ރިޕޯޓް

ލޯމާ ރިސޯޓް މާމިގިލިން ޓޫރިސްޓުންނަށް ދިވެހި ތާރީހާއި ސަގާފަތް

Feb 16, 2015

އެކި ރިސޯޓުތައް ހާއްސަވަނީ އެކި ގޮތް ގޮތަށެވެ. ބައެއް ރިސޯޓުތަކުގައި ހުދު ބޯކިރު ކޮޅެއް ފަދަ ހިތްގައިމު ދޮންވެލީގެ ތުންޑިތަކެވެ. އަނެއްބައި ރިސޯޓުތައް ހާއްސަވަނީ ވަށައިގެންވާ ބިއްލޫރި ކޮޅެއް ފަދަ ސާފު ހިތްގައިމު މޫދުގެ ސަބަބުންނެވެ. ނުވަތަ ރިސޯޓުގެ ހިތް ގައިމު ފަރުމާ ކުރުމުންނެވެ. ނަމަވެސް މިފަހަރު މުޅިން ތަފާތު ރިސޯޓެކެވެ. މި ހުރިހާ ސިފަތަކާއެކު، މުޅިން ތަފާތު ކަމެއް ހުރި ރިސޯޓެއް ރާއްޖޭގައި ހުޅުވައިފި އެވެ. ރ. މާމިގިލީގައި ހުޅުވި ލޫމާ ރިސޯޓް މާމިގިއްޔަކީ މި ރިސޯޓަށް ދާ ޓޫރިސްޓުންނަށް ރާއްޖޭގެ މުއްސަނދި ސަގާފަތާއި ތާރީހުގެ "މަންޒަރު" ތައް ފެންނަ ރިސޯޓެކެވެ.

"މި ރިސޯޓުން ދައްކައިދެނީ ޓޫރިސްޓުންނަށް މެހުމާނުދާރީ އަދާކުރުމުއް ވެއްޓެއް. މިއާއެކު މި ކަމަށް އިތުރު ފުރިހަމަ ކަމެއް މި ގެނެސްދެނީ ރާއްޖޭގެ ތާރީހާއި ސަގާފަތް ފެންނަން ހުރުން،" ތައިލެންޑުގެ ލޯމާ ހޮޓެލްސް އެންޑް ރިސޯޓުން ރާއްޖޭގައި ހިންގަމުން ގެންދާ ލޯމާ މާމިގިލި ރިސޯޓުގެ ޖެނެރަލް މެނޭޖަރު އަންދްރޭސް ރޫބިއޯ ވިދާޅުވި އެވެ.

ލޯމާ ރިސޯޓު މާމިގިލިޔަށް ޓޫރިސްޓުން އަރައިގެން އަންނައިރު އެންމެ ފުރަތަމަ ވެސް ދިމާވަނީ ސަގާފީ އާދަކާދަ ދައްކުވައިދޭ ކުރެން ތަކެވެ. ރީތި މަންޒަރުތަކެވެ. އެތަނަކީ ކުޑަކުޑަ "ދާރުލް އާސާރެކޭ" ވެސް ބުނެވިދާނެ އެވެ. ނޭޝަނަލް އާޓްގެލެރީގެ އެކީތެރިކަމާއެކު އެ ރިސޯޓުގައި ބަހައްޓާފައިވާ މި ކުރެހުންތަކުގެ އިތުރުން ތާރީހީ ގިނަ ތަކެތި މި ދާރުލްއާސާރުން ޓޫރިސްޓުންނަށް ފެންނަން ހުރެ އެވެ.

 

އެހެން ރިސޯޓުތަކާ ހިލާފަށް ލޯމާ ރިސޯޓު މާމިގިލީގެ ވެބްސައިޓު ވެސް ފަރުމާކޮށްފައިވާ ދިވެހި މަންޒަރު ފެންނަ ގޮތަކަށެވެ. ފެބްސައިޓަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް އެންމެ ފުރަތަމަވ ެސް އަޅައިގަންނާނީ ރިސޯޓުގެ މަތިން ނަގާފައިވާ ހިތްގައިމު އޭރިއަލް ފޮޓޯއަކާއި އެކު "ވެލްކަމް ޓު މޯލްޑިވްސް" އެވެ. އަދި އޭގެ ތިރީގައި ލެޓިން އަކުރުން ލިޔެފައިވަނީ އައްސަލާމް އަލައިކުމް އެވެ. އަދި ވެބްސައިޓުގެ ތިރިއަށް ދާވަރަކަށް ދިވެހިންގެ މަސައްކަތްތެރިކަމުގެ ތަސްވީރުތައް ފެނެ އެވެ. މީގެ އިތުރުން ރާއްޖޭގެ ސަގާފީ ކުރެހުންތައްވެސް ފެންނަ ގޮތަށް ވެބްސައިޓަށް ލާފައިވެ އެވެ.

ލޯމާ ރިސޯޓު މާމިގިލީގެ މައި ރެސްޓޯރެންޓަށް ނަން ދީފައިވަނީ "ތުނޑީ" ގެ ނަމުންނެވެ. އިންޓަނޭޝަނަލް ކެއުންތަކާއި ތައިލެންޑުގެ ރަހަތަކަށް ހާއްސަ މި ރެސްޓޯރެންޓުގައި ތިބޭ ކައްކާއިން ނަކީ ކެއްކުމުގެ މާހިރުންނެވެ. ހުނަރުވެރިންނެވެ. މީގެ އިތުރުން މި ރިސޯޓުގައި 38 ބީޗް ވިލާ އާއި ފެމެލީ ވިލާއަކާއި ތިން ބީޗް ސުވިޓްސް މީގެ އިތުރުން ކަނޑުން އަރައިގެން އަންނަ ހިތްގައިމު ރޯޅިތައް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ފުރިހަމަ 52 އޯޝަން ވިލާ ވެސް ހުރެ އެވެ. މީގެ އިތުރުން އޯޝަން ސުވިޓްސްއަކާއި އެންމެ މަތީ ފަންތީގެ ޓޫރިސްޓުންނަށް ހާއްސަ ރޯޔަލް އޯޝަން ސުވިޓްސް ވެސް ހުރެ އެވެ.