ބޭރު ކުޅިވަރު

އަހަންނަށް ވުރެ މޮޅީ ނޯޔާ: ބުފޮން

އޭނާ އަށް ވުރެ މޮޅު ގޯލްކީޕަރަކީ ޖަރުމަނުގެ ކީޕަރު އަދި ކެޕްޓަން މެނުއަލް ނޯޔާ ކަމަށް އިޓަލީގެ ކީޕަރު އަދި ކެޕްޓަން ޖިއާން ލުއިޖީ ބުފޮން ބުނެފި އެވެ.

އިޓަލީގެ 38 އަހަރުގެ ކީޕަރު މިހެން ބުނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދިއުމަށް މި ދެ ގައުމު މިރޭ ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ.

އިޓަލީގެ ޔުވެންޓަސްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރަމުން އަންނަ ބުފޮން ބުނީ އޭނާގެ އުމުރުން މިހާރު 38 ކަމަށާއި މި އުމުރުގެ ކީޕަރަކާއި ނޯޔާ އަޅާކިޔައި މޮޅީ ކާކުތޯ އެހުމަކީ އޭނަ އަށް ދެވޭ ހަމަލާއެއް ކަމަށެވެ.

އުމުރުން މިހާރު 30 އަހަރުގެ ނޯޔާ އަކީ ޖަރުމަނުގެ ބަޔާން މިއުނިކްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރަމުންދާ ކީޕަރެކެވެ. އޭނާ އަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ޖަރުމަނަށް ހޯދައިދީ އެ މުބާރާތުގެ މޮޅު ކީޕަރެވެ. ބުފޮން އަކީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށް އެ މުބާރާތުގެ މޮޅު ކީޕަރެވެ.

"ހުރިހާ ގޮތަކުން ބެލި ނަމަވެސް މިދިޔަ ފަހެއް ނުވަތަ ހަ އަހަރަށް ބަލާއިރު އޭނާ އަކީ ދުނިޔޭގެ އެއްވަނަ ކީޕަރު. އޭނާ އެވަނީ އެކަން ސާބިތުކޮށްދީފައި. އަހަރެން މީގެ ދެ އަހަރު ފަހުން ހުންނާނެ ހިސާބާއި އަހަރެން ކުރި ކަންތައްތަކާއި އަހަރެން ހޯދި ކާމިޔާބީއާ އަޅާ ބަލާއިރު މިހެން ބުނާކަށް އަހަރެން ދެރައެއްނުވޭ. އަހަންނަށް އެނގޭ އަހަރެން ހާސިލްކުރި ކަންތައްތައް. އެހެންވީމާ އަހަރެން ތި ސުވާލަށް ދޭން އޮތީ ވަރަސް ފަސޭހަ ޖަވާބެއް. (މިހާރު) މޮޅީ ނޯޔާ. ދެމީހުން އަޅާކިޔާފައި މޮޅި ކާކުތޯ ބެލުމަކީ މިހާރު އަހަރެންގެ އެެއްވެސް ސަމާލުކަމެއްދޭ ކަމެއްނޫން،" ބުފޮން ބުންޏެވެ.

އޭނާ ބުނީ ބޮޑު މުބާރާތެއްގައި ޖަރުމަނަށް އިޓަލީ ކަޓުވާލެވިފައި ނުވި ނަމަވެސް ތާރީހުން ލިބޭނެ މޮޅެއް ނެތް ކަމަށެވެ. އަދި މިރޭގެ މެޗަށް ނުކުންނައިރު ވެސް އިޓަލީ ވިސްނަނީ މޮޅުވާން އެކަނި ކަމަށެވެ.

"ތެދެއް. 2006ގައި ޖަރުމަނުގައި ކުޅެގެން އަހަރުމެން ވޯލްޑް ކަޕް ހޯދީ. ސެމީ ފައިނަލެއް އެއީ. މުބާރާތް ބާއްވާ ގައުމަށް ދެކޮޅަށް ކުޅެން ޖެހުނީ. އެއިރު ވެސް އަހަރުމެން ވިސްނީ އަހަރުމެން ކަމެއް ސާބިތުކޮށްދޭންވާނެ ކަމަށް. މިހެންވެ ވަރަށް އަޒުމާއެކު އެންމެންވެސް ތިބީ. 2012 ވަނަ އަހަރުގެ ޔޫރޯގައި އަހަރުމެންނަކީ ފެވަރިޓުންނެއްނޫން. މިހެންވެ އަހަރުމެން ބޭނުންވި ކަމެއް ސާބިތުކޮށްދޭން. އަހަރުމެން އެހިތްވަރުގައި ނުކުތީ. އަހަރުމެން ވަރަށް ބޮޑަށް ގަބޫލުކުރަން ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކާމިޔާބުވާނެކަން. މިފަހަރު ވެސް މި ޓީމު ވިސްނަނީ އެގޮތަށް،" ބުފޮން ބުންޏެވެ.