ރާއްޖެ ކުޅިވަރު

ދަނޑުގައި ފެންބޮޑުވެ، ވެޓަރަންސް ކަޕް ފައިނަލް ހުއްޓާލައިފި

ވެހެމުންދިޔަ ވާރޭ ބޯކޮށް ޓާފްދަނޑުގައި ފެންބޮޑުވުމުން ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު މިއަދު ހުއްޓާލައިފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ވެލެންސިއާ އާއި ނިއުރޭޑިއަންޓް ކުޅުނު ފައިނަލް މެޗު ހުއްޓާލީ މެޗުގެ 19 މިނިޓް ކުޅުމަށްފަހު އިތުރަށް މެޗު ކުރިއަށް ގެންދެވޭގޮތް ނުވެގެންނެވެ. އެއިރު ދެ ޓީމުކުރެ އެއްވެސް ޓީމަކުން ގޯލެއް ނުޖަހަ އެވެ.

މުބާރާތް އިންތިޒާމްކުރާ މޯލްޑިވްސް ސޮކާ މޭޓްސްއިން ބުނީ ފައިނަލް މެޗު ދެން ކުޅޭނީ މޫސުން ތަންދޭނަމަ މާދަމާ ހަވީރު ޓާފް ދަނޑުގައި ކަމަށެވެ.

މިއަދުގެ މެޗު ފެށީ ވާރޭގެ ތެރޭގަ އެވެ. އަދި މެޗު ހުއްޓާލީ މެޗު ކޮމިޝަނަރާއި ރެފްރީން ދެ ޓީމުގެ ކެޕްޓަނުންނާ ވާހަކަ ދެއްކުމަށްފަހު އެވެ.

ހަތް ޓީމު ވާދަކުރި ވެޓަރަންސް މުބާރާތުގެ ފައިނަލަށް ވެލެންސިއާ ދަތުރުކުރީ ސެމީގައި މާޒިޔާ 4-0އިން ބަލިކޮށްފަ އެވެ. ނިއު ސެމީ އަށް ދިޔައީ ބީޖީ 10-1އިން ބަލިކޮށްފަ އެވެ.