ރިޕޯޓް

ޑީމޯޓިވޭޓްވެ މަސައްކަތްކުރަން ފޫހިވަނީ ކީއްވެގެން؟

Jul 3, 2016
1

މި ލިޔުމުގައި ކުރީ ފަހަރާ ހިލާފަށް މި އަލިއަޅުވާލަނީ މީހުން މޯޓިވޭޓް ކުރާނެ ގޮތުގެ މައްޗަށެވެ. އަޅުގަނޑަށް ފާހަގަކުރެވިފައިވާ ގޮތުގައި ދަށުން މަސައްކަތް ކުރާ މީހުން ހެޔޮ ގޮތުގައި މޯޓިވޭޓް ކުރުމަކީ ގިނަ ދިވެހިން ވަރަށް ބީރަށްޓެހި ކެމެކެވެ. މިގޮތުން މޯޓިވޭޓް ކުރުވާ ކަންތައްތަކަށް ބަލާލުމުގެ ކުރިން ދިވެހިންގެތެރެއިން ޢާންމުކޮށް ފާހަގަކުރެވޭ، މީހުން ޑީމޯޓިވޭޓްވެ މަސައްކަތްކުރުމަށް ފޫހިވާ ބައެއްކަހަލަ ކަންތައްތަކަށް ބަލާލާނަމެވެ.

މައިކްރޯ މެނޭޖް ކުރުން: މީގެ ކުރީގެ ލިއުމެއްގައިވެސް އަލިއަޅުވާލައިފައި ވާފަދައިން މައިކްރޯ މެނޭޖްކުރުމަކީ މުވައްޒަފުންނަށް އެމީހުންގެ އަމިއްލަ އުފެއްދުތެރިކަންގެއްލި މަސައްކަތް މަތިން ފޫހިވެގެންދާނެ ކަމެކެވެ.

މުވައްޒަފުންނާއި މެދު ތަފާތުކުރުން ގެންގުޅުން: ކިތަންމެ ރަނގަޅަށް މަސައްކަތްކުރި ކަމުގައި ވިޔަސް، އިސްފަރާތުން އެމީހަކު ކުރާ މަސައްކަތް ރަނގަޅުގޮތުގައި ބަލައިނުގަންނާނެކަމުގައި އިޙްސާސްވުމަކީ ވަރަށްބޮޑަށް މަސައްކަތްމަތިން ފޫހިވެގެންދާނެ ކަމެކެވެ. ވަޒީފާއާއިމެދު އޮންނަ އިތުބާރު ކުޑަވުން: އެމީހެއްގެ ވަޒީފާ މާދަމާވެސް ދެމި އޮންނާނެކަމާމެދު ޝައްކުއުފެދުމަކީ އުފެއްދުންތެރިކަމާއެކު މަސައްކަތްކުރުމަށް ހުރަސްއަޅާ ކަމެކެވެ.

ކުރިއަށް ދެވޭނެ ފުރުޞަތު ނެތުން: އަބަދު އެއް މަސައްކަތެއް އެގޮތެއްގައި ކޮށް، އެކަމުން ކުރިއަށް ދެވޭނެ މަގު ނެތުމަކީ މަސައްކަތްމަތިން ފޫހިވެގެންދާނެ ކަމެކެވެ.

މިދެންނެވުނު ކަންތައްތައް ނޫނަސް މަސައްކަތް މަތިން ފޫހިވުމަށް މެދުވެރިވެދާނެ ކިތަންމެ ކަމެއް ހުރެއެވެ. ނަމަވެސް މިހާވަރުންވެސް މޯޓިވޭޓް ނުވާނެ ކަންތައްތަކާމެދު ވިސްނާވަޑައިގަތުމަށް ފުދޭނެކަމުގައި ހީކުރަމެވެ.

އާދެ މިހާހިސާބުން މޯޓިވޭޓް ކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބަލާލަމާ ތޯއެވެ. މިއީވެސް ލިޔެ ކޮޅުންލާވަރަށްވުރެ ދިގު ލިސްޓެކެވެ. އެހެންކަމުން މިލިޔުމުގައި ބަލާލާނީ ބައެއް މުހިންމު ކަންތައްތަކާއި މެދުގައެވެ. މީގެ އިތުރުން މީހުން މޯޓިވޭޓްކުރުމުގައި ކުރެވިދާނެ ކަންތައްތަކަކީ، ދަށުން މަސައްކަތް ކުރާ މީހުންގެ ފެންވަރާއި، ކުރާ މަސައްކަތާއި މަސައްކަތް ކުރަންޖެހޭ މާޙައުލައް ބަލާ ތަފާތު ގޮތްތަކެއް ގެންގުޅެވިދާނެ ކަންތައްތަކެކެވެ. އެހެންނަމަވެސް މިލިޔުމުގައި އަޅުގަނޑު އަލިއަޅުވާލާނީ މިފަދަ ކަންތައްތަކުގެތެރެއިން ވީހާގިނަ ދާއިރާތަކަކަށް ބޭނުންތެރިވާނެކަމަށް އަޅުގަނޑަށް ފެންނަ ބައެއްކަންތައްތަކަށެވެ.

މީގެ ކުރީގެ ލިޔުމުގައި ފާހަގަކޮށްފައިވާ ގޮތުން މީހާ އެންމެ ބޮޑަށް މޯޓިވޭޓް ކުރާ އެއްޗަކީ ފައިސާއެއް ނޫނެވެ. އެހެން ނަމަވެސް ވަރަށް ހަނި ދާއިރާއެއްގައި ވަރަށް ބޮޑަށް މެކޭނިކަލް ޒާތުގެ މަސައްކަތްތައް ކުރާ ފަރާތްތައް، ކުރާ މަސައްކަތުން ލިބޭ ބޯނަސް ފަދަ އިންސެންޓިވް ތަކަށް މޯޓިވޭޓް ވާކަމުގައި ހޯދުންތަކުން ދައްކައެވެ. އެހެން ނަމަވެސް މިއީ ވަރަށް ހަނި ބޭންޑެއްގެ ތެރޭގައި ހިމެނޭ ކަންތައްތަކެކެވެ. މިސާލަކަށް ބަލާލަމާ ތޯއެވެ.

ރާއްޖޭގައި މިފަހަކަށް އައިސް އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔަ އެއް ވާހަކައަކީ ކަޓަމަރާނެއްގައި ރާއްޖެވަށާ ގައްބެ ކުރި ދަތުރުގެ ވާހަކަ އެހެންނޫންތޯއެވެ. އަޅުގަނޑުމެންނަށް ޓީވީ ތަކުންނާއި ނޫސްތަކުން މިކަން ކިތަންމެ ކުލަގަދަކޮށް ދެއްކިޔަސް، މިކަމަކީ ބިރުވެރިކަމުން ފުރިގެންވާ ކަމެއް ކަން ހަމަކޮންމެ ދިވެއްސަކުވެސް ޤަބޫލުކުރާނެއެވެ. އައްޑޫ ކަނޑާއި ހުވަދޫ ކަނޑާއި ކާށިދޫ ކަނޑު ފަދަ ބޮޑެތި ގަދަ ކަނޑުތަކުގައި ރިޔާނެގި ކަނދެއްގައި އެކަނިމާއެކަނި އެނުރައްކަލުން ފުރިފައިވާ ދަތުރު ގައްބެ ކުރީ ކީއްވެގެން ކަމާމެދު ވިސްނާވަޑައިގަތިންތޯއެވެ.

މޫސުންގޯސްވެ ވައިބާރުވެ ކުރިއަށް ނުދެވުމުން ކަޓަމަރާން ބަންޑުންޖަހައިލައިގެން މާކަނޑުގެ މެދުގައި އެކަނިމާއެކަނި އެތައް އިރެއްވަންދެން އިދެފައިވެސް، ދަތުރުކުރުކޮށްލުމުގެ ވިސްނުން ނުގެންގުޅެ، ރާއްޖެވަށާ އެކަނި ބުރުޖެހުމުގެ ލަނޑުދަނޑި ޙާޞިލްކުރުމަށް މަސައްކަތް ކުރުމަށް ގައްބެއަށް ހިތްވަރު ލިބުނީ ކޮންކަމަކާ ހެދި ބާއެވެ. އާދެ މޯޓިވޭޝަންއަކީ މިއީއެވެ. ސުވާލަކީ ގައްބެގެ މޯޓިވޭޓްވީ ސަބަބަކީ ކޮބައިބާވައެވެ. ހަމަގައިމުވެސް ފައިސާ ފަދަ ބޭރުފުށުގެ މޯޓިވޭޝަން އެއް ނޫން އެހެންނޫންތޯއެވެ.

އެކަން ގައްބެ ކުރީ ފައިސާ ހޯދުމަކަށް ނޫން އެހެންނޫންތޯއެވެ. އާދެ މިއީ އަޅުގަނޑު ކުރީގައިވެސް ދަންނަވާލިފަދަ އިންޓްރިންސިކް މޯޓިވޭޝަން އެވެ. އެތެރެފުށުގެ މޯޓިވޭޝަން އެވެ. އެކަން ކުރުމުން ލިބޭ ހިތް ހަމަޖެހުމާއި ކަމެއް ޙާސިލްވުމުން ލިބޭ ހިއްހަމަޖެހުމާއި، މީހުންގެ ހިއްވަރުގެ ބަސްތައް އިވުމުން ލިބޭ ހިތްހަމަޖެހުމާއި މިކަމުން ލިބުނު މަޝްހޫރުކަމުން ލިބުނު ހިތްހަމަޖެހުންފަދަ އިންޓަރނަލް މޯޓިވޭޝަން ތަކެވެ.

ކުރީގެ ލިޔުމުގައި އަލިއަޅުވާލެވިފައިވާ މޯޓިވޭޝަން ތިޔަރީ ތަކުގެ އަލީގައި މިޒަމާނުގެ ހޯދުންތަކުން، މީހުން މޯޓިވޭޓް ކުރުމަށް ކުރެވިދާނެ އެންމެ މުހިންމު ބައެއް ކަންތައްތައް ފާހަގަކޮށްފައި ވެއެވެ. މިގޮތުން ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި މީހުން އެންމެ ބޮޑަށް މޯޓިވޭޓްވާ ތިންކަމަކީ، އޮޓޯނަމީ ނުވަތަ އަމިއްލަ އަށް ކަންކަން ނިންމުމުގެ އިޚްތިޔާރާއި، މާސްޓަރީ ނުވަތަ ކަމެއްކުރުމުގެ ކުޅަދާނަކަން ނުވަތަ ޤާބިލްކަމާއި، ޕަރޕަސް ނުވަތަ ތިމާގެ އަމިއްލަ ނަފްސަށްވުރެ މުހިންމުކަން ބޮޑު ކަމަކަށް ތިމާގެ ފަރާތުން ބައިވެރިވުން ދިނުމެވެ.

އޮޓޯނަމީ ނުވަތަ އަމިއްލައަށް ކަންކަން ނިންމުމުގެ އިޚްތިޔާރު ދިނުމަކީ ކޮންމެހެން އިސްމީހާގެ ކޮންޓްރޯލްގެ ދަށުން ހުރިހާކަމެއް ނެޓިގެން ދިއުމެއް ނޫނެވެ. އެހެން ނަމަވެސް، ކުރާ މަސައްކަތަށާއި ވަގުތާއި ޙާލަތަށްބަލާ، ކުރާމަސައްކަތެއްގެތެރެއިން ކަންކަން ނިންމުމުގެ އިޚްތިޔާރު މުވައްޒަފުންނަށް ދިނުމަކީ އެމީހުން މަސައްކަތަށް އަހުލުވެރިކުރުވާ ކަމެކެވެ. މާސްޓަރީ ނުވަތަ އެމީހަކު ކުރާ މަސައްކަތެއް މޮޅަށް ކުރަން އެނގުމަކީ މިފަދަ އަނެއް ކަންތަކެވެ. މިގޮތުން އެމީހެންގެ ޤާބިލްކަން ނެތް މަސައްކަތެއް މީހަކާއި ޙަވާލުކޮށްފިނަމަ، އެމީހަކަށް އެމަސައްކަތް ހެޔޮގޮތުގައި ނުކުރެވޭތީ އެކަމުން ހިތްހަމަނުޖެހުން ތަކެއް ލިބިގެންދާނެއެވެ. އަނެއްކޮޅުން އެމީހެއްގެ ޤާބިލް ކަމަށްވުރެ ދަށް މަސައްކަތެއް ޙަވާލުކޮށްފިނަމަ، އެމަސައްކަތުން އެމީހަކު ދާދި އަވަހަށް ފޫހިވާނެއެވެ. މިސާލަކަށް ނަރުހަކާ ނުވަތަ އެޓެންޑެންޓަކާއި ބޮޑު އޮޕެރޭޝަނެއް ކުރަން ޙަވާލުކޮށްފިނަމަ ވާނެ ގޮތް ވިސްނާވަޑައިގަންނަވާށެވެ. ނުވަތަ މޮޅު އޮޕަރޭޝަން ޑޮކްޓަރަކު ކުރަންޖެހޭ ހަމައެކަނި މަސައްކަތަކީ ބޭސްއެޅުން ކަމުގައި ވެއްޖެނަމަ، އެމީހަކު ވަޒީފާއާއި ދޭތެރޭ ދެކޭނެގޮތް ވިސްނާވަޑައިގަންނަވާށެވެ.

ޕާރޕަސް ނުވަތަ ތިމާގެ އަމިއްލަ ނަފްސަށްވުރެ މުހިންމުކަން ބޮޑު ކަމަކަށް ތިމާގެ ފަރާތުން ބައިވެރިވުން ދިނުމުގެ ފުރުޞަތު ލިބުމަކީވެސް މީހުން އެކަމެއްގައި ދެމިތިބުމަށް ލިބިދޭ ބާރެކެވެ. އެހެން ގޮތަކަށް ދަންނަވާނަމަ މޯޓިވޭޓް ކުރުވާ ކަމެކެވެ. އޮފީހެއްގެ އެންމެ އާދައިގެ މަސައްކަތް ކުރާ މީހާއަށްވެސް އެމީހަކު ކުރާ މަސައްކަތަކީމުހިންމު މަސައްކަތެއްކަމުގައި ޤަބޫލުކޮށް، އެމީހަކު ކުރާ މަސައްކަތުގެ ސަބަބުން އެމީހެއްގެ އޮފީހަށް ކުރިއެރުންތަކެއް ލިބޭކަން ޤަބޫލުކުރާހާ ހިނދަކު އޭނާ ހުންނާނީ ވަޒީފާގައި ހިތްހަމަ ޖެހިފައެވެ. ތިޔައިގެތެރެއިން ކޮންމެ ބޭފުޅަކަށްވެސް އެންމެ އާދައިގެ މަސައްކަތްކުރާ ވޮޗަރުން ނާއި މަސައްކަތު މީހުން ނާއި ޑްރައިވަރުންގެ ތެރެއިންވެސް އެމީހެއްގެ މަސައްކަތާއިމެދު ފަޚުރުވެރިވާ މީހުން ދިމާވެފައި ހުންނާނެއެވެ. އަދި އެމީހުން އެމީހުންގެ ވަޒީފާއާއި ދޭތެރޭ އެމީހުން ދެކޭ ގޮތް އިޙްސާސްކުރެއްވެވިފައި ހުންނާނެއެވެ. އެފަދަ މީހުން ވަޒީފާއަށް މޯޓިވޭޓް ވަނީ ލިބޭ މުސާރަ ބޮޑުކަމުންނެއް ނޫނެވެ. މައިގަނޑު ގޮތެއްގައި އެމީހުން ކުރާ މަސައްކަތުގެ މުހިންމުކަން އިޙްސާސްކުރެވޭތީ އެވެ.

މިހާހިސާބުން ދެން އަޅުގަނޑު ކުރީގައި ދެންނެވި ގައްބެގެ މިސާލާއި މިދެންނެވުނު މަޢުލޫމާތު ތަކާއި އަޅުވާ ބައްލަވާލައްވާށެވެ. ގައްބެގެ ދަތުރުގައި އަމިއްލައަށް ކަންކަން ނިންމުމުގެ އިޚްތިޔާރު އޮތީ ކިހާވަރަކަށް ތޯއެވެ. އާދެ މުޅި ދަތުރުގެ ހުރިހާކަމެއް އޮތީ ގައްބެގެ ފުރިހަމަ އިޚްތިޔާރުގެ ދަށުގައި އެހެންނޫންތޯއެވެ. ފުރާނެ ގަޑިއާއި، ދަތުރުކުރާނެ މިސްރާބާއި، ލަފާނެ ރަށްރަށާއި، އެރަށްރަށުގައި ކުރާނެ ކަންތައްތަކާއި މިހެންގޮސް ހުރިހާކަމެއްވެސް ހިމެނޭގޮތުންނެވެ. ރިޔާނެގި ކަނދެއްގައި އެފަދަ ދަތުރެއް ކުރުމުގައި ގައްބެގެ ކުޅަދާނަކަމާއި ޤާބިލް ކަން ހުރިވަރާމެދު ހަމަ އެއްވެސް ކަހަލަ ޝައްކެއްވެސް އުފެދޭނެ ޖާގައެއް ނެތް އެހެންނޫންތޯއެވެ. އަދި މިފަދަ ދަތުރެއް ކުރުމުގެ ސަބަބުން ގައްބެގެ މިކުޅަދާނަކަން މުޅި ދުނިޔެއަށް ދައްކާލުމުގެ ފުރުޞަތު އެއީ ގައްބެގެ އެންމެ ބޮޑު އެއް މޯޓިވޭޝަން ކަމުގައި އަޅުގަނޑު ދެކެމެވެ. ދެންއޮތީ އެދަތުރު ކުރުމުގެ މަޤްސަދާއި އެކަމުން ގައްބެއަށް ލިބުނު ހިތްހަމަޖެހުމުގެ ވާހަކައެވެ. ހަމައެކަނި އެންމެ ވާހަކައަކުން މިކަމަށް

އަލިއަޅުވާލާނަމެވެ. މުޅި ދިވެހިރާއްޖޭގައި މިއަދު، ކުޑަވިޔަސް ބޮޑުވިޔަސް، ދޭސީ ވިޔަސް ބިދޭސީ ވިޔަސް ގައްބެ އޭ ބުނުމުން އެއީ ކާކުކަމާއި ކީއްކުރި މީހެއްކަން ނޭގޭނެ މީހަކު ހުންނާނެޔެކޭ އަޅުގަނޑު ހިތެއް ނުބުނެއެވެ. އެހާވެސްބޮޑަށް ގައްބެ މިކަމުން މަޝްހޫރުވެގެން ދިޔަނޫންތޯއެވެ. އާދެ މިބިރުވެރި، ނުރައްކާތެރި އަދި ދަތި އުނދަގޫ ދަތުރު ގައްބެ ފަށައިގެން ގޮސް ނިންމާލުމުގައި ގައްބެ މޯޓިވޭޓްވީ ކިހިނެތްވެގެންކަން މިހާރު އިޙްސާސްކޮށްލެވޭނެ ކަމުގައި އަޅުގަނޑު އުންމީދު ކުރަމެވެ.

އަލީ އާމިރު

އެޑިޓަރުގެ ނޯޓް: މ. އާސްތާނާ އަލީ އާމިރަކީ، ހިންގުމާއި މެނޭޖްމަންޓްގެ ދާއިރާގެ ތަޖުރިބާކާރެކެވެ. ސަރުކާރުގެ އިސް މަގާމުތަކެއްގައި ގިނަ އަހަރުތަކެއްގައި ޚިދުމަތް ކުރެއްވުމުގެ އިތުރުން ކުޅިވަރުގެ ހިންގުމުގެ ދާއިރާގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ، އާމިރު ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ރޮނގުން މާސްޓާސް ޑިގްރީ ޙާޞިލުކުރައްވާފައި ވެއެވެ. ލިޔުއްވުމަކީ އޭނާގެ އާއިލާގެ ތެރެއިން އައިސްފައިވާ އޭނާގެ ވެސް ވަރަށް ބޮޑު ޝައުގުވެރި ކަމެކެވެ.