ދިވެހި މީޑިއާ

"ހަވީރު" މުވައްޒަފުން އެހެން މީޑިއާއެއްގައި އުޅޭނަމަ ފިޔަވަޅު އަޅަން އަމުރުކޮށްފި

ހިންގުން ހުއްޓާލާފައި އޮތް "ހަވީރު" ނޫހުގައި އުޅުނު މުވައްޒަފުން އެހެން މީޑިއާގެ އޮފީހެއްގައި މަސައްކަތް ކުރާ ނަމަ ފިޔަވަޅު އަޅަން ހޯމް މިނިސްޓްރީގެ މައްޗަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ސިވިލް ކޯޓުން މި މައްސަލާގައި މިއަދު އަމުރެއް ނެރުނު އިރު ހަވީރުގައި މަސައްކަތް ކުރި ހުރިހާ މުވައްޒަފުން މިހާރު މަސައްކަތް ކުރަނީ "މިހާރު" ގެ ނަމުގައި އުފައްދާފައިވާ ނޫހެއްގަ އެވެ.

ހައިކޯޓުގައި ހަވީރު ނިއުސް އެޖެންސީގެ މިލްކިއްޔާތާ ގުޅޭ ގޮތުން ކޮށްފައިވާ ހުކުމުގައިވާ ކަންކަން ތަންފީޒު ކޮށްދިނުމަށް އެދި ހަވީރު ނިއުސް އެޖެންސީގެ ތިން ހިއްސާދާރުން ކަމަށްވާ އަބްދުﷲ ފާރޫގު ހަސަނާއި މުހައްމަދު ނައީމް އަދި އިބްރާހިމް ރަޝީދު މޫސާ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ، ހަވީރު ހިންގުން ތިން ހިއްސާދާރުން ސާމިލުވާ ގޮތަށް ހިންގުމަށް ސިވިލް ކޯޓުން ވަގުތީ އަމުރު ނެރުނުއިރު ހަވީރުގައި މަސައްކަތްކުރަމުންދާ އެއްވެސް މުވައްޒަފަކަށް އެހެން ނޫހެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށެވެ. އަދި އެގޮތާ ހިލާފަށް އެއްވެސް މުވައްޒަފަކު އަމަލުކުރާނަމަ ހޯމް މިނިސްޓްރީ މެދުވެރިކޮށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ. މިކަން ދެ އަހަރު ދުވަހުގެ މުއްދަތަށް ހިނގާނެ ކަމަށް ހުކުމުގައިވެ އެވެ.

އެގޮތަށް ނިންމީ، ހުކުމުގައިވާ ގޮތުން މުވައްޒަފުންނަކީ ތަނާ ގުޅިފައިވާ ބަޔަކަށްވާތީ، އެއް ފަހަރާ ހުރިހާ މުވައްޒަފުން ކެނޑިގެން ދިޔުމުން ހަވީރަށް އޭގެ ގެއްލުން ލިބޭނެތީ އެވެ. މީގެކުރިން ރާއްޖޭގައި އެގޮތަށް އަމަލުކޮށްފައިވާ ކަމަށާއި އެއީ ގާނޫނުން ތަންދޭ ކަމެއް ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފަ އެވެ.

މިއަދު ކުރި ހުކުމުގައި އިތުރަށް ބުނެފައިވަނީ، ހަވީރު މީޑިއާ ގުރޫޕަށް ހަވީރު ނޫހާއި އޮންލައިން އަދި އެހެންވެސް ވިޔަފާރިތައް ބަދަލުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންކަމުން އެތަކެތި ހަވީރު ނިއުސް އެޖެންސީއަށް ބަދަލުކުރުމަށް ވެސް ވަނީ އަންގާފަ އެވެ. އަދި ހަވީރު ނަމަކީ ހަވީރު ނިއުސް އެޖެންސީގެ މިލްކެއް ކަމަށާއި އެހެންކަމުން އެ ނަމުގައި އެހެން ކުންފުންޏެއް ނުފެއްދޭނެ ކަމަށެވެ. އެހެންކަމުން ހަވީރު މީޑިއާ ގުރޫޕްގެ ނަން ބަދަލުކުރުމަށް ވެސް ވަނީ އަންގާފަ އެވެ. ހަވީރު މީޑިއާ ގުރޫޕަށް ހަވީރު ނޫސް ބަދަލުކުރީ ތިން ހިއްސާދާރުން މުދަލާއި ފައިސާ ވަންހަނާކުރުމަށް ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ.

މީގެއިތުރުން ތިން ހިއްސާދާރުން ހައްގު ހަތަރުވަނަ ހިއްސާދާރު އަދި ހަވީރު ޗެއާމަން ޒާހިރު ހުސެއިން ނިގުޅައިގަނެފައިވާ ކަމަށް ވެސް ހުކުމުގައިވެ އެވެ. އަދި އެކަން ކޮށްފައިވަނީ ބާތިލު ގޮތުގައި ކަމަށާއި ތިން ހިއްސާދާރުންގެ ވެސް ހައްގު ލިބެންޖެހޭ ކަމަށެވެ.

ތިން ހިއްސާދާރުން މި މައްސަލަ ސިވިލް ކޯޓަށް ވެއްދީ ހަވީރަށް ލިބިފައިވާ އާމްދަނީގެ ތަފްސީލު ސާފުކުރުމަށާއި ހިއްސާދާރުންނަށް ހައްގުވާ ލިބިފައިވާ ސާފު ފައިދާ އޮޅުންފިލުވަން ކަމަށްވީ ނަމަވެސް ހުކުމުގައި ސާފުފައިދާގެ އަދަދާއި ހަވީރަށް މިހާތަނަށް ލިބުނު ފައިސާގެ އަދަދު ހިމަނާފައިނުވާކަން ފާހަގަކޮށްލެވެ އެވެ.