ހަބަރު

ޕީޖީ ގްރޫޕްގެ މަސައްކަތްތަކުގެ މައުލޫމާތު މައުމޫން އަށް ދޭން ނިހާންއަށް އަންގައިފި

Jul 3, 2016
6

ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ މަސައްކަތްތަކުގެ ތަފްސީލްތައް 10 ދުވަހުގެ ތެރޭގައި ޕާޓީއާ ހިއްސާ ކުރުމަށް، ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކަށް އަންގަވައިފި އެވެ.

ޕީޕީއެމްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޕީޕީއެމް އިސްލާހު ކުރުމަށް ޕާޓީގެ ރައީސް ފެއްޓެވި މަސައްކަތްތަކުގެ ދަށުން ނިހާން އަށް މިއަދު ފޮނުއްވި ސިޓީގައި މައުމޫން އެދިވަޑައި ގަތީ، ޕީޕީއެމްގެ ޕީޖީ ގްރޫޕުން މިހާތަކަށް ބޭއްވި ޖަލްސާތަކަށް ހާޒިރުވި މެންބަރުންނާއި އެ ބައްދަލުވުންތަކުގައި ނިންމި ކަންތައްތަކާއި މެންބަރުން ވޯޓު ދެއްވި ގޮތުގެ ތަފްސީލުތައް ޕާޓީއަށް ލިޔުމަކުން ހިއްސާ ކުރުމަށެވެ. އަދި އެ ބައްދަލުވުންތަކުގެ ޔައުމިއްޔާތައް ވެސް ފޮނުއްވުމަށް މައުމޫން ވަނީ އެދިވަޑައިގެންފަ އެވެ. ބައްދަލުވުންތަކަށް ހުށަހެޅުނު ކަންތައްތަކާއި މެންބަރުން ވޯޓު ދެއްވި ގޮތް 10 ދުވަހުގެ ތެރޭހައި ހިއްސާ ކުރުމަށް މައުމޫން ވަނީ ނިހާންގެ ކިބައން އެދިފަ އެވެ.

ޕީޕީއެމްގެ އެތެރެއަށް ކޮރަޕްޝަން ވަރަށް ބޮޑަށް ވަދެ، ޕާޓީގެ ޑިމޮކްރަސީ އެކީ ފުޑުފުޑުވެފައިވާ ކަަމަށް ވިދާޅުވެ މައުމޫން ވަނީ އިސްލާހީ އެޖެންޑާއެއް އިއުލާން ކުރައްވައިފަ އެވެ. އަދި މިއަދު ވަނީ އެ އިސްލާހީ އެޖެންޑާގެ ޓައިމްލައިން ވެސް އާންމު ކުރައްވައިފަ އެވެ. މައުމޫން އިސްލާހީ އެޖެންޑާއެއް ފެއްޓެވީ، ޕްރައިމަރީއަކާ ނުލާ މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދިނުމަށް ޕާޓީގެ ކައުންސިލް މެންބަރުންތަކެއް މަސައްކަތް ފެއްޓެވުމުންނެވެ.