ބޭރު ކުޅިވަރު

ރީތިކޮށް ކުޅެގެން ސެމީ އަށް ނުދެވިދާނެ: ލޮރިސް

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދާން މިރޭ އައިސްލޭންޑާ ދެކޮޅަށް ހަމައެކަނި ރީތިކޮށް ކުޅެގެން ސެމީ ފައިނަލަށް ނުދެވޭނެ ކަމަށް ފްރާންސް ޓީމުން ބުނެފި އެވެ.

ކެޕްޓަން ހޫގޯ ލޮރިސް ބުނީ މުބާރާޓުގެ ފަހުކޮޅަށް އެޅިފައިވާއިރު ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނޭނީ ލަނޑު ޖަހައިގެން ކަމަށެވެ.

"އަހަރުމެން ވެސް މޮޅި އަހަރުމެންނާ ބުނުމަކުން ސެމީ އަށް ނުދެވޭނެ. އަހަރުމެން ޖެހޭނެ މޮޅުކަން ސާބިތުކޮށްދޭން. ރީތިކޮށް ކުޅެގެން ވެސް ސެމީ އަށް ނުދެވިދާނެ. މޮޅުވާން ކުޅެ، މޮޅުވެގެން ސެމީ އަށް ދެވޭނީ،" ލޮރިސް ބުންޏެވެ.

މިރޭގެ މެޗަށް ފްރާންސް ނުކުންނައިރު ޓީމުގެ މުހިންމު ދެ ކުޅުންތެރިއަކު ވަނީ ދެ ރީނދޫ ކާޑު ހަމަވެގެން ސަސްޕެންޑްވެފަ އެވެ. އެއީ ޑިފެންޑަރު އާދިލް ރަމީ އާއި އެންގޯލޯ ކަންޓޭ އެވެ.
މީގެ ތެރެއިން ފްރާންސް އާދިލް ރަމީގެ ބަދަލުގައި ފުރަތަމަ 11އިން ފެނުން ގާތީ ސެމިއުލް އުމްޓިޓީ އެވެ. އޭނާ އަކީ ގައުމީ ޓީމުގެ ތަޖުރިބާ ނެތް ކުޅުންތެރިއެކެވެ.

ފްރާންސް މިހާތަނަށް ކުޅުނު ހަތަރު މެޗުގައި މެދުތެރެއިން އެންމެ މުހިންމު ކުޅުންތެރިއަކީ ލެސްޓާ ސިޓީ އަށް ކުޅޭ ކަންޓޭ އެވެ. ފްރާންސް އާއްމުކޮށް ކުޅޭ 4-3-3 ފޯމޭޝަނަށް މިރޭ ވެސް ކުޅޭނަމަ ކަންޓޭގެ ބަދަލުގައި ކުޅެން ނުކުތުން ގާތީ ޔޯހަން ކަބާޔޭ އެވެ. ސިސްޓަމް ބަދަލުކޮށްފިނަމަ މޫސާ ސިސޯކޯ އާއި ކިންގްސްލީ ކޯމަން ފެނުން ވަރަށް ގާތެވެ.

މި މެޗަށް މި ދެ ޓީމު ނުކުންނައިރު މި ދެ ޓީމު 11 ފަހަރު ކުޅެފައިވެ އެވެ. މީގެ ތެރެއިން އަށް ފަހަރު ފްރާންސް މޮޅުވިއިރު އައިސްލޭންޑް އަތުން ބަލިނުވެ އެވެ.