ބޭރު ކުޅިވަރު

އިޓަލީގެ ބޮޑު މީހަކީ ޕެއްލޭ!

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދުމަށް މިރެ ޖަރުމަނާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް އިޓަލީގެ އެންމެ ބޮޑު މީހަކަށްވާނީ ފޯވަޑް ގެރެޒިއާނޯ ޕެއްލޭ އެވެ. އިޓަލީގައި ވަރުގަދަ ސެންޓަ ފޯވަޑަކު ނެތް ކަމަށް ބުނާ ވާހަކަ އަށް އޭނާ ވަނީ މިހާތަނަށް ހައްލު ހޯދައިދީފަ އެވެ. އެންމެ ފަހުގެ ދެ މުބާރާތުގެ ޗެމްޕިއަން ސްޕޭނަށް ވެސް ޕެއްލޭ ނުހިފެހެއްޓުނެވެ. މިހެންވެ ދުނިޔޭގެ ޗެމްޕިއަން ޖަރުމަނު ހިތްދަތިކޮށްލަން އޭނާ ހުރީ އަޒުމް ކަނޑައަޅައިގެންނެވެ.

ސައުތެމްޓަނުގެ ފޯވަޑް ޕެއްލޭ، 30 އަކީ ވަރަސް ފަހަކާ ޖެހެންދެން އިޓަލީގެ ހޮވުމެއްނޫނެވެ. އޭނަ އަށް ގައުމީ ޓީމުން ފުރަތަމަ ޖާގަ ލިބުނީ ވެސް އުމުރުން 28 އަހަރުގަ އެވެ. އެއިރު މަޝްހޫރު މާރިއޯ ބަލޮޓެއްލީ ޓީމުގައި ހުރުމުން ފުރުސަތު ލިބެމުންދިޔައީ އޭނާގެ ފަހަތުންނެވެ. އެކަމަކު 2014 ވަނަ އަހަރު އޮކްޓޫބަރުގައި މޯލްޓާ ކޮޅަށް ޖެހި ގޯލާއެކު ފަސް އެނބުރި ބެލުމެއްނެތި މިހާރުއެދަނީ ކުރި އަށެވެ.

ދެ ވަނަ ބުރުގައި ސްޕޭން ކޮޅަސް ޖެހި ގޯލާއެކު ޕެއްލޭ ގައުމީ ޓީމަށް ޖެހި ގޯލު ވަނީ ހަތަކަށް އަރައިފަ އެވެ. އެއީ އެންމެ 16 މެޗުންނެވެ.

"މިވަގުތު ގައުމީ ޓީމުގައި ހުރެވޭތީވެ އަހަރެން އުފާކުރަން. ނަތީޖާ މިދަނީ ފެންނަމުން. އެކަމަކު އަހަރުމެން ދެން ކުރިމަތިލާން މިޖެހެނީ ވެސް ވަރުގަދަ ޓީމަކާ. ޖަރުމަނާ ދެކޮޅަށް ވެސް އަހަރުމެން ބަލާނީ އަހަރުމެންގެ ގޭމް ކުޅެން. ނަތިޖާ ނެރެން. ނުވާނެ އެއްވެސް ކަމެއްނެތް. އަހަރުމެންނަށް މުބާރާތް ނިމޭއިރު ކާމިޔާބު ލިބިއްޖެނަމަ އަހަރެން ވަރަށް އުފާވާނެ. އެކަމަށް އަހަރުމެން އެންމެން މިދަނީ ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުން،" ޕެއްލޭ ބުންޏެވެ.

މަތިން ކުޅޭ ބޯޅަތަކަށް ފަރިތައިރު ކޯޗު އެންޓޯނިއޯ ކޮންޓޭ ބޭނުންވާ ގޮތަށް ޑިފެންޑަރުން ތަޅުވާލަން ޕެއްލޭ މިހާތަނަށް ދަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. މިހެންވެ ކޯޗު އޭނާ އަށް އިތުބާރު ކުރާ ވަރަށް ޕެއްލޭ ބުނީ އޭނާ އަށް ވެސް ކޯޗާ މެދު ވަރަށް ބޮޑު ޔަގީންކަމެއް އޮންނަ ކަމަށެވެ.

"އޭނާ ބުނެދޭގޮތް ވަރަށް ކަމުދޭ. އޭނާ އަކީ މޮޅު ކުޅުންތެރިއެއް ކުރިން. އެހެންވީމަ އޭނާ ބޭނުންވާ ގޮތް ކުޅުންތެރިންނަށް ކިޔައިދޭން އުނދަގުލެއްނުވޭ. އަހަރެން ހިތްހަމަޖެހޭ އޭނާގެ ސްޓައިލާއި ކުޅުންތެރިންނާމެދު އަމަލުކުރާ ގޮތާމެދު. އަހަރުމެން އެންމެންގެ ވެސް މިހާރު އޮތީ އެއް އަމާޒެއް. އެކަން ވާނެ ކަމުގެ އުއްމީދު ވަރަށް ބޮޑު،" ޕެއްލޭ ބުންޏެވެ.

މިފަހަރުގެ ޔޫރޯގައި ވަރުގަދަ ސެންޓަ ފޯވަޑަކު ނެތި ބައެއް ޓީމުތައް ވަނީ އުނދަގޫތަކާ ކުރިމަތިލައިފަ އެވެ. ޖަރުމަނު ޓީމުން އެންމެ ފަހުން ކުޅުނު ދެ މެޗުގައި އެ ޓީމުގެ އިސްކޮޅުން ދިގު، ބިޔަ ފޯވަޑް މާރިއޯ ގޮމޭޒް އަށް ފުރުސަތު ދިނީ ވެސް ޑިފެންސް ލައިންތައް ފޫއަޅުވާލަން ފަސޭހައަކަށެވެ. ޕޮލެންޑް ޓީމުގައި އެފެދަ މީހަކަށް ހުރީ ރޮބަޓް ލެވޮންޑޯސްކީ އެވެ. ފްރާންސް ޓީމުގައި ހުރީ އޮލީވިއާ ޖީރޫޑެވެ. އިޓަލީގައި މިހާތަނަށް ފޫނުބެދި އޮތް މަގާމަކީ ވަރުގަދަ ސެންޓަފޯވަޑަކު ނެތުން ކަމަށް ބުނާ މީހުންނަށް ޖަވާބު ދެމުންދަނީ ޕެއްލޭ އެވެ.