ޔޫރޯގެ ދެ ވަނަ ބުރުން ކެޓި ސްޕޭން ޓީމުގައި ގޯލްކީޕަރު އިކާކަސިޔާސް ކަންތައްތައް ކުރީ ގޯސްކަމަށް ބުނެ ކޯޗު ވިސެންޓޭ ޑެލްބޮސްކޭ އެންމެ ފަހުން މައްސަލަ ފަޅާއަރުވާލައިފި އެވެ.
މީގެ އަށް އަހަރު ކުރިން ގައުމީ ޓީމާ ހަވާލުވި ކޯޗު ބުނީ ކަސިޔާސް ބެންޗަށް ބަދަލު ކުރުމުން އޭނާ ހުންނަނީ ކޯޗުން ދެކެ ވަރަށް ބޮޑަށް ރުޅިއައިސްފައި ކަމަށާއި ތިމަންނައާ ވާހަކަ ވެސް ނުދައްކާ ކަމަށެވެ.
"ހަމަ ޔަގީން އޭނާ އެވަނީ އަހަރެންގެ ހޮތުގައި ޖައްސާފައި. އަހަންނަށް އެއީ ކީއްވެކަން އެނގޭ. ޓީމުގެ ކުޅުންތެރިންނަށް އޭނާ ވަރަށް ރަނގަޅު. ކޯޗިން ޓީމަށް ވެސް ދެން ރަނގަޅު. އަހަރެން ކޯޗުކަމުން ވަކިވާ ވާހަކަ މެސެޖްކޮށފައި ނުވަނީ ވެސް ހަމައެކަނި ކަސިޔާސް އަށް. އޭނާ ކޯޗުންނަށް ރަނގަޅެއްނޫން. އޭނާ އަހަންނާ ވެސް ވާހަކަ ނުދައްކާ. އޭއީ އަހަރުމެން (ކޯޗުން) ވަރަށް ދެރަވި ކަމެއް. އަހަންނާއި އެސިސްޓެންޓް ކޯޗު ޓޯނީ، ފިޓްނަސް ކޯޗު މަނީނޯއާ މެދު އޭނާ ރަނގަޅެއްނޫން. އަހަރުމެންނާއެކު ކުޅުންތެރިން ތިބޭ އިރު ވެސް ކަންތައްތައް ކުރަނީ ގޯސްކޮށް،" ޑެލްބޮސްކޭ ބުންޏެވެ.
އުމުރުން މިހާރު 65 އަހަރުގެ ކޯޗު ބުނީ ކަސިޔާސް އަކީ އުމުރުން ނުވަ އަހަރުގައި އޭނާގެ ބެލުމުގެ ދަށުން ރެއާލް މެޑްރިޑުގައި ކުޅެން ފެށި ކުޅުންތެރިއެއް ކަމަށާއި މިހެންވެ މިހާރު ކަސިޔާސްގެ ހިތުގައި އުފެދިފައިވާ ހިތްހަމަނުޖެހުން ކުރިމަގުގައި ރަނގަޅު ކުރެވޭނެ ކަމަށް އޭނާ އުއްމީދު ކުރާ ކަމަށެވެ.
"އޭނާ ހަމައެކަނި ރުޅި އައިސްފައި ހުރީ ކޯޗުން ދެކެ. ބެންޗުގައ އިނދެ ޓީމަށް ސަޕޯޓްވެސްދޭ. އަހަރެން އުއްމީދު ކުރަން މިކަންތައް ރަނގަޅު ކުރެވޭނެ ކަމަށް. އަހަރެން އޭނާގެ މައިނަބަފައިން ވެސް ދަންނަން. އެމީހުންނަކީ އަހަރެން ވަރަށް ގަދަރުކުރާ ބައެއް،" ސެލްބޮސްކޭ ބުންޏެވެ.
2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2012 ވަނަ އަހަރުގެ ޔޫރޯ ސްޕޭނަށް ކާމިޔާބުކޮށްދިން ޑެލްބޮސްކޭ މަގާމުން ވަކިވާން ކުރިން ވެސް ވަނީ ނިންމާފަ އެވެ. ނަމަވެސް އޭނާ ބުނީ އެކަން ފައިނަލް ކުރާނީ ފުޓްބޯޅަ އެސޯސިއޭޝަނުގެ ވެރިންނާއެކު މަޝްވަރާކުރުމަށްފަހު ކަމަށެވެ.
ކަސިޔާސް އަކީ މި މުބާރާތާ ހަމައަށް ސްޕޭނުގެ އެއްވަނަ ކީޕަރު އަދި ކެޕްޓަން އެވެ. ގައުމީ ޓީމަށް 167 މެޗު ކުޅެފައިވާއިރު އޭނާއަކީ ވޯލްޑް ކަޕާއި އެންމެ ފަހުގެ ދެ ޔޫރޯ މުބާރާތް ކާމިޔާބުކުރި އިރު ޓީމުގައި ކުޅުނު ކީޕަރެވެ. ނަމަވެސް މި ފަހަރު އޭނާ ބެންޗަށް ބަދަލު ކުރީ ދެ ސަބަބަކާހެދި އެވެ. އެއީ އުމުރުން މިހާރު 34 އަހަރު ވެފައިވުމާއި ފިޓްނަސް ދަށްވެ، ކުރީގެ މޮޅު ކުޅުން މިހާރު ނުދެއްކޭތީ އެވެ. އޭނާގެ ބަދަލުގައި ޑެލްބޮސްކޭ ފުރަތަމަ 11އިން ޖާގަ ދިނީ މެންޗެސްޓާ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެޔާ އަށެވެ. އޭނާ އަކީ މިހާތަަނަށް ސްޕޭނުގެ 23 އަހަރުން ދަށުގެ ކީޕަރެވެ.