ޕީޕީއެމް

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ކަމުން ތޮލާލް އިސްތިއުފާ ދެއްވައިފި

Jul 4, 2016
6

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ގެ މަގާމުން މުހައްމަދު ތޮލާލް އިސްތިއުފާ ދެއްވައިފި އެވެ. ތޮލާލް މިރޭ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ޕާޓީގެ ކަންކަން ދާގޮތާ މެދު ހިތްޕުޅު ހަމަޖެހިވަޑައި ނުގެން ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު އެ ޕާޓީ އިސްލާހު ކުރަންވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ރިފޯމް އެޖެންޑާ އެއް ހުށަހަޅުއްވާ އެކަމަށް މަސައްކަތްތަކެއް ފައްޓަވާފައިވާ ދަނޑިވަޅެއްގަ އެވެ.

މިރޭ އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ތޮލާލް ވިދާޅުވީ އޭނާ މަގާމުން އިސްތިއުފާ ދެއްވީ މިހާރު ޕާޓީގެ ކަންކަންދާ ގޮތުން އެ މަގާމުގައި ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނާތީ އާއި ޕާޓީ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ނަމެއްގައި ހުންނެވުމަކީ ބޭނުން ކަމެއް ކަމަށް އަމިއްލަ ނަފުސަށް ވެސް ގަބޫލު ނުކުރެއްވޭތީ ކަމަށެވެ.

"އަޅުގަނޑު ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން އިސްތިއުފާ ދީފިން. އެކަން މިހާރު ވާނީ ޕާޓީގެ ރައީސަށް އަންގާފައި މާދަމާ ހެނދުނު އަޅުގަނޑުގެ އިސްތިއުފާގެ ރަސްމީ ސިޓީ ވެސް ޕާޓީގެ ރައީސަށް ފޮނުވާނަން،" ތޮލާލް ވިދާޅުވި އެވެ. "ޕާޓީގެ ކަންކަން މިހާރު މިދަނީ ވާނުވާ ނެނގޭ ކަންތައްތަކެއްގެ ތެރެއިން ލާފައި، އަނެއްކޮޅުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މައްޗަށް ލާޒިމް ކުރާ މަސްއުލިއްޔަތުތަކެއް އޮއްވާ އެކަންނަ ވެސް ވާނުވާ ނޭނގޭ ގޮތަށް ގޮސް އެ މަގާމުގައި ހުންނަ މީހާއަކީ ނަމެއްގައި ހުންނަ މީހަކަށްވީ ދަނޑިވަޅު އަޅުގަނޑު މަގާމުގައި ހުރުމަކީ ނަފުސަށް ގަބޫލު ކުރެވޭ ކަމެއް ނޫންވީމަ އިސްތިއުފާ ދިނީ،"

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ތޮލާލް ވަޑައިގެންނެވީ އޭޕްރީ 8، 2014 އިގައި ކައުންސިލްގެ އިއްތިފާގުންނެވެ. ޕާޓީގެ އަސާސީ ގަވައިދު ބުނާ ގޮތުން އެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރާނީ ޕާޓީގެ ރައީސް ކައުންސިލަށް ނަމެއް ހުށަހެޅުއްވުމުން ކައުންސިލްގެ ރުހުން ލިބިގެނެވެ.