މާލޭ ސިޓީ

މި އަހަރު މާލެ ވަށައި ތާރު އަޅަން ނިންމައިފި

މާލެ ވަށައި އޮތް ބޮޑު ތަކުރުފާނު މަގުގައި ތާރު އަޅަން ހައުސިން މިނިސްޓަރުން ނިންމައިފި އެވެ. އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބްރިޖުގެ މަސައްކަތާއި ގުޅިގެން މާލޭގެ ލޮނުޒިޔާރަތް ކޮޅަށް ބޮޑެތި ބަދަލުތަކެއް އަންނަ އިރު އެ ގެންނަ ބަދަލުތަކާއެކު ބޮޑު ތަކުރުފާނު މަގުގައި ތާރު އަޅަން ވެސް ނިންމާފައިވާ ކަމަށެވެ.

އަދި ވިދާޅުވީ މިހާރު އެ މަސައްކަތަށް ބޭނުންވާ ޓެކްނިކަލް މަސައްކަތާއި ސާވޭތައް ހަދަމުން އަންނަ ކަމަށާއި މާލެ ވަށައި ތާރު އެޅުމަށް މަސައްކަތް މިއަހަރު ތެރޭގައި ފަށާނެ ކަމަށެވެ. ބޮޑު ތަކުރުފާނު މަގަކީ 5.5 ކިލޯ މީޓަރު ހުންނަ ކާރޫބާރު ބޮޑު މަގެކެވެ.

"އަޅުގަނޑުމެން ބޮޑަށް ރާވަނީ ބްރިޖު އަޅައި ނިމޭ އިރު މާލެ ވަށައި ތާރު އަޅައިފައި ނިންމަން. އެހެންވެ މިހާރު އެ މަސައްކަތް ފަށަން މިއުޅެނީ. އަދި ބަޔަކާ އެ މަސައްކަތް ހަވާލެއް ނުކުރަން. އިރާދަކުރެއްވިއްޔާ މިއަހަރު ތާރު އަޅަން ފަށަން މަސައްކަތް ކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.

މާލެ ވަށައި ތާރު އަޅަން ނިންމާފައިވާ އިރު މިހާރުވެސް ބޮޑުތަކުރުފާނު މަގުގެ އިތުރުން މާލޭގެ ބައެއް ބޮޑެތި މަގުތައް އެއްވަރު ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީ އިން ގެންދަނީ ކުރަމުން ދެއެވެ. އަދި މާލޭ ހުޅަނގު ދެކުނުގައި ސިނާއީ އަވަށެއް ވެސް ހިއްކުމުގެ މަސައްކަތް ވެސް ކުރިޔަށް ދެއެވެ.