ބޭރު ކުޅިވަރު

އައިސްލޭންޑްގެ އެއްލުންތަކަކީ ހިލޭޖެހުމެއް. ސަމާލުވާނަން: ޑެޝޯން

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އައިސްލޭންޑާ ދެކޮޅަށް ނުކުންނައިރު އެ ޓީމުގެ އެއްލުންތަކަށް ވަރަށް ބޮޑަށް ސަމާލުވާނެ ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯން ބުނެފި އެވެ.

އޭނާ ބުނީ މުބާރާތުގެ ކުއާޓާ ފައިނަލާ ހަމައަށް އައިސްލޭންޑް ދަތުރުކުރިއިރު އެ ޓީމުގެ އެއްލުންތައް ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ.

"އެމީހުންނަށް މާގިނަ ހިލޭޖެހުންތަކާއި ކޯނަރުތަކެއް ނުލިބޭ. އަދި ނުލިބޭނެކަން އެމީހުންނަށް ވެސް އެނގޭ. މިހެންވެ އެމީހުން 30 މީޓަރު ނުވަތަ 40 މީޓަރު ދުރުން (ޕެނަލްޓީ އޭރިޔާތެރެއަށް) އެއްލާ ބޯޅަތަކަކީ ހިލޭޖެހުމެއް ފަދަ ބޯޅައެއް. މިހެންވެ އަހަރުމެން އެކަމަށް ސަމާލުވާންޖެހޭ. ކުރީގައި އެތިބީ އިސްކޮޅުން ދިގު ދެ ފޯވަޑުން. އެމީހުން ވަރަށް ނުރައްކާކުރޭ މިބޯޅަތަކުން. އަހަންނަށް އަހަރެންގެ ޑިފެންޑަރުންގެ އިސްކޮޅު ދިގެއް ނުކުރެވޭނެ. އެކަމަކު އަހަރުމެން ޓީމުގައި އެބަތިބި މަތީބޯޅަތަކަށް ޑީޅްކުރެވިދާނެ ކުޅުންތެރިން،" ޑެޝޯން ބުންޏެވެ.

އޭނާ ބުނީ އިންގްލޭންޑް އަތުން އައިސްލޭންޑް މޮޅުވި މެޗުގައި ވެސް ގޯލު ޖަހާފައިވަނީ އެއްލުންތަކުން ކަމަށާއި މިހެންވެ އޭނާގެ ކުޅުންތެރިން މެޗުތައް ބަލައި ވަރަށް ބޮޑަށް މިކަންކަމަށް ފަރުވާތެރިވާނެ ކަމަށެވެ.