޖާ އާއި ރަމާދީގައިވެސް އައިއެސް އިން ދަނީ އެމީހުންގެ ބާރުތައް ގަދަކޮށް އެދެއަވަށް އެމީހުންގެ ބާރުގެ ދަށަށް އަނެއްކާވެސް ގެންދަން މަސައްކަތް ކުރަމުންނެވެ.